Roadha Mihaaru
ޕީޕީއެމްގެ ލިޔުންތަކެއް ނައްތާލި ކަމަށް ބުނެ ޕޮލިހަށް

ޕީޕީއެމްގެ ލިޔެކިޔުންތަކެއް ނައްތާލި ކަމަށް ބުނެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

01 ނޮވެމްބަރ 2016

ހ. ތެމާގައި ހިންގި ޕީޕީއެމްގެ އޮފީހުގައި ހުރި ލިޔެކިޔުންތައް ބަޔަކު ނައްތާލި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން މިރޭ ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހ. ތެމާގައި ހިންގި ޕީޕީއެމްގެ އޮފީހުގައި ހުރި ލިޔެކިޔުންތައް ބަޔަކު ނައްތާލި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން މިރޭ ބުނެފި އެވެ.

ދަރުބާރުގޭގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވި ގޮތުގައި، ކޯޓު އަމުރު ތަންފީޒު ކުރުމަށް ފުލުހުންގެ އެހީތެރިކަމާއެކު، ޕީޕީއެމްގެ އޮފީހަށް ވަދެ ތަކެތި ގެންދިޔައިރު، ޕާޓީގެ އޮފީހުން ކޮންމެހެން ލިބެން ޖެހޭ މުހިއްމު މައުލޫމާތު ނައްތާލާފައިވާކަން ފާހަގަކުރެއްވޭ ކަމަށެވެ. އެ ގޮތުން ބައެއް ކޮމްޕިއުޓަރުތަކުގައި ހާޑް ޑްރައިވް ނެތްއިރު، ހާޑްޑްރައިވް ހުރި ކޮމްޕިއުޓަރުތަކުގައި ހުރި އެއްޗެހި ފޮހެލާފައިވުމަކީ ހިންގި ބޮޑު ޖަރީމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕާޓީގައި ބޭނުންކުރަމުންދިޔަ ހުރިހާ ކޮމްޕިއުޓަރުތަކެއްގެ ހުރިހާ އެއްޗެއްގެ ހާޑް ޑިސްކު ހުރީ ނަގާފައި. ހާޑްޑިސްކެއްގައި ވެސް ހުރި ހުރިހާ އެއްޗެއް ވަނީ ފޯމެޓް ކޮށްލާފައި،" އާރިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްގެ ހިސާބުތަކާއި ޖަލްސާތަކުގެ ޔައުމިއްޔާތަކާއި އެކި ފަރާތްތަކާއެކު ހަދާފައި ހުރި އެއްބަސްވުންތައް ފަދަ މުހިންމު ލިޔެކިޔުންތައް ގެއްލިފައިވާ ކަމަށެވެ. އަދި ޕާޓީ ހިންގުމުގެ ކަންކަމުގައި ހަރަކާތްތެރިވާ މީހުންނާ ހަވާލުކުރަން ޖެހޭ ބައެއް ތަކެތި އޮފީހުން ނެރެގެން ގެންގޮސްފައިވާ ކަމަށް އާރިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނުގެ ބާރުގެ ދަށުގައި ހުރި އެ ޕާޓީގެ އޮފީހުގެ ބައެއް ލިޔެކިޔުންތައް ނައްތާލީ މައްސަލަ ފުލުހުންނަށް ހުށަހެޅީ އާންމު މެމްބަރުންގެ ހައްގުތަކަށް ބަޔަކު އަރައިގެންފައިވާތީ އެވެ.

ތެމާގައި ހިންގި ޕީޕީއެމްގެ އޮފީހުގެ ލިޔެކިޔުންތަކެއް ނައްތާލި ކަމަށް ރައީސް ޔާމީންގެ ފެކްޝަނުން ބުނާއިރު، މައުމޫންގެ ފެކްޝަނުން ބުނެފައި ވަނީ އެ އޮފީހުގައި ހުރި ތަކެތި ރައީސް ޔާމީންގެ ފެކްޝަނުން ގެންގޮސްފައިވާ ކަމަށެވެ. ޕީޕީއެމްގެ އޮފީސް ހިންގި ތަން މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫނަށް މިއަދުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތަށް ދޫކުރުމަށް، ގޭގެ ވެރިފަރާތުން ވަނީ އެއްބަސްވެފަ އެވެ. ޔުމްނާ ވިދާޅުވެފައިވާ ގޮތުގައި އެތަނުގައި ދެން ހިންގާނީ "ޕީޕީއެމްގެ ރައީސްގެ އޮފީސް" އެވެ. އަދި ވަރަށް އަވަހަށް މައުމޫންގެ މަސައްކަތްތައް ތެމާގައި ފައްޓަވާނެ ކަމަށް ޔުމްނާ ވިދާޅުވެފައިވެ އެވެ.

ބޮޑު ކޯޅުންގަނޑެއްގެ ތެރޭގައި އޮތް ޕީޕީއެމްގެ އޮފީހުގައި ހުރި މުދާތައް މިދިޔަ ހުކުރު ދުވަހުގެ ރޭ ރައީސް ޔާމީންގެ ފެކްޝަނުން ވަނީ ދަރުބާރުގެއަށް ގެންގޮސްފަ އެވެ. އެހެންވެ، ޕީޕީއެމް އޮފީހުގައި އިދާރީ ގޮތުން ކުރަން ޖެހޭ ކަންކަން ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.