Roadha Mihaaru
މުއިއްޒަށް ހައި ކޯޓުން ވެސް ކާމިޔާބެއް ނުވި

މުއިއްޒަށް ހައި ކޯޓުން ވެސް ކާމިޔާބެއް ނުލިބުނު

16 އޮކްޓޯބަރ 2022

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދޮގު ބަޔާން ދިނުމުގެ ދައުވާއާ ގުޅިގެން އޭނާގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހުށަހެޅުންތައް ބަލައިނުގަތް މައްސަލަ ހައިކޯޓުން ވެސް މިއަދު އޭނާއަށް ނާކާމިޔާބުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދޮގު ބަޔާން ދިނުމުގެ ދައުވާއާ ގުޅިގެން އޭނާގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހުށަހެޅުންތައް ބަލައިނުގަތް މައްސަލަ ހައިކޯޓުން ވެސް މިއަދު އޭނާއަށް ނާކާމިޔާބުވެއްޖެ އެވެ.

ދޮގު ބަޔާންދިނުމުގެ ދައުވާ ކުރަނީ މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު، ނޫމަޑި ކުންފުންޏާ އެކު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލާގައި ނެދަލޭންޑްސްގެ އާބިޓްރޭޝަންގައި އެ ކުންފުންޏާ އެއްކޮޅަށް ބަޔާނެއް ދެއްވި ކަމަށް ބުނެ އެވެ.

އެ މައްސަލާގައި މުއިއްޒުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ނާކާމިޔާބުވުމުން އެ މައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފްކުރި އެވެ. މުއިއްޒުގެ ފަރާތުން އިސްތިއުނާފްކުރީ އާބިޓްރޭޝަނަށް ބަޔާންދިނީ ކޮން ތަނެއްގައި ހުރެކަން ދައުވާގައި ބުނެފައި ނެތުމަކީ ދައުވާ ފުރިހަމަ ނުވާ ކަމެއް ކަމަށް ބުނާ ނުކުތާ އެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމުގައިވަނީ މުއިއްޒުގެ ފަރާތުން އިސްތިއުނާފް ހުށަހަޅާފައިވަނީ ޖިނާއީ އިޖްރައާތުގެ ގާނޫނުގެ 106 ވަނަ މާއްދާއާ ޚިލާފަށް ދަށު ކޯޓުން އަމަލުކުރި ކަމަށް ބުނެ ކަމަށް ވިޔަސް، ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ނިންމާ ނިންމުންތަކަކީ އެ މަރުހަލާގައި ނިންމާ ނިންމުންތަކެއް ނޫން ކަމަަށެވެ.

ގާނޫނުގެ 106 ވަނަ މާއްދާއަކީ އިބްތިދާއީ މަރުހަލާގެ ވާހަކަ ބަޔާންކުރާ މާއްދާ ކަމަށްވާއިރު، ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް އެ މަރުހަލާގެ އުސޫލު ހިނގާނެ ގޮތެއް މުއިއްޒުގެ ފަރާތުން ބުނެނުދެވޭ ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ނިންމާ ނިންމުންތަކަކީ މަދަނީ މިންގަނޑުން ބެލުމަށްފަހު ނިންމާ ނިންމުންތަކަކަށް ވާތީ ޝަރީއަތުގެ މަރުހަލާގައި އެކަންކަމާ މެދު ޗެލެންޖް ކުރުމުގެ ފުރުސަތު ނުގެއްލޭނެ އެވެ.

އެހެންވެ، މުއިއްޒުގެ ފަރާތުން ފާހަގަކުރި ކަންކަމަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާ ކުރާ މައްސަލައަކަށް ނުވާތީ އެ މައްސަލަ އެ މައްސަލަ ހައިކޯޓުގައި ކުރިއަށް ގެންދަންޖެހޭ ސަބަބެއް ނެތް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ހައިކޯޓުން ބެއްލެވީ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަހީދެވެ.