Roadha Mihaaru
އެއްވެސް ކުލައަކަށް ނަފްސު ވިއްކާނުލާތި: ނަހުލާ

އެއްވެސް ކުލައަކަށް ނަފްސު ވިއްކާނުލާތި: ނަހުލާ

01 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބާ ދިމާކޮށް ކޮންމެ ކުލައެއްގެ ޕާޓީއަކުން އެއްޗެއް ދިނަސް އޭގައި ހިފުމަކުން މައްސަލައެއް ނެތް ކަމަށާއި އެކަމަކު، ވޯޓަށް އެއްވެސް ޕާޓީއަކަށް އަމިއްލަ ނަފްސު ވިއްކާ ނުލުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ރޭ ގޮވާލައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރިޔާސީ އިންތިހާބާ ދިމާކޮށް ކޮންމެ ކުލައެއްގެ ޕާޓީއަކުން އެއްޗެއް ދިނަސް އޭގައި ހިފުމަކުން މައްސަލައެއް ނެތް ކަމަށާއި އެކަމަކު، ވޯޓަށް އެއްވެސް ޕާޓީއަކަށް އަމިއްލަ ނަފްސު ވިއްކާ ނުލުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ރޭ ގޮވާލައްވައިފި އެވެ.

ހުޅުމާލެ 2 ގައި ޖޭޕީގެ ޖަގަހައެއް ހުޅުވުމަށް ބޭއްވި ޖަލްސާގައި، މި ސަރުކާރުގެ ޓްރާސްޕޯޓް މިނިސްޓަރުކަން ވެސް ކުރައްވާ ނަހުލާ ވިދާޅުވީ ކޮންމެ ސަރުކާރަކުން ވެސް ވޯޓާ ދިމާކޮށް ޒުވާނުން "ކުޅެން ގެންގުޅޭ" ބަޔަކަށް ހަދާ ކަމަށެވެ. ކޮންމެ ބަޔަކު ވެސް ޒުވާނުންނަށް ދެނީ "ފެން ކައްކާ ބޮލީގެ އިއްޒަތް" ކަމަށާއި ޒުވާނުން އެކަމަށް ވަރަށް ރަނގަޅަށް ސަމާލުވެގެން ތިބުމަށް ނަހުލާ އެދިވަޑައިގަތެވެ.

"އިންތިހާބަކާ ދިމާވީމާ ސިޔާސީ މީހުން ކުޅެން ގެންގުޅޭ ރާޒުވާ ކުޅި ބަޔަކަށް [ޒުވާނުން] ހަދައިފިއޭ. ލޯ ހުޅުވާލާށޭ، ލިބޭ ފައިދާއެއް ނުނަގާށެކޭ ނުބުނާނަން، ނަގަންވީ. އަޅުގަނޑުމެންގެ ހައްގު، ރައްޔިތުންގެ ހައްގު، ތިޔަ ޒުވާން ޖީލުގެ ހައްގު،" އޭނާ ވިދާޅުވި އެވެ.

"ކޮންމެ ދިމާލަކުން، ކޮންމެ ކުލައަކުން، އެއްޗެއް ލިބުނަސް ހިފާތި. އެކަމަކު ނަފްސު ވިއްކާނުލައްޗޭ. އަޅުގަނޑުމެންގެ ނަފްސު ވަރަށް އަގުބޮޑު. އަޅުގަނޑުމެން ވޯޓަކާ ހަމައަށް ދާއިރު، އަޅުގަނޑުމެންގެ ވާޖިބު އަދާކުރާއިރު، މިހާލަތުގައި މި ރާއްޖެއަށް މި ކެމްޕެއިންގައި ލާ ކޮންމެ ވޯޓަކީ ވާޖިބު ވޯޓެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ."

