Roadha Mihaaru
ޖޭޕީއަށް ގޮންޖެހުމެއް ނެތް، މިސްރާބު އިންތިހާބަށް!

ޖޭޕީގެ ބިރެއް ނެތް، ހަރަކާތްތަކުގެ މިސްރާބު އިންތިހާބަށް!

28 ނޮވެމްބަރ 2021

ކުރު މުއްދަތެއްގެ ތެރޭގައި މެމްބަރުންގެ އަދަދުން ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ އެއް ސަފަކަށް އެރި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަކީ ބިރެއް ނޫން ކަމަށާއި ޕާޓީއަށް މެމްބަރުން އިތުރުކޮށް، ވަރުގަދަކުރަން ފެށި މަސައްކަތުގައި 2023 އަށް ޕާޓީ ޕްރޮމޯޓް ކުރުން ހިމެނޭ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރު މުއްދަތެއްގެ ތެރޭގައި މެމްބަރުންގެ އަދަދުން ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ އެއް ސަފަކަށް އެރި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަކީ ބިރެއް ނޫން ކަމަށާއި ޕާޓީއަށް މެމްބަރުން އިތުރުކޮށް، ވަރުގަދަކުރަން ފެށި މަސައްކަތުގައި 2023 އަށް ޕާޓީ ޕްރޮމޯޓް ކުރުން ހިމެނޭ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ރާއްޖޭގައި އޮތް އެންމެ ތާއީދު ބޮޑު ދެ ފިކުރު، އެމްޑީޕީ އާއި ޕީޕީއެމަށް ފަހު އިންތިހާބުތަކުގައި ބުރަދަން ބޮޑު ޕާޓީއެއްގެ ގޮތުގައި އޮތީ ޖުމްހޫރީ ޕާޓީ އެވެ. މެމްބަރުންގެ އަދަދުން ތިން ވަނަ އަށް ބޮޑު ޕާޓީގެ ގޮތުގައި އޮތް ޖޭޕީ، މި ވެރިކަން ފެށުމާ އެކު ސިޔާސީ ހަރަކާތްތަކާ ދުރަށް ޖެހިލީ އެވެ.

ހަރަކާތެއް ނެތިފައި ޖޭޕީ އޮއްވައި އެ ޕާޓީގެ އިސް މަގާމުތަކުގައި އުޅުއްވައި ވަކިވެވަޑައިގެންނެވި މެމްބަރުން އުފެއްދެވި އެމްއެންޕީ މިހާރު އޮތީ ގާތްގަނޑަކަށް މެމްބަރުންގެ އަދަދުން ޖޭޕީއާ އެއް ހަމައެއްގަ އެވެ. އެ ޕާޓީއަށް 10،000 ހަމަކުރިއިރު ޖޭޕީގެ މެމްބަރުންގެ އަދަދަކީ އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައިވާ ގޮތުން 13،000 އެވެ.

ޖޭޕީން މިހާރު ވަނީ މެމްބަރުން އިތުރުކުރަން ރަށްތަކަށް ދަތުރު ފަށައިފަ އެވެ. މި ހަފުތާގެ ބަންދުގައި، އެ ޕާޓީގެ އަންހެނުންގެ ގޮފީގެ އިސް ނެގުމާއެކު ޕާޓީ އަށް މެމްބަރުން ހޯދީ ފ. އަތޮޅުންނެވެ.

ޖޭޕީގެ ތަރުޖަމާން އަލީ ސޯލިހު މިއަދު ވިދާޅުވީ، ޕާޓީގެ ހަރަކާތްތައް މަޑުޖެހިފައި ދެ އަހަރަށް ވުރެ ގިނަ ދުވަސްވީ ކޮވިޑުގެ ހާލަތާ ހެދި ކަމަށެެވެ. ޕާޓީގެ އަންހެނުން އިސްނަގައިގެން ފެށި ހަރަކާތަކީ ސީދާ ރިޔާސީ އިންތިހާބުގެ ކެމްޕޭނެއް ނޫނަސް 2023 އަށް ޕާޓީ ވަރުގަދަކުރުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ވަނީ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަނޑައަޅައިފަ އެވެ. ސިޔާސީ ޕާޓީތަކަކީ އިންތިހާބުތަކުގައި ވާދަކުރާނެ ބައަކަށް ވާތީ، ޖޭޕީ އަށް ވެސް އެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގައި، ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަން ޕްރައިމަރީއެއް ނޯންނާނެ އެވެ. އަސާސީ ގަވާއިދު ލިއެފައި އޮތީ ޕާޓީގެ ލީޑަރަށް އެ ފުރުސަތު ލިބޭ ގޮތަށެވެ.

އަލީ ސޯލިހް ވިދާޅުވި ގޮތުގައި އެހެން ޕާޓީތައް މެމްބަރުންގެ އަދަދުން ޖުމްހޫރީ ޕާޓީއާ އަރާ ހަމަކުރިއަސް އެ ޕާޓީ އޮތް މަގާމަކަށް ނާދެވޭނެ އެވެ. ޕާޓީތަކަށް އޮތް ތާއީދު ބިނާވަނީ ހަމައެކަނި މެމްބަރުންގެ އަދަދަށް ނޫން ކަމަށާއި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އޮތް އިތުބާރާއި ލޯތްބަކީ އެހެން ޕާޓީއަކަށް ނުހޯދޭނެ އެއްޗެއް ކަމަށް ވިދާޅުވި އެވެ.

"ކިތަންމެ ޕާޓީއެއް އުފެދި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވިޔަސް، މި ޕާޓީއަކަށް ބިރެއް ނެތް. ހަގީގަތަކީ ޖޭޕީ މިހެން އޮއްވައި ކިތަންމެ ޕާޓީއެއް އުފެދި، ހިނގައްޖެ. ވަކި ޕާޓީއަކީ ޗެލެންޖެއް ނޫން،" އަލީ ސޯލިހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެމްއެންޕީ އަށް މެމްބަރުން ގިނަ ދާއިރާތަކުގައި ވެސް ތާއީދު އޮންނާނީ ގާސިމަށް ކަމަށެވެ. މިސާލެއްގެ ގޮތުން ވިދާޅުވީ އެ ޕާޓީ ނިސްބަތްވާ މަޖިލިސް ބައެއް މެމްބަރުން އިސްތިއުފާ ދެއްވައި އަލުން ވާދަކުރައްވައިގެން ހޮވިވަޑައެއް ނުގަންނަވާނެ ކަަމަށެވެ.

އެ ގޮނޑިތައް ކަށަވަރުވީ ގާސިމްގެ ތާއީދާ އެކު ކަމަށް އަލީ ސޯލިހް ވިދާޅުވި އެވެ.

ޖޭޕީގެ ޓިކެޓުގައި ވާދަކުރައްވައި މަޖިލީހަށް ހޮވިވަޑައިގަތީ ދަގެނތީ ދާއިރާގެ މެމްބަރު އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ.

އަލީ ސޯލިހް ވިދާޅުވި ގޮތުގައި ޖުމްހުރީ ޕާޓީގެ ލީޑަރުގެ ބަސް ދިވެހި ރައްޔިތުން އަދިވެސް ބަލައިގަންނާނެ އެވެ. އެހެންކަމުން އެ ޕާޓީގެ އަދިވެސް ދެމިއޮންނާނީ ސިޔާސީ ނުފޫޒުގަދަ، ބާރުވެރި ޕާޓީއެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.