Roadha Mihaaru
ކޯލިޝަން މަޝްވަރާއަށް ރައީސްގެ ސިޓީއެއް ޕާޓީތަކަށް

ކޯލިޝަން ހެދުމުގެ މަޝްވަރާއަށް އެދިވަޑައިގެން ރައީސްގެ ސިޓީއެއް

20 ފެބުރުއަރީ 2023

ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަނަކުން ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ މަޝްވަރާއަށް އެދިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސިޔާސީ ޕާޓީތަކަށް ސިޓީއެއް އިއްޔެ ފޮނުއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަނަކުން ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ މަޝްވަރާއަށް އެދިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސިޔާސީ ޕާޓީތަކަށް ސިޓީއެއް އިއްޔެ ފޮނުއްވައިފި އެވެ.

ރައީސްގެ ފަރާތްޕުޅުން މި ސިޓީ ފޮނުއްވީ، އެނގިފައިވާ ގޮތުގައި، އެމްޑީޕީ އިސްވެ އޮވެ މި ވެރިކަން ހިންގާ ކޯލިޝަން ޕާޓީތަކަށެވެ. އެއީ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި އެމްއާރުއެމް އެވެ.

ކޯލިޝަން ޕާޓީއެއްގެ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ މަޝްވަރާއަށް އެދިވަޑައިގެން ރައީސްގެ ސިޓީއެއް ލިބިފައިވާ ކަމަށެވެ.

މި ވެރިކަން އުފެއްދީ މި ޕާޓީތަކުން ގުޅިގެން އުފެއްދި ކޯލިޝަނަކުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގަ އެވެ. މިއީ އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން ފުރަތަމަ ބުރުގައި އުފެދުނު ފުރަތަމަ ވެރިކަމެވެ. އެ ނޫން ހުރިހާ ވެރިކަންތަކުގައި ވެސް ކޯލިޝަން ހަދަނީ ދެ ވަނަ ބުރުގަ އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ އެހެން ޕާޓީތަކާ އެކު އުފައްދާ ކޯލިޝަނަކުން އަނެއްކާ ވެސް ވެރިކަން ކުރެއްވުމެވެ. އެކަމަށްޓަކައި ޕާޓީތަކާ އެކު މަޝްވަރާކުރެއްވުމުގެ ހުރިހާ ބާރެއް އެމްޑީޕީގެ ގައުމީ މަޖިލީހުން އެމަނިކުފާނަށް ވަނީ ދެއްވައިފަ އެވެ.

ރައީސް ވިދާޅުވެފައި ވަނީ އިންތިހާބު ކާމިޔާބުކުރައްވަން ބޭނުންފުޅުވަނީ އެއް ބުރުންނެވެ. އެކަން ކުރެވޭނީ ހުރިހާ ޕާޓީތަކުން ވެސް ގައުމުގެ ހަމަޖެހުމާއި ކުރިއެރުމަށް މިހާރު ގެންގުޅޭ ވިސްނުމުގައި އެއްބައިވަންތަކާ އެކު ދެމިތިބެގެން ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ސޯލިހްގެ މި ވެރިކަމުގައި ހިމެނޭ ކޯލިޝަން ޕާޓީތަކުގެ ލީޑަރުން: އެމަނިކުފާނުގެ ވިސްނުންފުޅަކީ ޕާޓީއަކާ އެކު އިއްތިހާދުވެ ދެ ވަނަ ދައުރެއް ކާމިޔާބު ކުރެއްވުން. -- ފޮޓޯ

ރައީސް ސޯލިހްގެ މި ވެރިކަމުގައި ހިމެނޭ ކޯލިޝަން ޕާޓީތަކުގެ ލީޑަރުން: އެމަނިކުފާނުގެ ވިސްނުންފުޅަކީ ޕާޓީއަކާ އެކު އިއްތިހާދުވެ ދެ ވަނަ ދައުރެއް ކާމިޔާބު ކުރެއްވުން. -- ފޮޓޯ

މިހާތަނަށް ބޭއްވި ރިޔާސީ އިންތިހާބުތަކުގެ ނަތީޖާއާ ހަވާލާދީ އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރި ގަރާރުގައި ބުނީ، އެއް ޕާޓީއަކުން ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަކީ އެންމެ އެކަށީގެންވާ ގޮތެއް އަދި މިހާތަނަށް ވެފައި އޮތް ގޮތެއް ނޫން ކަމަށެވެ. އެންމެ ފަހުން 2018 ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވުނީ ވެސް އިއްތިހާދެއްގެ ތެރެއިން ކަން ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

އެހެންވެ ރައީސަށް ގައުމީ މަޖިލީހުން ބާރުދީ، އެމަނިކުފާނުގެ ފަރާތްޕުޅުން މަންދޫބުންތަކެއް މި ހަފުތާގައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ބައްދަލުކުރައްވައިފަ އެވެ. އެ މަޝްވަރާތަކުގެ ތަފްސީލެއް މިހާތަނަށް ހާމަކުރައްވާފައި ނުވިޔަސް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެފައިވާ ގޮތުގައި "އެއީ އުއްމީދީ ބައްދަލުވުމެއް" ކަމަށެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބާ މެދު އަދި ގޮތެއް ނުނިންމަ އެވެ. ގާސިމް އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރައްވާނީތޯ ނުވަތަ ކޯލިޝަން ވެރިކަމުގައި އަނެއްކާ ވެސް ދެމިތިބޭނީތޯ ނިންމާނީ އަންނަ ހުކުރުދުވަހު ފަށާ ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގަ އެވެ.

އެމްޑީޕީ އިސްވެ އިއްތިހާދުވާން މަސައްކަތްކުރަމުން އަންނަ އިރު، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އަބަދުވެސް ގެންދަވަނީ އިއްތިހާދުގެ ވެރިކަމާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ. އިއްތިހާދު ހަދައިގެން އެމްޑީޕީ ބާކީވެ އެހެން ސިޔާސީ ޕާޓީތަކަށް ވެރިކަމުން ފުރުސަތު ބޮޑުވާ ކަމުގެ ހިތްހަމަނުޖެހުން އެމަނިކުފާނު ފާޅުކުރައްވަ އެވެ. ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ނާކާމިޔާބުވުމުން، އެ މަނިކުފާނު ވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ސިޔާސީ ހަރަކާތެއް ފައްޓަަވައިފަ އެވެ. ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރައްވާނެ ކަމަށާއި މި އިންތިހާބަކީ ގާސިމަށް "ރަނުގެ ފުރުސަތެއް" ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.

ނަޝީދު ގެންގުޅުއްވާ ވިސްނުން ދޫކޮށްލައްވައި ޕާޓީއަށް އެންމެ ފައިދާ ހުރި ގޮތަކީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވެސް ޕާޓީއާ އެކު ކުރިއަށް ވަޑައިގަތުން ކަމަށާއި މިހާރު ނިންމަވައިގެން ހުންނެވި ގޮތް ބަދަލުކުރައްވަން ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ އެދިވަޑައިގެންފަ އެވެ.

ކޯލިޝަން ހަދަން އެމްޑީޕީގެ ގަރާރު ފާސްކޮށްފައި އޮތީ، "ސިޔާސީ ހަރަކާތެއްގެ ލީޑަރަކާ އިއްތިހާދުވާން" ފެނިއްޖެ ނަމަ އެކަން ވެސް ކުރިއަށް ގެންދާ ގޮތަށެވެ.