Roadha Mihaaru
ޔޫކްރޭން ހަނގުރާމަ: ރަޝިޔާއާ ހުޅަނގުގެ ވާދަވެރިކަމެއް

ޔޫކްރޭން ހަނގުރާމަ: ރަޝިޔާ އާއި ހުޅަނގުގެ ވާދަވެރިކަމެއް

23 ފެބުރުއަރީ 2023

ފެބްރުއަރީ 24، 2022ގައި ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމަ އަށް މިއަދު އެއް އަހަރު ފުރުނީ އެވެ. މިދިޔަ މުއްދަތުގެ ތެރޭގައި ރަޝިޔާ އިން ވެސް އަދި ޔުކްރޭނުން ވެސް ހާހުން ގުނައިލެވޭ އަދަދަކަށް މީހުން މަރުވެފައިވާކަން ޔަގީން ކުރެވުނަސް، ޖުމްލަ އަދަދެއް ކަށަވަރެއް ނުވެ އެވެ.

ފެބްރުއަރީ 24، 2022ގައި ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމަ އަށް މިއަދު އެއް އަހަރު ފުރުނީ އެވެ. މިދިޔަ މުއްދަތުގެ ތެރޭގައި ރަޝިޔާ އިން ވެސް އަދި ޔުކްރޭނުން ވެސް ހާހުން ގުނައިލެވޭ އަދަދަކަށް މީހުން މަރުވެފައިވާކަން ޔަގީން ކުރެވުނަސް، ޖުމްލަ އަދަދެއް ކަށަވަރެއް ނުވެ އެވެ.

ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް ނިންމައި އެކަން އިއުލާން ކުރައްވަމުން ދެއްކެވި ވާހަކައިގައި ރައީސް ޕުޓިން ވިދާޅުވެފައިވަނީ، ޔޫކްރޭންގެ ދޮންބާސް ސަރަހައްދުގައި ރަޝިޔާ ސިފައިން ޚާއްސަ އަސްކަރީ ހަރަކާތެއް ހިންގުމަށް ނިންމެވި ކަމަށެވެ. އަދި އެކަން ކުރަން ޖެހުނީ، ޔޫކްރޭންގައި ފެތުރެމުންދާ ނާޒީ ހަރަކާތްތަކުން ސަލާމަތްކޮށްދިނުމަށް އެދި އެ ސަރަހައްދުގެ މީހުން ރަޝިޔާގައި އެދުމުން ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.

ރައީސް ޕުޓިންގެ ނަޒަރުގައި ޔޫކްރޭނާ ދެކޮޅަށް އޭނާގެ ސިފައިން ކުރަނީ ހަނގުރާމައެއް ނޫނެވެ. އަސްކަރީ ޚާއްސަ ހަރަކާތެކެވެ. އެ ހަރަކާތުގައި ދެ ފަރާތުގެ ސިފައިންގެ ތެރެއިން މިހާތަނަށް މަރުވީ ކިތައް މީހުން ކަމެއް، ޒަޚަމްވީ ކިތައް މީހުން ކަމެއް ނޭނގެ އެވެ.

ނަމަވެސް، ޔޫކްރޭންގެ އިރުމަތީ ސަރަހައްދުން ބޮޑު ބައެއް މިހާރު އޮތީ ރަޝިޔާގެ ފުރިހަމަ ބާރުގެ ދަށުގަ އެވެ. ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން އަދި ހަނގުރާމަ ހުއްޓުމަށް ބާރު އެޅުމުގެ ގޮތުން، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ވަނީ އިގްތިސާދީ ގޮތުން ރަޝިޔާ އަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފަ އެވެ.

އެ ފިޔަވަޅުތަކުގެ ނަތީޖާއަކީ، ރަޝިޔާ ސަރުކާރު ހިއްސާވާ އެންމެހައި ކުންފުނިތަކާ އެކު ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ކުރުން ހުއްޓާލައި، އަދި ރަޝިޔާ ސަރުކާރަށް އާމްދަނީ އިތުރުކޮށްދޭ އަމިއްލަ ވިޔަފާރި ކުންފުނިތަކާ އެކުވެސް ވިޔަފާރި ކުރުން ހުއްޓައިލުމެވެ. އޭރުން، ރަޝިޔާ އަށް ލިބޭ އާމްދަނީ ދަށްވެ، ހަނގުރާމަ އަށް ކުރަންޖެހޭ ހޭދަތަކަށް ބުރޫ އަރާނެ އެވެ.

ނަމަވެސް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުގެ އަމަލުތައް ހުރީ ހަނގުރާމަ ނިންމަން ބޭނުންވާ ފަދަ ގޮތަކަށް ނޫނެވެ. އޭގެ ބަދަލުގައި އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން މަސައްކަތް ކުރަމުން ދަނީ ހަނގުރާމަ އިތުރަށް ވަރުގަދަކޮށް، ދެ ފަރާތުގެ މެދުގައި ހިނގާ އަސްކަރީ ކުރިމަތިލުންތައް އިތުރަށް ފުޅާ ކުރުމަށެވެ.

