Roadha Mihaaru
މަގުމަތީގައި ބަޔަކު ޑްރަގު ވިއްކާ ވީޑިއޯއެއް!

މަގުމަތީގައި ބަޔަކު ޑްރަގު ވިއްކާ ވީޑިއޯއެއް!

10 ފެބުރުއަރީ 2023

މާލޭގެ މަގުމަތީގައި ވަރަށް ފާޅުގައި ބަޔަކު ޑްރަގް ވިއްކާ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލޭގެ މަގުމަތީގައި ވަރަށް ފާޅުގައި ބަޔަކު ޑްރަގް ވިއްކާ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

އިމާރާތެއްގެ މަތިން ނަގާފައިވާ އެ ވީޑިއޯގައި ފެންނަނީ ސައިކަލެއްގެ މަތީގައި އިން ޒުވާން ފިރިހެނަކު ބަޔަކަށް ޑްރަގް ވިއްކާ މަންޒަރެވެ. ސަތޭކަ ރުފިޔާ ދިއްކޮށްލުމުން ޕެކެޓެއް ނަގާފައި އެމީހުންނަށް ދޭ މަންޒަރު ވެސް ވީޑިއޯގައި ފެނެ އެވެ.

އާންމުވެފައިވާ 40 ސިކުންތުގެ ވީޑިއޯގައި ފެންނަ ގޮތުގައި އޭނާގެ ކައިރީގައި އެހެން ސައިކަލެއްގައި އިން މީހަކު 100 ރުފިޔާ ދިއްކޮށްލުމުން އަތަށް އެއްޗެއްދޭ މަންޒަރު ފެނެ އެވެ. އިތުރު ދެ މީހަކު ވެސް އެތަނަށް ފައިސާ ހިފައިގެން އައުމުން އެ މީހުންނަށް ވެސް ޕެކެޓުތައް ދޭ މަންޒަރު ފެނެ އެވެ.

ދުވާލު ވަގުތުގައި މަގުމަތީގައި އެހާ ފާޅުކަން ބޮޑުގޮތެއްގައި ޑްރަގު ވިޔަފާރި ކުރާތީ އާއްމުން ވަނީ ފުލުހުންނަށް ފާޑުކިއުން އަމާޒުކޮށްފަ އެވެ. އަލަށް އުފައްދައިގެން އުޅޭ "އަވަށްޓެރި ފުލުހުން ކޮބާތޯ" ވެސް ސުވާލު އުފައްދައިފައިވެ އެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި މިގޮތަށް ޑްރަގު ވިޔަފާރިކުރުން ވަރަށް އާއްމެވެ. ދޭތެރެއަކުން ފުލުހުން ގޮސް އެފަދަ ސަރަހައްދުތައް ބަލައި ފާސްކޮށް ބަޔަކު ގެންދިޔަސް ދުވަސްކޮޅެއް ފަހުން އަނެއްކާވެސް އެ ވިޔަފާރި ފުޅާކުރެ އެވެ.

ޑްރަގްގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު އެ ވިޔަފާރީގައި އުޅޭ މީހުންނަށް އެކަށީގެންވާ އަދަބެއް ނުދީ ދޫކޮށްލާފައި ތިބޭތީ އާންމުން އަބަދުވެސް ޝަކުވާ ކުރެ އެވެ. ވީޑިއޯއަށް ކޮށްފައިވާ ކޮމެންޓްތަކުން ވެސް އެނގޭ ގޮތުގައި ކަންކަންމަތީގައި ތިބެގެން ޑްރަގްގެ ވިޔަފާރިކުރާ މަންޒަރު މިފަހުން މާލެއިން ވަރަށް އާންމުކޮށް ފެނެ އެވެ. އެކަމަކު މައްސަލައަކީ ފުލުހުން ފިޔަވަޅު ނާޅައި ތިބުން ކަމަށް ކޮމެންޓްކޮށްފައިވެ އެވެ.