Roadha Mihaaru
ޖޭއެސްސީ އޮތީ ސިޔާސީ ނުފޫޒު ވަންނަ ގޮތަށް: ފާއިޒް

ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިބެގެން ސިޔާސީ ނުފޫޒު ނުވަންނާނެ ގޮތެއް ނެތް: ފާއިޒް

11 ފެބުރުއަރީ 2023

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސިޔާސީ ބޭފުޅުން ތިއްބަވައިގެން ޖުޑިޝަރީއަށް ސިޔާސީ ނުފޫޒު ނުވަނާނެ ގޮތެއް ނެތް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ވިދާޅުވި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސިޔާސީ ބޭފުޅުން ތިއްބަވައިގެން ޖުޑިޝަރީއަށް ސިޔާސީ ނުފޫޒު ނުވަނާނެ ގޮތެއް ނެތް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ޖަމްއިއްޔާގެ އަހަރީ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ފާއިޒް ވިދާޅުވީ ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ޖުޑިޝަރީއަށް ސިޔާސީ އަސަރު ނުފޯރާނެ ގޮތެއް ނޯންނާނެ ކަމަށެވެ. އަދި މިއީ ގާނޫނު އަސާސީ އެކުލަވާލިއިރު ވެސް ފަނޑިޔާރުން ކަންބޮޑުވުން ފާޅުކުރި ކަމެއް ކަމަށް ފާއިޒް ވިދާޅުވި އެވެ.

"ކޮންމެ ހައިސިއްޔަތުން ތިއްބެވިޔަސް، ސިޔާސީ ޕާޓީތަކުގެ ލީޑަރުން އެބަ ތިއްބަވާ. މިހާރު ވެސް އެބަ އިންނެވި. ކުރިން ވެސް ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި. ދުނިޔޭގެ ކޮންމެ ގައުމެއްގައިތޯ ފަނޑިޔާރުންނާ މެދު ސުލޫކީ ފިޔަވަޅު އަޅާ މުއައްސަސާއެއްގައި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ތިއްބަވަނީ." ފާއިޒް ވިދާޅުވި އެވެ.

ފާއިޒް ވިދާޅުވީ ޖޭއެސްސީއަށް ބަދަލު ގެންނަން ސަރުކާރުން މަސައްކަތް ކުރާއިރު އޭގެ ތެރޭގައި ފަނޑިޔާރުން ޖަމްއިއްޔާއިން މުހިންމު ދައުރެއް އަދާކުރަން ޖެހޭ ކަމަށެވެ. އެއީ ޖޭއެސްސީ ރަނގަޅު ގޮތަކަށް ބަދަލު ގެންނަން މުހިންމު ގޮތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ފަނޑިޔާރުންގެ ތެރެއިން ލޮބީ ކުރެވޭ ކަމަށް ވަންޏާ އިތުރު ބާރަކަށް ވެގެންދާނެ." ފާއިޒް ވިދާޅުވި އެވެ.

ފާއިޒް ވިދާޅުވީ ފަނޑިޔާރުންނަށް ލިބެންޖެހޭ ބައެއް އިނާޔަތްތަކަކީ ގަދަ ފައި ވިއްދައިގެން ހޯދަން ޖެހޭ ކަންތައްތަކެއް ކަމަށެވެ. އޭގެ ތަޖުރިބާއެއްގެ ގޮތުން އެ މަނިކުފާނު ވިދާޅުވީ އާ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިއިރު ޝަރުއީ ދާއިރާގައި ބޭނުން ކުރާނެ ވެހިކަލެއް ނެތުމުން ރައީސް އޮފީހަށް ފަނޑިޔާރުން ހުވައި ލައިދޭން ވަޑައިގަންނަވަނީ ވެސް ސައިކަލުގައި ކަމަށެވެ. އަދި ސުޕްރީމް ކޯޓަށް ފުރަތަމަ ވެހިކަލެއް ހަމަޖެހުނީ ފަނޑިޔާރުން ސައިކަލުގައި ދަތުރުކުރަން ދެކޮޅު ހެދުމުން ކަމަށް ފާއިޒް ވިދާޅުވި އެވެ

"އަޅުގަނޑު ބުނިން އަޅުގަނޑު ނުދާނަމޭ. ޖުޑިޝަރީއަށް އޮންނަން ޖެހޭނެއޭ ވެހިކަލެއް. މި ވާހަކަ އަޅުގަނޑު ދެންނެވި ގޮތަށް ރައީސް އޮފީހުގައި ދެންނެވީމަ ޖުޑިޝަރީއަށް ރައީސް އޮފީހުން ކާރުކޮޅެއް ދެއްވީ. މިހާރު ވެސް ސުޕްރީމް ކޯޓުގައި އޮންނާނެ ހުދު ކުލައިގެ ކާރެއް. އެންމެ ދުވަސްވީ ކާރު އެއީ." ފާއިޒް ވިދާޅުވި އެވެ.

ކޯޓުތަކުގެ ޖާގައިގެ ދަތިކަމުގެ މައްސަލަ އަބަދުވެސް ބޮޑުވެފައިވާކަން ފާހަގަކުރައްވައި، ފާއިޒް ވިދާޅުވީ އެ މަނިކުފާނުގެ ތަޖުރިބާގައި ބައެއް ފަހަރު ޖެހެނީ ގަދަކަމުން ބަޖެޓް ހޯދަން ކަމަށެވެ. އަދި ބަޖެޓް ނުލިބުމުން މަރާމާތުގެ ބަޖެޓް ބޭނުންކޮށްގެން އާ ކޯޓުތައް އިމާރާތް ކުރަން ޖެހުނު ކަމަށް ވެސް ފާއިޒް ވިދާޅުވި އެވެ.

ފާއިޒް ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާ މިނިވަންކަމާ އެކު މަސައްކަތް ކުރެވޭނީ މާލީ މިނިވަންކަން ފަނޑިޔާރުންނަށް ލިބިގެންނެވެ.

ފާއިޒް ވިދާޅުވީ ފަނޑިޔާރުންނަކީ އެ މީހުންގެ މަސައްކަތުގެ ސަބަބުން މުޖްތަމައުއާ ވަރަށް އެކަހެރިވެ އަދި. އަދި އާއިލާއާ ދުރުގައި ގިނަ ވަގުތު މަސައްކަތް ކުރަންޖެހޭ ބައެއް ކަމަށެވެ. އެހެންވެ، ފަނޑިޔާރުންނަށް މުނިފޫހިފިލުވުމުގެ ހަރަކާތްތައް ފަނޑިޔާރުންގެ މެދުގައި ބޭއްވޭނެ ގޮތް ހަމަޖައްސަން އޭނާ ގޮވައިލެއްވި އެވެ.