Roadha Mihaaru
ކޮވިޑްގައި ފުރާނަ ސަލާމަތް ކޮށްދޭ އާ ފަރުވާއެއް

ކޮވިޑްގައި ފުރާނަ ސަލާމަތް ކޮށްދޭ އާ ފަރުވާއެއް

17 ޖޫން 2021

ކޮވިޑް ބަލީގައި ހާލު ދެރަވާ މީހުންގެ ފުރާނަ ސަލާމަތް ކުރުމުގައި، ސްޓެރޮއިޑް (ޑެކްސަމެތަސޯން) ފަރުވާ އިން ރަނގަޅު ނަތީޖާއެއް ހޯދޭކަން ސާބިތުވިތާ ބަރާބަރު އެއް އަހަރު ފަހުން، ކޮވިޑް ބަލިން ފުރާނަ ސަލާމަތް ކޮށްދޭ އާ ފަރުވާއެއް ހޯދިއްޖެ ކަމަށް ސައެންސްވެރިން ބުނެފި އެވެ.

ކޮވިޑް ބަލީގައި ހާލު ދެރަވާ މީހުންގެ ފުރާނަ ސަލާމަތް ކުރުމުގައި، ސްޓެރޮއިޑް (ޑެކްސަމެތަސޯން) ފަރުވާ އިން ރަނގަޅު ނަތީޖާއެއް ހޯދޭކަން ސާބިތުވިތާ ބަރާބަރު އެއް އަހަރު ފަހުން، ކޮވިޑް ބަލިން ފުރާނަ ސަލާމަތް ކޮށްދޭ އާ ފަރުވާއެއް ހޯދިއްޖެ ކަމަށް ސައެންސްވެރިން ބުނެފި އެވެ.

ސްޓެރޮއިޑް ފަރުވާއަކީ ހަރަދު ކުޑަ ފަރުވާއެއް ކަމަށް ވިޔަސް، އަލަށް ހޯދުނު ފަރުވާއަކީ ސްޓެރޮއިޑާ އަޅައި ބަލާއިރު ހަރަދު ބޮޑު ފަރުވާއެކެވެ. މި ފަރުވާގައި ބޭނުންކުރާނީ، ނާރަށް ގުޅާ އައިވީއެއްގެ ޒަރީއާއިން ހަށިގަނޑަށް ފޮނުވާ އެންޓިބޮޑީތަކެކެވެ. ސްޓެރޮއިޑް ބޭނުންކުރުމުން، ހަށިގަނޑުގައި ހުންނަ ކޮރޯނާ ވައިރަހުގެ ބާރު ދަށްކޮށްލުމުގެ ބަދަލުގައި، މި އާ ފަރުވާ ބޭނުންކުރުމުން ހަށިގަނޑުގައި ހުންނަ ކޮރޯނާ ވައިރަހުގެ ބާރު ކަނޑުވައިލަ އެވެ.

އަޖުމަ ބެލުމުގެ މަރުހަލާގެ ނަތީޖާތައް ދެއްކި ގޮތުން، ކޮވިޑްގައި ހާލު ބޮޑުވާ މީހުންގެ ތެރެއިން، ކޮންމެ ތިން މީހަކުން އެކަކު، މި ބޭހުން ފަރުވާ ކުރުމުން ރަނގަޅުވާނެ އެވެ. ތަޖުރިބާކާރުންގެ އަންދާޒާތައް ދައްކާ ގޮތުން، މި ބޭހުން ފަރުވާ ކުރި، ހާލު ބޮޑު އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރެވުނެވެ.

ނަމަވެސް ސައެންސްވެރިން ބުނާ ގޮތުގައި ކޮވިޑްގައި ފުރާނަ ސަލާމަތް ކުރުމަށް މި ފަރުވާ ބޭނުންކުރާނީ، ކޮވިޑް ޖެހުމުން، އެމީހުންގެ ހަށިގަނޑުގައި އެއްވެސް ވަރަކަށް ކޮރޯނާ ވައިރަހުގެ އެންޓިބޮޑީ އުފައްދައިނުދޭ މީހުންނަށެވެ. މިފަރުވާ ކުރުމަށް، މީހަކަށް 1411-2822 ޑޮލަރު ހޭދަވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.

އެމެރިކާގެ ބަޔޯޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ ރިޖެނެރޯން ފާމަސޫޓިކަލް އިން އުފެއްދި މި ފަރުވާ ބޭނުން ކުރުމުން، ހަށިގަނޑުގައި ހުންނަ ކޮރޯނާ ވައިރަސްތައް، ހަށިގަނޑުގެ އެހެން ސެލްތަކަށް ގެއްލުންދިނުން ހުއްޓުވަ އެވެ. އަދި ކޮރޯނާ ވައިރަސް، އޭގެ ނަކަލުތައް އުފައްދައިގެން ހަށިގަނޑުގައި އިތުރުވުން ހުއްޓުވަ އެވެ.

ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ކޮވިޑަށް ފަރުވާ ކުރަމުން އައި 10000 މީހަކަށް މިފަރުވާ ދީގެން، އަޖުމަ ބެލުމުގެ ގޮތުން ކުރި ދިރާސާއިން އެނގުނު ގޮތުގައި، ކޮވިޑް ބަލީގައި ފުރާނަ ގެއްލުމުގެ ނުރައްކާ ކުޑަކޮށްދެ އެވެ. އަދި ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާކުރަންޖެހޭ މުއްދަތު ކުރުކޮށްދެ އެވެ. އަދި ނޭވާލެއްވުމަށްޓަކައި ވެންޓިލޭޓަރު ގުޅަންޖެހެނީ ވަރަށް މަދު ހާލަތެއްގަ އެވެ.

މި ދިރާސާގެ އިސް ސައެންސްވެރިޔާ މާޓިން ލާންޑްރޭ ވިދާޅުވި ގޮތުގައި، އައިވީގެ ޒަރީއާއިން މި އެންޓިބޮޑީ ފަރުވާ ދިނުމުން، ކޮވިޑްގައި މަރުވާ ނިސްބަތް ފަސް ޕަސެންޓް ކުޑަކޮށްދެ އެވެ.