Roadha Mihaaru
ތެލުގެ ބޮޑު ވައްކަމުން ގެއްލުނު 28މިލިއަނެއް ނުހޯދޭ

އެމްޕީއެލްގެ ތެލުގެ ބޮޑު ވައްކަމުން ގެއްލުނު 28 މިލިއަން އަދިވެސް ނުހޯދޭ

20 ފެބުރުއަރީ 2023

މީގެ ތިން އަހަރު ކުރިން ފަޅާ އެރި އެމްޕީއެލްގެ ތެލުގެ ވައްކަމުން ގެއްލުނު 28 މިލިއަން ރުފިޔާ ރިކަވާ ނުކުރެވޭ ކަމަށާއި އެ މަސައްކަތް ނުކުރެވެނީ މައްސަލައިގެ ތަހުގީގުތައް ނިމި ކޯޓުން އެކަން ސާބިތު ނުކުރެވޭތީ ކަމަށް އޮޑިޓް އޮފީހުން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މީގެ ތިން އަހަރު ކުރިން ފަޅާ އެރި އެމްޕީއެލްގެ ތެލުގެ ވައްކަމުން ގެއްލުނު 28 މިލިއަން ރުފިޔާ ރިކަވާ ނުކުރެވޭ ކަމަށާއި އެ މަސައްކަތް ނުކުރެވެނީ މައްސަލައިގެ ތަހުގީގުތައް ނިމި ކޯޓުން އެކަން ސާބިތު ނުކުރެވޭތީ ކަމަށް އޮޑިޓް އޮފީހުން މިއަދު ބުނެފި އެވެ.

އެމްޕީއެލްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ތެޔޮ ގަތުމުގައި ހިންގާފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް އޮފީހުން ވަނީ ހާއްސަ އޮޑިޓެއް ހަދައި އެ މައުލޫމާތުތައް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއާ ހިއްސާކޮށްފަ އެވެ.

އޮޑިޓަޖެނެރަލް ހުސެއިން ނިޔާޒީ އާއި އެ އޮފީހުގެ ބޭފުޅުން ހާޒިރުވެވަޑައިގަތް ބައްދަލުވުމުގައި، ކޮމިޓީގެ މެންބަރެއްގެ ސުވާލުތަކާ ގުޅިގެން އޮޑިޓް އޮފީހުން ބުނި ގޮތުގައި އެމްޕީއެލް އިން ގެއްލުނު ފައިސާ ހޯދުމުގެ މަރުހަލާއާ ހަމައަށް ދެވެން އޮތީ ތަހުގީގު ފުރިހަމަ ކުރުމުންނެވެ. ކޮމިޓީގައި އާއްމުކުރި މައުލޫމާތަށް ބަލާއިރު އެ ހިސާބަށް ތިން އަހަރު ވި އިރު ނުދެވެ އެވެ.

"އޮޑިޓުން ފާހަގަކުރެވޭ ކަންކަމުން ރިކަވާ ކުރަން ޖެހޭ ފައިސާ ހޯދުމުގައި އޮންނަ ގޮތަކީ ތަހުގީގީ މަރުހަލާތައް ނިމި ކޯޓުން އެކަން ސާބިތުވާ ހިސާބުން އެއަށް ފަހު ރިކަވަރީ މި އަންނަނީ،" އޮޑިޓް ޖެނެރަލް ނިޔާޒީ ވިދާޅުވި އެވެ.

އެމްޕީއެލް ކޮންޓެއިނާ ބޯޓެއް:  އެ ކުންފުނީގެ މުވައްޒަފުންތަކެއް ހިންގި ބޮޑު ހިޔާނާތް އަންނަނީ ތަހުގީގުކުރަމުން. -- ފޮޓޯ | މިހާރު

އެމްޕީއެލް ކޮންޓެއިނާ ބޯޓެއް: އެ ކުންފުނީގެ މުވައްޒަފުންތަކެއް ހިންގި ބޮޑު ހިޔާނާތް އަންނަނީ ތަހުގީގުކުރަމުން. -- ފޮޓޯ | މިހާރު

އޮޑިޓު އޮފީހުން ބުނީ، އޮޑިޓް ރިޕޯޓަކުން އެނގޭނީ، އެކަމުގައި ސީދާ ބައިވެރިވި މީހުންގެ މައުލޫމާތު ކަމަށާއި މިކަމުގައި އިތުރަށް ބައިވެރިވި މީހުން ހޯދަން ޖެހޭނީ އެކަން ތަހުގީގު ކޮށްގެން ކަމަށެވެ. މިކަން ކޮށްފައިވާ ގޮތުން މިކަމުގައި އެ ކުންފުނީގައި ގިނަ ދުވަސްވީ، މައުލޫމާތުތައް ބެހިގެންދާ ގޮތް ރަނގަޅަށް ދަންނަ މުވައްޒަފުންގެ ބައިވެރިވުން ވެސް އޮތް ކަމަށް ބެލެވޭ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.

