Roadha Mihaaru
ރާއްޖެ ބަލިކޮށް މެލޭޝިއާގެ ފިރިހެން ޓީމު ފައިނަލަށް

ރާއްޖެ ބަލިކޮށް މެލޭޝިއާގެ ފިރިހެން ޓީމު ފައިނަލަށް

26 ފެބުރުއަރީ 2023

ރާއްޖޭގައި މިހާރު ކުރިއަށްދާ ފޯ ނޭޝަން އިންޓަނޭޝަނަލް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ބައިގެ ސެމީ ފައިނަލު ދެވަނަ މެޗުގައި ރާއްޖޭގެ މައްޗަށް ސީދާ ތިން ސެޓުން ކާމިޔާބު ހޯދައި މެލޭޝިއާގެ ޓީމު ފައިނަލަށް ދަތުރު ކޮށްފި އެވެ.

ރާއްޖޭގައި މިހާރު ކުރިއަށްދާ ފޯ ނޭޝަން އިންޓަނޭޝަނަލް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ބައިގެ ސެމީ ފައިނަލު ދެވަނަ މެޗުގައި ރާއްޖޭގެ މައްޗަށް ސީދާ ތިން ސެޓުން ކާމިޔާބު ހޯދައި މެލޭޝިއާގެ ޓީމު ފައިނަލަށް ދަތުރު ކޮށްފި އެވެ.

މާދަމާ ރޭ، މެލޭޝިއާއިން ފައިނަލުގައި ނުކުންނާނީ، ސިންގަޕޫރާ ދެކޮޅަށެވެ. ރައުްނޑް ރޮބިން ބުރުގެ އެންމެ މެޗަކުން ވެސް މޮޅު ނުވި، ސިންގަޕޫރު މިއަދު ވަނީ އަފްޣާނިސްތާން ސީދާ ތިން ބަލިކޮށް ފައިނަލުގެ ޖާގަ ހޯދައިފަ އެވެ. އަންހެން ބައިގެ ފައިނަލުގައި މާދަމާ ހަވީރު ގައުމީ އަންހެން ޓީމުން ނުކުންނާނީ ސިންގަޕޫރާ ދެކޮޅަށެވެ. ރާއްޖެ އަންހެން ޓީމު ފައިނަލަށް ދިޔައީ މިއަދު މެލޭޝިއާގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި މިރޭ ކުޅުނު ސެމީގެ ދެވަނަ މެޗުގެ ސެޓްތައް މެލޭޝިއާއިން ހޯދީ -14، 25-18 އަދި 25-23 ންނެވެ.

ފުރަތަމަ ސެޓްގެ ކުރީކޮޅު ރާއްޖެއިން ހަނި ލީޑެއް ނެގި އެވެ. އެކަމަކު ސެޓްގެ މެދެއްހާ ހިސާބުން ފަރަގި ވަރަށް ބޮޑުވި އެވެ. އެގޮތުން ނުވަ ޕޮއިންޓްގެ ބޮޑު ލީޑެއް މެލޭޝިއާއިން ނެގި އެވެ.

މެލޭޝިއާގެ ޓީމުން ވަނީ ސެޓް ފެށުނީން ސުރެ އެ ޓީމުގެ ގޭމް އެއްވަރެއްގައި ހިފަހައްޓައިފަ އެވެ. މެލޭޝިއާގެ ކުޅުންތެރިން އުފެއްދި ހަމަލާތައް ރިސީވް ކުރުމުގައި ދިވެހި ޓީމަށް އުނދަގޫވި އެވެ. ހާއްސަކޮށް އެ ޓީމުގެ ފަހްމީ ފޮނުވާލި އެޓޭކްތައް ދިޔައީ ނުރައްކާކޮށެވެ.

ދެވަނަ ސެޓްގެ ކުރީކޮޅު މެލޭޝިއާއިން ފަސް ޕޮއިންޓްގެ ލީޑެއް ނެގި އެވެ. ސެޓްގެ މެދެއްހާ ހިސާބަށް ދިޔައިރު މެލޭޝިއާ ހަ ޕޮއިންޓަށް ލީޑް ފުޅާ ކުރި އެވެ. އެ ސެޓްގައި ދިވެހި ޓީމަށް ކުރިމަތިވި މައްސަލައަކީ ޕޮއިންޓް ލިބުމަށް ފަހު ދެން ކުރާ ސާވިސް ބޭކާރުކޮށްލެވުމެވެ. ދެވަނަ ސެޓްގައި ވެސް ހަތަރު ސާވިސް ދިވެހި ޓީމަށް ބޭނުން ނުކުރެވި ދިޔަ އެވެ. މުޅި ސެޓްގައި ވެސް މެލޭޝިއާގެ ކުޅުންތެރިންނަށް މިސްކޮށް ލެވުނީ އެންމެ ދެ ސާވިސް އެވެ.

ފުރަތަމަ ސެޓްގައި އަދި ދެވަނަ ސެޓްގައި ވެސް ރާއްޖޭގެ ރަޒާން ރަނގަޅު ހަމަލާތަކެއް އުފެއްދި އެވެ. މުހިންމު ޕޮއިންޓްތަކެއް ވެސް ރާއްޖެ އަށް ހޯދައިދިނެވެ.

ތިންވަނަ ސެޓް ފަށައިގެން ރާއްޖެއިން ލީޑް ނެގި އެވެ. ކުރީކޮޅު ރާއްޖެއިން ދެ ޕޮއިންޓްގެ ލީޑެއް ނެގުމުން މެލޭޝިއާ ޓީމުން ޓައިމްއައުޓެއް ނެގި އެވެ. ރާއްޖޭގެ ގޭމް މެދުކަނޑާލަން ނެގި ޓައިމްއައުޓް އެ ޓީމުން ބޭނުން ހިފި އެވެ. ސެޓްގެ 15 ވަނަ ޕޮއިންޓާ ހަމައަށް ދެ ޓީމު އައީ ދާދި ކައިރިކައިރިންނެވެ. އެކަމަކު އޭގެ ފަހުން 20-15 އިން މެލޭޝިއާ ފަސް ޕޮއިންޓަށް ލީޑް ފުޅާ ކުރި އެވެ.

ރާއްޖެއިން ވަރަށް ހިތްވަރުކޮށް މެލޭޝިއާ ގޭމްބޯލް ޕޮއިންޓްގައި ވަނިކޮށް ރާއްޖެއިން އެއް ޕޮއިންޓަށް ކައިރި ވެސް ކުރި އެވެ. އެކަމަކު މެލޭޝިއާ ޓީމުގެ ފަހްމީ ފޮނުވާލި ހަމަލާއިން މެލޭޝިއާ ސެޓް ކާމިޔާބުކޮށް ފައިނަލުގެ ފުރުސަތު ޔަގީން ކުރި އެވެ.