Roadha Mihaaru
ޑްރަގް ފޮށްޓެއް ނުގެއްލޭ، ވީ ޝައްކެއް!

ޑްރަގް ހުރި ފޮށްޓެއް ނުގެއްލޭ، ޝައްކުވީ ފޮށްޓެއް ގެނައި ކަމަށް: ކޮމިޝަނަރު އޮފް ކަސްޓަމްސް

09 ފެބުރުއަރީ 2023

ރާއްޖެއަށް މީހަކު ގެނައި 30 ކިލޯ ހުރި ޑްރަގް ފޮށްޓެއް ނުގެއްލޭ ކަމަށާއި ޝައްކުވީ އެ މީހާ އިތުރު ފޮށްޓެއް ގެނައި ކަމާ މެދު ކަމަށް ކޮމިޝަނަރު އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެއަށް މީހަކު ގެނައި 30 ކިލޯ ހުރި ޑްރަގް ފޮށްޓެއް ނުގެއްލޭ ކަމަށާއި ޝައްކުވީ އެ މީހާ އިތުރު ފޮށްޓެއް ގެނައި ކަމާ މެދު ކަމަށް ކޮމިޝަނަރު އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، މިދިޔަ މަހު ރާއްޖެ ގެނައި ޑްރަގް ހުރި ދެ ފޮށްޓެއް ގެއްލުނު ކަމަށް ބުނާ މައްސަލައެއް ފެންމަތިވުމުންނެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ފޮށި ގެއްލުނު ކަމަށް ބެލެވުނީ ޕާކިސްތާނު މީހަކު ރާއްޖެ އައުމުން އޭނާގެ ފޯނުން ފެނުނު ފޮޓޯއަކުން އިތުރު ފޮށްޓެއް އޭނާ ގެނައި ކަމަށް ބެލެވުމުން ކަމަށެވެ. އެކަމަކު އޭނާ ޗެކްކުރީ ރެންޑަމް އުސޫލުން ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ފުރަތަމަ އޭނާ ފެނުނުއިރު ވެސް އިތުރު ފޮށްޓެއް އޭނާ އަތަކު ނެތް. ހޭންޑް ލަގެޖް ހިފައިގެން ދަނިކޮށް ފެނުނީ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިތުރު ފޮށްޓެއް ނުގެންނަ ކަމަށް ބިދޭސީ މީހާ ބުނުމުން އެއާޕޯޓްގެ އިތުރު ސަރަހައްދުތައް ވެސް ބަލައިގެން، ފޮޓޯގައި ހުރި ފޮށި ފެނޭތޯ ބެލުމުން ވެސް ނުފެނުނު ކަމަށެވެ. އަދި މަސްތުވާތަކެތީގެ އެއްވެސް ބާވަތެއްގެ އޭނާގެ ހަށިގަނޑުން ނުވަތަ ހޭންޑް ބޭގުން ފެނިފައިނުވާ ކަމަށް ވިދާޅުވި އެވެ.

"ޗެކްކޮށްފައި، މުޅި ފްލައިޓުގެ ހުރިހާ ލަގެޖެއް ހުސްވެގެން ދިޔައިރު ވެސް އެ ލަގެޖެއް ނުފެނޭ،" ޝަރީފް ވިދާޅުވި އެވެ.

ކޮމިޝަނަރު ވިދާޅުވި ގޮތުގައި އެ މީހާ ފޮށްޓެއް ގެނައި ކަމަށް ބެލެވުމަކީ އެ ފޮށީގައި މަސްތުވާތަކެތި ހުރީ ކަމަށް ނިންމޭނެ ކަމެއް ނޫނެވެ. އަދި މުޅި އެއާޕޯޓުން ވެސް ފެނިފައިނުވާ ފޮށްޓެއް ގެއްލޭނީ ކިހިނެތްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

"މިސާލަކަށް 30 ކިލޯގެ ފޮށްޓެއް މީހަކު ޗެކްއިން ކުރުމަކީ 30 ކިލޯ ޑްރަގް ހުންނަންޖެހޭ ސަބަބެއް ނޫން. އަޅުގަނޑުމެން ބަލައިގެން ނުވާނެ އޭގައި ހުންނާނީ ހަމައެކަނި ޑްރަގޭ. އެހެންވީމަ 30 ކިލޯއޭ ބުނާނީ ކިހިނެތް ހެއްޔޭ އަދި ނުފެންނަ އެއްޗެއް ގެއްލޭނީ ވެސް ކިހިނެތް ހެއްޔޭ." ޝަރީފް ވިދާޅުވި އެވެ.

ޕޮލިހުން ބައްލަވަންޖެހޭ ކަންތައްތައް ބައްލަވާފައި އިތުރު ކަންތައްތަކެއް އޭނާގެ ފަރާތުން ފާހަގަވާން ނެތީމާ ޕޮލިހުން އަޅުގަނޑުމެންނަށް ގުޅާފައި ދެންނެވި ކިހިނެއް ހެއްޔޭ މީނައަށް ހަދަންވީ މި ކަހަލަ އެއްވެސް ކަމެއް ފާހަގައެއް ނުވިއޭ،"--- ޝަރީފް

ޝަރީފް ވިދާޅުވީ އެ މީހާ ފުލުހުންނާ ހަވާލުކުރީ ޝައްކުވާ ކަންތައްތަކެއް ހުރެދާނެތީ ކަމަށެވެ. އެކަމަކު ފުލުހުން ވެސް އިތުރަށް ބެލުމަށްފަހު އޭނާއާ މެދު ޝައްކުވާ ކަމެއް ނެތް ނުވަތަ އިތުރު ބަޔަކާ ގުޅުމެއް އޮތް ކަން ފާހަގަނުވާ ކަމަށް ފުލުހުން އެންގި ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ޕޮލިހުން ބައްލަވަންޖެހޭ ކަންތައްތައް ބައްލަވާފައި އިތުރު ކަންތައްތަކެއް އޭނާގެ ފަރާތުން ފާހަގަވާން ނެތީމާ ޕޮލިހުން އަޅުގަނޑުމެންނަށް ގުޅާފައި ދެންނެވި ކިހިނެއް ހެއްޔޭ މީނައަށް ހަދަންވީ މި ކަހަލަ އެއްވެސް ކަމެއް ފާހަގައެއް ނުވިއޭ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި އަންނަ ހުރިހާ ޕަސިންޖަރުންނެއް އެންމެ ފުރިހަމައަށް ޗެކް ކުރެވޭނެ އެއްވެސް އެއާޕޯޓެއް ނުހުންނާނެ އެވެ. އެކަމަކު މަސްތުވާއެއްޗެއް ކަސްޓަމްސްއަށް ފެނުމަށްފަހު އެ ތަކެތި ނުގެއްލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު 100 ޕަސެންޓް ޔަގީންކަން ދެން ފެނުމަށް ފަހު ނުގެއްލޭނެކަން. އެއީކީ ވާނެ ކަމެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއާޕޯޓުގެ ބައެއް ސަރަހައްދުތަކުގައި ކެމެރާ ނެތުމުގެ މައްސަލަ އެބައޮތް ކަމަށެވެ. އެކަން ހައްލުކުރަން މިހާރު މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.