Roadha Mihaaru
އަސްލަމް އައްޑުއަށް ވަޑައިގެން ހައްލުތަކާ ދިމާއަށް!

އަސްލަމް އައްޑު އަށް ވަޑައިގެން މަގުގެ މައްސަލަތަކަށް ހައްލު ހޯއްދަވަން ފައްޓަވައިފި

12 ފެބުރުއަރީ 2023

އައްޑޫ މަގު ހެދުމުގެ މައްސަލަތައް ހައްލުކުރުމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ރޭ ދަންވަރު އައްޑު އަށް ވަޑައިގެން ކަމާ ގުޅޭ ފަރާތްތަކާއެކު މަޝްވަރާތައް ފައްޓަވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައްޑޫ މަގު ހެދުމުގެ މައްސަލަތައް ހައްލުކުރުމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ރޭ ދަންވަރު އައްޑު އަށް ވަޑައިގެން ކަމާ ގުޅޭ ފަރާތްތަކާއެކު މަޝްވަރާތައް ފައްޓަވައިފި އެވެ.

މޭޔަރު އަލީ ނިޒާރު "މިހާރު" އަށް ވިދާޅުވީ، މަގުގެ މަސައްކަތްކުރާ އިންޑިއާގެ ކޮންޓްރެކްޓަރު އެފްކޮންސް އާއި ޕްރޮޖެކްޓް ކޮންސަލްޓަންޓް އަދި އައްޑޫ ސިޓީ ކައުންސިލާއެކު މިއަދު ހެނދުނު 9:00 ގައި މަޝްވަރާތައް ފައްޓަވާފައިވާ ކަމަށެވެ.

"ވަރަށް ރަނގަޅަށް ކުރިއަށް އެބަދޭ. އަސްލަމް ގެންދަވަނީ ކަމާ ގުޅޭ ފަރާތްތަކާއެކު ބައްދަލު ކުރައްވައި މައްސަލަތަކަށް ހައްލު ހޯއްވަދަމުން މިހާރު،" ނިޒާރު ވިދާޅުވި އެވެ.

އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ހަދާ މަގުތަކާ ގުޅޭގޮތުން އާއްމުންގެ ޝަކުވާ ބޮޑުވުމުން، އެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދިނުމަށް ކަމާގުޅޭ ފަރާތްތަކުން މަޝްވަރާކުރި އެވެ. ނަމަވެސް އެ ބައްދަލުވުންތަކުން ވެސް އެކަށީގެންވާ ނަތީޖާއެއް ނުނިކުތުމުން އަސްލަމް ނިންމެވީ ދުވަސްކޮޅަކު އައްޑޫގައި މަޑުކުރައްވާށެވެ.

"ފުދޭވަރަކަށް ދުވަސް ވަންދެން އަސްލަމް އައްޑޫގައި ހުންނަވާނެ ކަމަށް ބަލަނީ،" މޭޔަރު ވިދާޅުވި އެވެ.

އަސްލަމް އަދި ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ދަތުރާ ގުޅޭ އިތުރު މައުލޫމާތެއް ނުލިބެ އެވެ.

އެ މަގުތަކާ ގުޅޭގޮތުން އެންމެ ފުރަތަމަ ޝަކުވާ ބޮޑުވީ މަގުތައް ކޮނުމަށް ފަހު މަސައްކަތް ނުނިންމާ ގިނަ ދުވަހު ބޭއްވުމުގެ ސަބަބުން ވަޅުގަނޑުތަކަށް މީހުންނާއި ވެހިކަލްތައް ވެއްޓި ހާނިއްކަވުމުގެ ހާދިސާތައް އިތުރުވުމުންނެވެ. އެ މަގުތަކުގެ ކާނުގަނޑު ހަދަން ބޭނުންކޮށްފައި ހުރި ދަގަނޑުތަކުގައި ދަބަރު ޖަހާ މައްސަލައެއް ވެސް ފެންމަތިވި އެވެ.

އެ މައްސަލަ އިތުރަށް ގޯސްވީ، ބައެއް މަގުތަކުގެ ފޭވްމަންޓް މާ ފުޅާކޮށް ހެދުމުން، އެ މަގުތަކުގައި އުޅަނދުތައް ދުއްވަން އޮންނަ ވަރު ހަނިވާނެތީ އެވެ.

ތާރު އަޅައިގެންނާއި ގާ އަތުރައިގެން އައްޑޫގައި 107 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަސައްކަތް އެފްކޮންސްއާ ފެބްރުއަރީ 2021 ގައި ހަވާލުކުރީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ރުފިޔާގެ ކްރެޑިޓް ލައިންގެ ދަށުން 1.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން އައްޑޫގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ 18 އިގަ އެވެ. އެ މަޝްރޫއުގެ ދަށުން އައްޑޫގެ ހުރިހާ ރަށެއްގެ މަގުތައް ހަދައި، ފެން ހިންދުމުގެ ނިޒާމެއް ވެސް ގާއިމު ކުރާނެ އެވެ.