އެހެން ނަމަވެސް ތެލުގެ ހިޔާނާތައި ގުޅިގެން މިހާތަނަށް ފިޔަވަޅު އަޅާފައިވަނީ އެމްޕީއެލްގެ ދެ މުވައްޒަފަކަށާއި އެފްއެސްއެމްގެ އެއް މުވައްޒަފަކަށެވެ. މި މައްސަލައާ ގުޅިގެން އެމްޕީއެލްގެ ދެ މުވައްޒަފެއް ވަޒީފާއިން ވަކިކޮށް، އެ ކަމުގެ ތަހުގީގުތައް އަންނަނީ ހިންގަމުންނެވެ. އަދި އެފްއެސްއެމްގެ ޑްރައިވަރަކު ވަނީ ސަސްޕެންޑުކޮށްފަ އެވެ.

އޮޑިޓް އޮފީހުން އާންމުކުރި 2018-2020 ވަނަ އަހަރުގެ ރިޕޯޓުގައިވާ ގޮތުން އެމްޕީއެލް އިން 28 މިލިއަން ރުފިޔާގެ ތެލަށް ހިޔާނާތްތެރިވެފައިވެ އެވެ. އެ ތިން އަހަރުގެ ތެރޭގައި 8.8 މިލިއަން ލީޓަރު ގަތުމަށް 90 މިލިއަން ރުފިޔާ ޖުމްލަ ހޭދަކުރި އެވެ. އެހެންވެ އެމްޕީއެލް އިން ޖުމްލަ ތެލަށް ހޭދަކުރި 30 ޕަސެންޓަކީ އޮޅުވާލައިގެން ކުރި ހޭދަ އެވެ.

އޮޑިޓް އޮފީހުން އެސްއޯއީ ކޮމިޓީގައި މިއަދު ހުށަހެޅި ޕްރެޒެންޓޭޝަނުގައި ފާހަގަކޮށްފައިވާ ގޮތުން ތެލުގެ ހިޔާނާތް ހިންގީ، ތެޔޮ ހިފައިގެން އަންނަ އެފްއެސްއެމް މުވައްޒަފުންނާއި ތެލާއި ހަވާލުވާ އެމްޕީއެލްގެ މުވައްޒަފުން ގުޅިގެން ކަން ފާހަގަކުރެވެ އެވެ.

އެ އޮފީހުން ބުނިގޮތުގައި މި ކޮރަޕްޝަން ހިންގުމަށް އެހާ ބޮޑަށް މަގު ފަހިވީ، ލިޔުމުން ހުއްދަ ނުހޯދައި، ޑެއިލީ އޯޑަރުތަކަށް ތެޔޮ ހޯދުމަށް ގުޅައިގެން ކުރިއަށް ގެންދާތީ އެވެ.

އޮޑިޓް އޮފީހުގެ ރިޕޯޓުން އެންމެ ބޮޑަށް ފާހަގަވި އެއް ކަމަކީ، އެމްޕީއެލްގެ އެކައުންޓް ސިސްޓަމް ނާޖައިޒް ގޮތުގައި ބޭނުން ކުރުމުގެ ޖާގަ އޮތުން ކަމަށާއި، އެންމެ ފުރިހަމަ ނިޒާމެއް އެމްޕީއެލްގައި ނެތުމުން އޮޅުވާލައިގެން ޑޮކިއުމެންޓްތައް ފޯޖު ކުރުމުގެ ފުރުސަތު އޮތް ކަަމަށެވެ.

"އެމްޕީއެލްގެ ތެރޭގައި ވަރަށް ބޮޑެތި ވީކްނެސްތަކެއް ހުރި. އެމްޕީއެލްގެ އެކައުންޓް ސިސްޓަމުގައި ހުރި ކަންކަން މެނުފިއުލޭޓުކޮށް މި މުއާމަލާތްތައް ހިންގަމުން ދިޔައީ. އިތުރަށް ނެގި ތެލަކީ އޮޕަރޭޝަނަށް ބޭނުންވާ ތެޔޮކަން ދެއްކުމުގެ ގޮތުން ޑޮކިއުމެންޓްތައް ފޯޖުކޮށް އެ މައުލޫމާތުތައް އެކައުންޓިން ސިސްޓަމަށް ވައްދަމުން ދިއުމުގެ ސަބަބުން މި މުއާމަލާތް ހިންގުމަށް މަގުފަހިވެގެންދިޔަ،" އޮޑިޓް އޮފީހުގެ ބޭފުޅަކު ވިދާޅުވި އެވެ.