Roadha Mihaaru
ހޮލީވުޑްގައި އިންޑިއާ ތަމްސީލްކުރާ ގޮތް ގޯސް: ދީޕިކާ

ހޮލީވުޑްގައި އިންޑިއާގެ ތަރިން ބޭނުންކުރާ ގޮތް ދީޕިކާއަށް ކަމަކުނުދޭ

18 ފެބުރުއަރީ 2023

ހޮލީވުޑް ފިލްމަކުން ބޭނުމީ ޓިޕިކަލް އިންޑިއާ މީހެއްގެ ރޯލެއް ކުޅެން ނޫން ކަމަށާއި ކުޅެންވީ "ވޮންޑަ ވުމަން" ނުވަތަ "ބެޓް ވުމަން" ކަހަލަ ރޯލެއް ކަމަށް ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދުކޯން ބުނެފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ހޮލީވުޑް ފިލްމަކުން ބޭނުމީ ޓިޕިކަލް އިންޑިއާ މީހެއްގެ ރޯލެއް ކުޅެން ނޫން ކަމަށާއި ކުޅެންވީ "ވޮންޑަ ވުމަން" ނުވަތަ "ބެޓް ވުމަން" ކަހަލަ ރޯލެއް ކަމަށް ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދުކޯން ބުނެފި އެވެ.

ބޮލީވުޑް ބްލޮކްބަސްޓާ "ޕަޓާން" ގެ ލީޑުގައި ޝާހްރުކް ހާނާ އެކު ފެންނަ ދީޕިކާ އިވެންޓެއްގައި ވާހަކަ ދައްކަމުން ބުނީ ހޮލީވުޑްގެ ފިލްމުތަކުގައި ދެކުނު އޭޝިއާ މީހުން ގެނެސްދޭ ގޮތާ މެދު ހިތްހަމަ ނުޖެހޭ ކަމަށެވެ.

ދީޕިކާ 2017 ވަނަ އަހަރު ވަނީ އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމް "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" ކުޅެފަ އެވެ. އެކަމަކު އެއީ އޭނާގެ ފޭނުން އުންމީދު ކުރި ވަރުގެ ފިލްމެއް ނޫނެވެ. އޭގެ ފަހުން ހޮލީވުޑްގެ އެކި ހުށަހެޅުންތަކަށް ދީޕިކާ ވަނީ ދެކޮޅުހަދައިފަ އެވެ.

"ހޮލީވުޑްގެ ފިލްމުތަކުން ދެކުނު އޭޝިއާގެ މީހުން ތަމްސީލުކުރާ ރޯލްތައް އެބަޖެހޭ މިހާރަށްވުރެ ރަނގަޅު ކުރަން. އަހަރެމެން އެންމެންގެ ނަމުގައި، ހޮލީވުޑް ފިލްމެއްގައި ޓިޕިކަލް އިންޑިއާ ޑޮކްޓަރެއްގެ ރޯލު ނުވަތަ ޓެކްސީ ޑްރައިވަރެއްގެ ރޯލުތައް ކުޅުން ނިމުނީ،" ހޮލީވުޑުން އޭނާ ރިޖެކްޓު ކުރި ރޯލުތަކާއި، ކުޅެން ބޭނުންވާ ކަހަލަ ރޯލުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ބުންޏެވެ.

ދީޕިކާ ޕަދުކޯން: ހޮލީވުޑްގެ ޓިޕިކަލް ދެކުނު އޭޝިއާ ތަމްސީލުކުރާ ގޮތާ މެދު ދީޕިކާ ހިތްހަމައެއް ނުޖެހޭ

ދީޕިކާ ޕަދުކޯން: ހޮލީވުޑްގެ ޓިޕިކަލް ދެކުނު އޭޝިއާ ތަމްސީލުކުރާ ގޮތާ މެދު ދީޕިކާ ހިތްހަމައެއް ނުޖެހޭ

ދީޕިކާ ބުނި ގޮތުގައި ވޮންޑާ ވުމަން ނުވަތަ ބެޓް ވުމަން ފަދަ ރޯލުތައް ދެކުނު އޭޝިއާގެ އެކްޓަރުންނަށް ނުކުޅެވެންވީ ސަބަބެއް ނޯންނާނެ އެވެ.

"މި ބުނަނީ 'ބާބީ' ކަހަލަ ރޯލަކަށް ވާށެކޭ ނޫން. އަހަރެން މި (ހޮލީވުޑްގެ) ފިލްމުތައް ނުކުޅެން ނިންމީ، އަހަރެމެންގެ ހުނަރާއި ވަގުތު އަދި ހަކަތައަށް އަގުހުރި ރޯލެއް ގެނެސްދޭށޭ ބުނަންވެގެން،" ދީޕީކާ ބުންޏެވެ.

ގިނަ ރެކޯޑުތަކެއް މުގުރާލި "ޕަޓާން" ފިލްމުގެ އިތުރުން ކުރިއަށް ވެސް ދީޕިކާގެ ބޮޑެތި ފިލްމުތައް އެބަހުއްޓެވެ. އޭގެ ތެރޭގައި، އަންނަ އަހަރު ނެރެން ނިންމާފައިވާ އެކްޝަން-ތްރިލާ "ފައިޓާ" އަދި މި އަހަރު ނިކުންނަ ސައިންސް ފިކްޝަން ފިލްމު "ޕްރޮޖެކްޓް ކޭ" ގެ އިތުރުން، "ސިންގްހަމް 3" ހިމެނެ އެވެ.