Roadha Mihaaru
މައުމޫންގެ ހަފުލާ ހުއްޓުވި ސަބަބު ބުނެދޭން ނުޖެހޭތަ؟

މައުމޫންގެ ބައްދަލުވުން ހުއްޓުވި ސަބަބު ބުނެދޭކަށް ނުޖެހޭތަ؟

19 ޖެނުއަރީ 2017

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ބާއްވަން އުޅުއްވީ އެއްވުމެއް ނޫނެވެ؛ އެ ފެކްޝަނުން ބުނި ގޮތުގައި، ބޭނުންފުޅުވީ އެ މަނިކުފާނުގެ އޮފީސް ހ. ތެމާގައި، ޕީޕީއެމްގެ އާއްމު މެމްބަރުންތަކަކާ ބައްދަލު ކުރެއްވުމަށެވެ. އެ ބައްދަލުވުމަށް އެއްވެސް މުއައްސަސާއަކުން ކުރިން ހުއްދަ ހޯދާކަށް ނުޖެހެ އެވެ. މައުމޫން ބާއްވަވަން އުޅުއްވި ބައްދަލުވުން ގާނޫނާ ހިލާފު ނުވިއަސް ފުލުހުން މިވަނީ، އެކަން ހުއްޓުވައިފަ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ބާއްވަން އުޅުއްވީ އެއްވުމެއް ނޫނެވެ؛ އެ ފެކްޝަނުން ބުނި ގޮތުގައި، ބޭނުންފުޅުވީ އެ މަނިކުފާނުގެ އޮފީސް ހ. ތެމާގައި، ޕީޕީއެމްގެ އާއްމު މެމްބަރުންތަކަކާ ބައްދަލު ކުރެއްވުމަށެވެ. އެ ބައްދަލުވުމަށް އެއްވެސް މުއައްސަސާއަކުން ކުރިން ހުއްދަ ހޯދާކަށް ނުޖެހެ އެވެ. މައުމޫން ބާއްވަވަން އުޅުއްވި ބައްދަލުވުން ގާނޫނާ ހިލާފު ނުވިއަސް ފުލުހުން މިވަނީ، އެކަން ހުއްޓުވައިފަ އެވެ.

ފުލުހުން އެންގީ، މައުމޫންގެ އޮފީސް ތެރެއަށް އެ މަނިކުފާނު ފިޔަވައި އެހެން އެއްވެސް މީހަކަށް ރޭ ނުވަދެވޭނެ ކަމަށެވެ. ސަބަބެއް ނުބުނެ އެވެ. ބައެއް މީހުން މިކަން ސިފަކުރަނީ، "ވަރަށް ހެއްވާ އެންގުމެއް"ގެ ގޮތުގަ އެވެ.

މައުމޫން ފެކްޝަނުން ބުނި ގޮތުގައި އެ ހަފުލާ ނުބޭއްވޭނެ ކަން އެންގީ ދެ ފުލުހަކު އެ އޮފީހަށް ވަދެ އަނގަބަހުންނެވެ. އެ ދެ ފުލުހުން ވެސް ސަބަބު ނުބުނި ކަމަށް އެ ފެކްޝަނުގެ ނައިބު ރައީސް އައިމިނަތު ނާދިރާ ވިދާޅުވި އެވެ.

ގާނޫނީ ބައެއް ވަކީލުން ވިދާޅުވާ ގޮތުގައި ފުލުހުން ރޭ އަމަލުކުރީ ގާނޫނުއަސާސީއާ ހިލާފަށެވެ. އެއީ، ސަރުކާރުގެ އެއްވެސް އިދާރާއަކުން ކަމެއް ހުއްޓުވާ ނަމަ، ސަބަބު ބަޔާންކޮށްދޭން ޖެހޭނެ ކަމަށް ގާނޫނު އަސާސީގެ 143 ވަނަ މާއްދާގައި އޮންނާތީ ކަމަށް ވެސް ވަކީލުން ވިދާޅުވެ އެވެ.

"ސަރުކާރުގެ އެއްވެސް އިދާރާއަކުން ނިންމުމެއް ނިންމާ އިރު ސަބަބު އަންގަން ޖެހޭ އެކަމުގެ އަސަރު ފޯރާ ކޮންމެ މީހަކަށް،" ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވި އެވެ.

އޭނާ އިޝާރާތްކުރެއްވި މާއްދާގައި ވަނީ، އިދާރީ ގޮތުން އަޅާ ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ހައްގަކަށް އުނިކަމެއް ލިބިއްޖެ ކަމަށް ފެނިއްޖެ ނަމަ، އެ ފިޔަވަޅެއް އެޅި ސަބަބު ލިއުމުން ލިބުމުގެ ހައްގު އެ މީހަކަށް ލިބިގެންވާ ކަމަށެވެ.