ނަހުލާ ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމްގެ ވެރިކަމެއްގައި ޒުވާނުންނަށް ފުރިހަމަ ބާރު އޮންނާނެ ކަމަށެވެ. ޖޭޕީގެ ސަރުކާރެއްގައި ކަންކަމުގައި ގޮތް ނިންމުމުގައި އެންމެ އިސްސަފުގައި ތިބޭނީ ވެސް ޒުވާނުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކިސަޑު ގަނޑެއްގައި އޮތަސް ޖަވާހިރެއް ވާނީ ޖަވާހިރަކަށް: ނަހުލާ

އޭނާ ވިދާޅުވި ގޮތުގައި، ޒުވާނުންގެ އީޖާދީ ވިސްނުންތަކަށް ގާސިމް އިސްކަން ދެއްވާނެ އެވެ. ގާސިމަކީ ކުރިއަށް ވިސްނަވާ "ވިޝަނަރީ" ލީޑަރެއް ކަމަށާއި ކަންކަން ކުރައްވާނީ "މަށަށް އެނގޭ އެންމެ މޮޅަކަށް ނޫން" ކަމަށް ނަހުލާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޖޭޕީގެ ވެރިކަމެއްގައި އެކި ދާއިރާތަކުން ތައުލީމު ހާސިލުކޮށްގެން ތިބި ފަންނީ މީހުންނަށް ފުރުސަތު އޮންނާނެ ކަމަށެވެ.

ރޭގެ ޖަލްސާގައި ނަހުލާ ވަނީ ސޯޝަލް މީޑިއާގައި އާންމުން ގާސިމަށް ކިޔާ ބައެއް ފާޑުކިޔުންތަކަށް ވެސް ރައްދު ދެއްވައިފަ އެވެ.

"ސޯޝަލް މީޑިއާގައި ގާސިމް ހުތުރުކުރަން ސޭޓު ފަޅެއް ދަމައިގެންފި، މަހުޖަނު ރަށެއް ކާލައިފި، ކޮންމެ ސަރުކާރަކުން ބޮޑު ޕޯޝަނެއް ނަގައިގެން ބުރުމާ ގާސިމް އިންނާނީ ގޭގައި. އަޅުގަނޑުމެންގެ މި ތިބަ ލޮބުވެތި ޒުވާނުންނަށް އަދި މި ރާއްޖޭގެ ގިނަ ޒުވާނުން ގާސިމް އިބްރާހިމް އެނގޭ ގޮތަކީ މިއީ،" ނަހުލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެއީ ޒުވާނުންނަށް އޮޅުވާލަން ވެގެން ސިޔާސީ ވާދަވެރިން ސޯޝަލް މީޑިއާގައި "ހަޑި މުޑުދާރު ބަހުން، ހުތުރުކޮށް" ދައްކާ ދޮގު ވާހަކަތަކެކެވެ.

"ކިސަޑު ގަނޑެއްގައި އޮތަސް ޖަވާހިރެއް ވާނީ ޖަވާހިރަކަށް،" ނަހުލާ ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވީ ގާސިމަކީ އޭނާގެ އަނބިދަރިންނަށް ދޭ ވަގުތަށް ވުރެ ގިނަ ވަގުތު ގައުމަށް ހިދުމަތް ކުރުމަށް ހޭދަކުރައްވާ ބޭފުޅެއް ކަމަށެވެ. މި ގައުމަށްޓަކައި މިދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި ގާސިމަށް ލިބުނު އާމްދަނީގެ 60 ޕަސެންޓަށް ވުރެ ގިނައިން ހޭދަކުރީ ނިކަމެތިންނަށް އެހީވުމަށް ކަމަށް ވެސް ނަހުލާ ވިދާޅުވި އެވެ.

"މަހަކު 100ރ. ތިޔަ ލޮބުވެތި ރައްޔިތުންނަށް ލިބެންޏާ އޭގެން 60ރ. ﷲ އަށްޓަކައި ހޭދަކުރާނެ އެކެއް އެބަހުރިތޯ މިތާ، ގާސިމް އިބްރާހިމް ފިޔަވާ؟،" އޭނާ ވިދާޅުވި އެވެ.