ރަޝިޔާ އިން ޔޫކްރޭން އަޅުވެތިކޮށްފާނެ ކަމުގެ ބިރު އޮތުމުން، އެމެރިކާ އާއި ހުޅަނގުން އަޅަމުންދާ ފިޔަވަޅަކީ ޔޫކްރޭނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އޭގެ ތެރޭގައި ހަތިޔާރާއި އެއަށް ބޭނުންވާ ވަޒަނާއި މިސައިލާއި ރޮކެޓާއި ބޮޑުބަޑި ފަދަ ބަރު ހަތިޔާރު ވެސް ހިމެނެ އެވެ، އޭގެ އިތުރުން، ޔޫކްރޭންގެ އަސްކަރިއްޔާ އަށް ބޭނުންވާ ޚަރަދުތައް ފޫބެއްދުމަށް މާލީ އެހީތެރިކަން ވެސް އަންނަނީ ފޯރުކޮށްދެމުންނެވެ.

މީގެ ނަތީޖާއަކަށް ވަނީ، ޔޫކްރޭންގެ ދިފާއީ ހަމަލާތައް ވަރުގަދަވާ ވަރަކަށް، ރަޝިޔާ އިން ދޭ ހަމަލާތައް އިތުރަށް ވަރުގަދަ ކުރުމެވެ. އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ގަބޫލުކުރަން ބޭނުން ނުވިޔަސް، ރަޝިޔާ އަކީ އަސްކަރީ ގޮތުން އެންމެ ބޮޑު ދެ ބާރުގެ ތެރެއިން އެއް ބާރަށް ވީ ހިނދު، ރަޝިޔާ ބަލިކޮށްލުމަކީ އެމެރިކާ އާއި ވިލާތުގެ ގައުމުތަކަށް ވެސް އެހާ ފަސޭހަ ކަމަކަށް ނުވާނެ އެވެ.

އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންދާ މިންވަރަށް ބަލާއިރު، ޔޫކްރޭންގެ އިތުރު ސަރަހައްދުތަކެއް ހިފުމަކީ، އެހާ ފަސޭހައިން ރަޝިޔާ އަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި ހުޅަނގުގެ އަސްކަރީ އެހީތެރިކަން ކިތަންމެ ފުޅާކުރިޔަސް، ރަޝިޔާ އިން ހިފާފައިވާ ބިންތައް އަލުން މިނިވަންކުރުމަކީ، އެހާ ފަސޭހައިން ޔޫކްރޭނަށް ވެސް ކުރެވޭނެ ކަމެއް ނޫނެވެ.

ޔޫކްރޭންގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކޮށްދިނުމުގެ ނަމުގައި އެމެރިކާ އާއި ވިލާތުގެ ބައެއް ގައުމުތަކުން މިހާރު ވަނީ އެ ގައުމުތަކުގައި ބޭނުންކުރާ އެންމެ ޒަމާނީ ޓޭންކުތައް ޔޫކްރޭނަށް ފޮނުވަން ނިންމައިފަ އެވެ. އަދި އެފަދަ ހަތިޔާރުތައް ބޭނުންކުރާނެ ގޮތުގެ ތަމްރީންތައް، ޔޫކްރޭން ސިފައިން މިހާރު ގެންދަނީ އިނގިރޭސި ވިލާތުގައި ފުރިހަމަ ކުރަމުންނެވެ.

މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޔޫކްރޭން ހަނގުރާމައިގެ އުޑި އެނބުރެމުން ދިޔަ ގޮތަށް ބަލާއިރު، ހަނގުރާމައިގައި ބައިވެރިވަނީ ރަޝިޔާ އާއި ޔޫކްރޭން ސިފައިން ކަމަށް ވިޔަސް، ހަގީގަތުގައި ހަނގުރާމަ ހިނގަނީ ރަޝިޔާ އާއި ހުޅަނގުގެ ގައުމުތަކާ ދެމެދުގަ އެވެ. ރަޝިޔާ އިން ބޭނުން ކުރަމުން ދަނީ އެމީހުންގެ އަމިއްލަ ހަތިޔާރާއި އަމިއްލަ ސިފައިންނެވެ.

ޔޫކްރޭންގައި ހަނގުރާމަ ކުރަނީ ޔޫކްރޭން ސިފައިން ކަމަށް ވިޔަސް، އެ މީހުން ބޭނުންކުރާ ހުރިހާ ހަތިޔާރަކީ އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގައި އުފައްދައި ޔޫކްރޭނަށް ފޮނުވާފައި ހުރި ހަތިޔާރެވެ.