އަދި އެ ފިޔަވަޅުގެ ސަބަބުން އެއްވެސް މީހެއްގެ ހައްގަކަށް ނުވަތަ މުޖުތަމައުގެ ހައްގަކަށް އުނިކަމެއް ލިބިއްޖެ ކަމަށް ފެނިއްޖެ ނަަމަ، އެކަމެއް ކޯޓަށް ހުށަހެޅުމުގެ ހައްގު އެ މީހަކަށް ނުވަތަ އެ ބަޔަކަށް ނުވަތަ އެކަމުން ސީދާ ގޮތެއްގައި އަސަރު ފޯރާފާނެ ކޮންމެ މީހަކަށް ލިބިގެންވާ ކަމަށް ވެސް އެ މާއްދާގައިވެ އެވެ.

ސުއޫދު ވިދާޅުވި ގޮތުގައި ސިޔާސީ ކަންކަމުގެ ތެރެއަށް ފުލުހުން ވަނުމަކީ ވެސް ގާނޫނީ ގޮތުން އެ މުއައްސަސާ އަށް ލިބިފައި އޮންނަ ބާރެއް ނޫނެވެ. އެހެންވެ ހަފުލާ ހުއްޓުވަން ފުލުހުން އަމަލު ކުރި ގޮތް ގޯސްކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

މައުމޫން ބާއްވަން އުޅުނު ޕީޕީއެމްގެ ފަސް ވަނަ އަހަރީ ހަފުލާ ހުއްޓުވައި ފުލުހުން ހ. ތެމާ ކައިރީގައި ހަރަކާތްތެރިވަނީ: މައުމޫންގެ ބައްދަލުވުން ރޭ ހުއްޓުވީ ގާނޫނޫއަސާސީއާ ހިލާފަށް ކަމަށް ވަކީލުން ވިދާޅުވޭ. --ފޮޓޯ: މިހާރު

މައުމޫން ބާއްވަން އުޅުނު ޕީޕީއެމްގެ ފަސް ވަނަ އަހަރީ ހަފުލާ ހުއްޓުވައި ފުލުހުން ހ. ތެމާ ކައިރީގައި ހަރަކާތްތެރިވަނީ: މައުމޫންގެ ބައްދަލުވުން ރޭ ހުއްޓުވީ ގާނޫނޫއަސާސީއާ ހިލާފަށް ކަމަށް ވަކީލުން ވިދާޅުވޭ. --ފޮޓޯ: މިހާރު

މައުމޫންގެ ހަފުލާ ހުއްޓުވުމުން ހިތްހަމަނުޖެހުނު ބައެއް މީހުން ބުނި ގޮތުގައި ފުލުހުން އަމަލު ކުރި ގޮތުން އަނެއްކާވެސް ސާފުވީ، ރާއްޖޭގައި އެއްވެ އުޅުމުގެ މިނިވަންކަމާއި ސިޔާސީ ހަރަކާތްތައް ސަރުކާރުގެ "މުށުތެރޭގައި ފިއްތާފައިވާ" މިންވަރެވެ. އެންމެ ކުޑަ މިނުން، މައުމޫން ފިޔަވައި އެހެން މީހަކަށް އޮފީސް ތެރެއަށް ނުވަދެވޭނެ ކަމަށް އެންގި ސަބަބު ފުލުހުން ބުނެދޭން ޖެހޭނެ ކަމަށް އެ މީހުން ދެކެ އެވެ.

މައުމޫންގެ ހަފުލާ ހުއްޓުވާފައި މިވަނީ، ޕީޕީއެމްގެ ނަމުގައި އެމަނިކުފާނު ބަޔާންތައް ނެރެ، ކަންކަމަށް ފާޑުވިދާޅުވާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ދީފައި ވަނިކޮށެވެ.

އެ ފެކްޝަނުން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ހަލީލް ވިދާޅުވި ގޮތުގައި ޕާޓީ ހިންގުމާ ގުޅޭ ކަންކަން ކުރުމަކީ ރައީސް ޔާމީންގެ އަތްޕުޅުގައި އޮތް ކަމެކެވެ. ޕާޓީގެ ކަންކަން އުސޫލުތަކުގެ ތެރެއިން ކުރިއަށް ދަނިކޮށް، އެއާ ހިލާފަށް ބަޔާން ނެރުއްވުމަކީ މައުމޫނަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.

ރައީސް ޔާމީނާއި މައުމޫނާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ޕާޓީގެ ހިންގުން ވަނީ މުސްތަޝާރާ ހަވާލުކޮށްފަ އެވެ. އެ ހުކުމާ އެކު ޕިޕީއެމްގެ ހުރިހާ ކަމެއް ވެސް މިހާރު ކުރަނީ އެ ފެކްޝަނުންނެވެ.

މީގެ ކުރިން ވެސް މައުމޫން ބާއްވަން އުޅުނު، ޕީޕީއެމްގެ ފަސް ވަނަ އަހަރީ ޖަލްސާ ވެސް ފުލުހުން ވަނީ ހުއްޓުވައިފަ އެވެ.