Roadha Mihaaru
ޖޭޕީގެ ލީޑަރު ކަމަށް ގާސިމް ކުރިމަތިލައްވައިފި

ޖޭޕީގެ ލީޑަރު ކަމަށް ގާސިމް، ނައިބު ކަމަށް ނަހުލާ ކުރިމަތިލައްވައިފި

18 ފެބުރުއަރީ 2023

ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމަށް އަނެއްކާވެސް ގާސިމް އިބްރާހިމް ކުރިމަތިލައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމަށް އަނެއްކާވެސް ގާސިމް އިބްރާހިމް ކުރިމަތިލައްވައިފި އެވެ.

ޖޭޕީގެ ތަރުޖަމާން އަލީ ސޯލިހު މިއަދު "މިހާރު" އަށް ވިދާޅުވީ އެ ޕާޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު 12 ޖަހާއިރަށް ހަމަވިއިރު، ޕާޓީގެ ލީޑަރު ކަމުގެ މަގާމަށް ގާސިމް ކުރިމަތިލައްވާފައިވާ ކަމަށެވެ.

މިއީ ޖޭޕީގެ ލީޑަރު ކަމަށް ގާސިމް ކުރިމަތިލައްވާ ހަތަރުވަނަ ފަހަރެވެ.

އެހެން މަގާމުތަކަށް ވެސް ގިނަ ބަޔަކު ކުރިމަތިލެއްވި ކަމަށް އަލީ ސޯލިހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޕާޓީގެ ނައިބު ލީޑަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓަރު އަދި ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އާއި އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހްމަދު ހުސެއިން (ހަނަފީ) ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.

އެ މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުން ހޮވާނީ މިމަހުގެ 24 އިން 25 ވަނަ އަށް ބާއްވާ ޖޭޕީގެ ގައުމީ ކޮންފަރެންސްގަ އެވެ.

ޖޭޕީގެ އަސާސީ ގަވައިދު ބުނާ ގޮތުގައި އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރާނީ ޕާޓީގެ ލީޑަރެވެ. ފަސް އަހަރުގެ މުއްދަތަކަށް ޖޭޕީގެ ލީޑަރަކު ހޮވަނީ އެ ޕާޓީގެ ގައުމީ ކޮންފަރެންސްގަ އެވެ.