Roadha Mihaaru
ތުރުކީން ހާލުގައި ޖެހުނު މީހުންނަށް ގެދޮރު ބިނާކުރަނީ

ތުރުކީން ހާލުގައި ޖެހުނު މީހުންނަށް ގެދޮރު ބިނާކުރަން ފަށައިފި

27 ފެބުރުއަރީ 2023

މި މަހުގެ 6 ވަނަ ދުވަހު ތުރުކީ ވިލާތަށް އައި ބާރު ގަދަ ބިންހެލުންތަކުގައި ވެއްޓުނު އަދި ދިރިނުއުޅެވޭ ވަރަށް ހަލާކުވެފައިވާ އިމާރާތްތަކުގައި ކުރިން އުޅުނު މީހުންނަށް ގެދޮރު ބިނާކޮށްދިނުމުގެ ބޮޑު މަޝްރޫއެއް ތުރުކީ ސަރުކާރުން ފަށައިފި އެވެ.

މި މަހުގެ 6 ވަނަ ދުވަހު ތުރުކީ ވިލާތަށް އައި ބާރު ގަދަ ބިންހެލުންތަކުގައި ވެއްޓުނު އަދި ދިރިނުއުޅެވޭ ވަރަށް ހަލާކުވެފައިވާ އިމާރާތްތަކުގައި ކުރިން އުޅުނު މީހުންނަށް ގެދޮރު ބިނާކޮށްދިނުމުގެ ބޮޑު މަޝްރޫއެއް ތުރުކީ ސަރުކާރުން ފަށައިފި އެވެ.

މި ބިންހެލުންތަކުގައި ތުރުކީ ވިލާތުން މަރުވި މީހުންގެ އަދަދު ވަނީ 44218 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އަދި ސީރިޔާ އިން މަރުވި 5914 މީހުންނާ އެކު ދެ ގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 50000 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.

މި މަހުގެ 6 ވަނަ ވިލޭރޭ ދަންވަރު، ރިކްޓާ މިންގަނޑުން 7.8ގެ ބާރުމިނުގައި، އަދި އެ ދުވަހުގެ މެންދުރު ފަހު 7.6ގެ ބާރުމިނުގައި ތުރުކީ ވިލާތަށް އައި ބިންހެލުމުގައި، ތުރުކީ ވިލާތުން އެކަނިވެސް 12000 އަށް ވުރެ ގިނަ އިމާރާތް ވަނީ ބިމާ ހަމަވެފަ އެވެ. ވެއްޓުނު އިމާރާތްތަކާއި ދިރިނުއުޅެވޭ ވަރަށް ހަލާކުވެފައިވާ އިމާރާތްތަކާ އެކު، މި ބިންހެލުމުގައި ތުރުކީ ވިލާތުން ހަލާކުވި އިމާރާތްތަކުގެ ޖުމްލަ އަދަދު މިހާރުވަނީ 173000 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.

ތުރުކީގެ އިރުމަތީގައި، ސީރިއާގެ ބޯޑަރު ސަރަހައްދުގައި އޮންނަ ގާޒީއަންތާބް އަށް އައި ބާރުގަދަ ބިންހެލުމެއްގައި އެ ސަރަހައްދަށް ބޮޑުތި ގެއްލުންވެ، އެ ސަރަހައްދުން ގެއްލުނު މީހުންގެ މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފަޕީ

ތުރުކީގެ އިރުމަތީގައި، ސީރިއާގެ ބޯޑަރު ސަރަހައްދުގައި އޮންނަ ގާޒީއަންތާބް އަށް އައި ބާރުގަދަ ބިންހެލުމެއްގައި އެ ސަރަހައްދަށް ބޮޑުތި ގެއްލުންވެ، އެ ސަރަހައްދުން ގެއްލުނު މީހުންގެ މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފަޕީ

