Roadha Mihaaru
މުއިއްޒުގެ ހެކިން ބަލައިނުގަނެވޭނެ ސަބަބެއް ނެތް: ކޯޓް

މުއިއްޒުގެ ދިފާއީ ހެކިން ބަލައިނުގަނެވޭނެ ސަބަބެއް ނެތް: ކޯޓް

09 ފެބުރުއަރީ 2023

މާލޭގެ މޭޔަރު މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދައުވާގައި އޭނާގެ ދިފާއީ ހެކިން ބަލައިނުގަތުމަށް ދައުލަތުން އެދުނަސް، އެގޮތަށް ނިންމޭނެ ސަބަބެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފަ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގެ މޭޔަރު މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދައުވާގައި އޭނާގެ ދިފާއީ ހެކިން ބަލައިނުގަތުމަށް ދައުލަތުން އެދުނަސް، އެގޮތަށް ނިންމޭނެ ސަބަބެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފަ އެވެ.

ދޮގު ބަޔާން ދިނުމުގެ ދައުވާ މުއިއްޒުގެ މައްޗަށް ދައުލަތުން ކުރަނީ އޭނާ ކުރީގެ ސަރުކާރުގައި ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު ނޫމަޑި ކުންފުންޏާ އެކު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލާގައި ނެދަލޭންޑްސްގެ އާބިޓްރޭޝަނަށް ދޮގު ބަޔާނެއް އޭނާ ދެއްވި ކަމަށް ބުނެ އެވެ.

އެ މައްސަލާގައި މުއިއްޒުގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިން ބަލައިނުގަތުމަށް ދައުލަތުން އޮތީ ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއް ކުރިން ކޯޓަށް ހުށަހަޅައިފަ އެވެ. އެއީ ތަހުގީގުގައި މުއިއްޒު ހަނު ހުރެފައިވާތީ ކަމަށް ބުނެ އެވެ.

ނަމަވެސް މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބް ވިދާޅުވީ ދިފާއީ ހެކިތައް ބަލައިނުގަނެވޭނެ ސަބަބެއް ދައުލަތަށް ނުދެއްކޭ ކަމަށެވެ. އަދި އެގޮތަށް ނިންމެވި ސަބަބުތައް ތަފްސީލާ އެކު، ލިޔުމުން ދެ ފަރާތަށް ދޫކޮށް އަދި އާންމު ކުރާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެ މައްސަލާގައި ދެން އޮންނާނީ ޝަރީއަތުގެ އަސްލު އަޑުއެހުންތައް ފަށައި، ހެކިންގެ ހެކިބަސް ނެގުމެވެ. އެހެންވެ، ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމަށްޓަކައި މިމަހުގެ 20 ވަނަ ދުވަހާއި 22 ވަނަ ދުވަހު އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެހެން ނަމަވެސް މުއިއްޒުގެ ދިފާއީ ހެކިންގެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރާނަމަ، ދިފާއީ ހެކިބަސް ނެގުން ފަސްކުރާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ ސޮފްވަތު ވިދާޅުވީ ދައުލަތުގެ ހެކިންތަކެއް ތަހުގީގަށް ބަޔާން ދިނަސް، ކޯޓަށް ހެކިބަސް ދޭން ބޭނުންނުވާ ފަދަ ގޮތަކަށް ކޯޓަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ މީހުން ހެކިންގެ ގޮތުގައި ދައުލަތުން ކޯޓަށް ހުށަހަޅާފައިވާތީ އެ މީހުން ކޯޓަށް ހާޒިރު ކުރާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ނޫމަޑިއާ އެކު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލާގައި ބޮޑު ބަދަލެއް ހޯދަން އެ ކުންފުނިން ނެދަލޭންޑްސްގެ އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅުމުން މި ސަރުކާރުން ވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، 55 މިލިއަން ޑޮލަރުގެ ބަދަލެއް އެ ކުންފުންޏަށް ދީފަ އެވެ.