Roadha Mihaaru
މުސާރައިގެ ކުރިއެރުން ހައްގުވިޔަސް،ދޭން އަމުރެއް ނުކުރި

ޖުޑިޝަރީގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ހައްގު ވިޔަސް، އެ ފައިސާ ދޭން އަމުރެއް ނުކުރެވޭނެ: ޓްރައިބިއުނަލް

17 ފެބުރުއަރީ 2023

ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ހައްގު ވިޔަސް، ހަތަރު އަހަރު ވަންދެން ނުދީ ހުރި ފައިސާ ދޭން އަމުރު ނުކުރެވޭނެ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިއްޔެ ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ހައްގު ވިޔަސް، ހަތަރު އަހަރު ވަންދެން ނުދީ ހުރި ފައިސާ ދޭން އަމުރު ނުކުރެވޭނެ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިއްޔެ ނިންމައިފި އެވެ.

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން ކޮންމެ ދެ އަހަރުން އެއް އަހަރު މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު 70 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބޭ މުވައްޒަފުންނަށް 200ރ. ގެ މުސާރައިގެ ކުރިއެރުމެއް ދޭންޖެހެ އެވެ. އެކަމަކު އެ ފައިސާ ނުދޭތާ ހަތަރު އަހަރު ވަނީ ވެފަ އެވެ.

އެ މައްސަލަ މުވައްޒަފުންތަކެއްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިނަލަށް ހުށަހެޅުމުން ޓްރައިބިއުނަލުން އިއްޔެ ނިންމި ނިންމުމުގައިވަނީ ހަތަރު އަހަރު ވީއިރު ވެސް މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ނުދެވި އޮތީ އެކަމަށް ބޭނުންވާ ބަޖެޓް ދައުލަތުން ހަމަޖައްސައި ނުދޭތީ ކަމަށެވެ. އަދި ބަޖެޓް ހަމަޖެހިފައި ނުވަނީސް އެ ފައިސާ ދިނުމަކީ މާލިއްޔަތު ގަވާއިދާ ޚިލާފް ކަމަކަށް ވާނެ ކަމަށާއި އެހެންވެ، މުސާރައިގެ ކުރިއެރުން ހައްގުވިޔަސް އެ ފައިސާ ދޭން އަމުރު ނުކުރެވޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ.

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު އޮންނަ ގޮތުން ޖުޑީޝަލް އެލަވަންސާއި އިތުރު ގަޑީގެ ފައިސާ ވެސް ހިސާބު ކުރަނީ މުސާރައިގެ ނިސްބަތަށް ބަލައިގެންނެވެ. އެހެންވެ، މުސާރައިގެ ކުރިއެރުން ނުލިބޭތީ ޖުޑީޝަލް އެލަވަންސާއި އިތުރު ގަޑީގެ ފައިސާގެ ކުރިއެރުމެއް ވެސް މިހާރު ނުލިބެ އެވެ.

އެ މައްސަލަ މުވައްޒަފުންތަކެއްގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި ފަހުން 2017 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު 2019 ވަނަ އަހަރު ދޭންޖެހޭ ފައިސާގެ ތެރެއިން އެއް ބައި މިދިޔަ މަހު ދިނެވެ. އެކަމަކު 2021 ވަނަ އަހަރު ދޭންޖެހޭ ފައިސާ މިހާތަނަށް ވެސް ނުދެ އެވެ.