Roadha Mihaaru
ޖޭއެސްސީގެ ތަހުގީގު ހުޅުވާލުމުން މަރުހަބާ ކިޔައިފި

ޖޭއެސްސީގެ ތަހުގީގު އާންމުކޮށް ހުޅުވާލާތީ ފަނޑިޔާރުންގެ ޖަމިއްޔާ އިން މަރުހަބާ ކިޔައިފި

23 ޖޫން 2019

ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް އާންމުކޮށް ހުޅުވާލައިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ކުރިއަށް ގެންދާތީ ފަނޑިޔާރުންގެ ޖަމިއްޔާ އިން އެކަމަށް މަރުހަބާ ކިޔައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް އާންމުކޮށް ހުޅުވާލައިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ކުރިއަށް ގެންދާތީ ފަނޑިޔާރުންގެ ޖަމިއްޔާ އިން އެކަމަށް މަރުހަބާ ކިޔައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭގޮތުން ޖޭއެސްސީން ބަލާ މައްސަލަ އާންމުކޮށް ހުޅުވާލައިގެން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ދަރުބާރުގޭގައި ކުރިއަށް ގެންގޮސްފަ އެވެ. އެގޮތަށް ޖޭއެސްސީން ނިންމީ ފަނޑިޔާރު ޑީޑީ އެގޮތަށް އެދިވަޑައިގަތުމުންނެވެ.

އާންމުކޮށް ހުޅުވާލުމުގެ އިތުރުން އެ ތަހުގީގު ޓީވީން ލައިވްކޮށް ވަނީ ދުރަށް ދައްކައިފަ އެވެ. މިއީ ރާއްޖޭގައި ފަނޑިޔާރެއްގެ މައްޗަށް ހިންގާ ތަހުގީގެއް އެފަދަ ގޮތަކަށް އާންމުކޮށް ހުޅުވާލައި، ޓީވީން ލައިވްކޮށް ދެއްކި ފުރަތަމަ ފަހަރެވެ.

އެކަމަށް ހިތްވަރުދީ، ފަނޑިޔާރުންގެ ޖަމިއްޔާ އިން ކުރި ޓްވީޓެއްގައި ވަނީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއްގެ އަޑުއެހުން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން ޖޭއެސްސީން ނިންމި ނިންމުމަށް މަރުހަބާ ކިޔާ ކަމަށެވެ.

ފަނޑިޔާރުންގެ ޖަމްއިއްޔާގެ ޓްވީޓް

ފަނޑިޔާރު ޑީޑީގެ އިތުރުން ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދާ މައްސަލާގެ އަޑުއެހުން ވެސް އާންމުކޮށް ހުޅުވާލަން ވަނީ ނިންމައިފަ އެވެ. އެގޮތަށް ޖޭއެސްސީން ނިންމީ އިސް ގާޒީ ހަސަން ވެސް އެގޮތަށް އެދިވަޑައިގަތުމުންނެވެ. އެކަމަކު އެ ތަހުގީގު އަދި ހުޅުވާލައިގެން ނުބާއްވަ އެވެ.

ފަނޑިޔާރުންގެ ޖަމިއްޔާ އަކީ މީގެ 10 އަހަރު ކުރިން ފަނޑިޔާރުންތަކެއް އިސް ނަގައިގެން އުފައްދާފައި އޮތް ޖަމިއްޔާ އެކެވެ. އެ ޖަމިއްޔާގެ މަސައްކަތްތައް ހުއްޓިފައި އޮތުމަށް ފަހު، އަލުން ފަށައިގަނެ، އިސް މަގާމުތަކަށް ދާދިފަހުން ވަނީ ބޭފުޅުން ވެސް އިންތިޚާބުކޮށްފަ އެވެ.

ޖަމިއްޔާގެ ރައީސަކީ ހައި ކޯޓުގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.