ތުރުކީ ސަރުކާރުން ބުނި ގޮތުގައި އެ އިމާރާތްތަކާ އެކުގައި ނެތިގެން އެ ދެޔައީ މީހުން ދިރިއުޅޭ ގާތްގަނޑަކަށް 520000 އެޕާޓްމެންޓެވެ. ތުރުކީގެ ރިއާސީ އިންތިޚާބު އަންނަ ޖޫން މަހުގެ 18 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ އިރު، ސަރުކާރުން މަސައްކަތް ކުރަނީ ވެއްޓުނު އިމާރާތްތަކުގެ ބަދަލުގައި އާ ގެތަކެއް ވީހާ ވެސް އަވަހަކަށް ބިނާކޮށްދިނުމަށެވެ.

ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދަށް މި މަހުގެ ކުރީކޮޅު ކުރެއްވި ޒިޔާރަތުގައި ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވަނީ، އަހަރެއްގެ ތެރޭގައި ގެތައް ބިނާކޮށްދިނުމަށް ވައުދުވެވަޑައިގެންފަ އެވެ.

އުރުދުޣާންގެ އެ ވައުދާ މެދު ފާޑުކިޔާ މީހުން ސަރުކާރާށް ގޮވައިލަމުން އަންނަނީ، އަވަސް އަރުވާލައިގެން ގެތައް ހަދައިދިނުމުގެ ބަދަލުގައި، ވަގުތު ނެގި ނަމަވެސް، ރައްކާތެރިކަމުގެ މިންގަނޑަށް ފެތޭ ގޮތަށް އިމާރާތްތައް ބިނާކުރުމަށެވެ.

ތުރުކީ ސަރުކާރުން ބުނި ގޮތުގައި ހާލުގައި ޖެހުނު މީހުންނަށް ގެދޮރު އިމާރާތް ކޮށްދިނުމުގެ ވަރަށް ގިނަ މަޝްރޫއުތައް މިހާރު ވަނީ ބީލަމުގެ މަރުހަލާ ވެސް ނިމި، އެއްބަސްވުމުގައި ސޮއިކޮށް މަސައްކަތް ހަވާލު ކޮށްފަ އެވެ. އަދި މަސައްކަތް ކިތަންމެ ހަލުވިކޮށް ކުރިއަށް ދިޔަ ނަމަވެސް، އިމާރާތްތަކުގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ކުޑަވެސް ދުލެއް ނުދޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ބިންހެލުންތަކުގައި ހާލުގައި ޖެހުނު ގިނަ ބަޔަކު މިހާރު ދިރިއުޅެމުން ދަނީ، ސްކޫލްތަކާއި ހުސް މައިދާންތަކާއި ޕާކްތައް ފަދަ ހުސް ބިންތަކުގައި ސަރުކާރުން ޖަހައިދީފައިވާ ވަގުތީ ފޭލިގެތަކުގަ އެވެ. އަދި ބައެއް މީހުން ވަނީ ގާތްތިމާގެ މީހުން ދިރިއުޅޭ އެހެން ސަރަހައްދުތަކަށް ދަތުރުކޮށްފަ އެވެ.

މިފަހަރު އައި ބާރު ގަދަ ބިންހެލުންތަކުގައި ވެއްޓުނު ބައެއް އިމާރާތްތަކަކީ، ކަމުގެ ތަޖުރިބާކާރުން ބުނާ ގޮތުގައި، އެފަދަ ބިންހެލުމެއްގައި ވެއްޓޭ ވަރަށް ވުރެ އާ އަދި ތިރި އިމާރާތްތަކެއް ކަމަށެވެ. އެހެންކަމުން އެ އިމާރާތްތައް ވެއްޓުނީ، އިމާރާތްކުރުމުގައި ފެންވަރު ދަށްވުމުގެ ސަބަބުން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އެކަމާ ގުޅިގެން ތުރުކީ ސަރުކާރުން މިހާރު ވަނީ، ވެއްޓުނު އިމާރާތްތައް ބިނާކުރުމުގެ މަޝްރޫއުތަކުގައި ބައިވެރިވި މީހުންނާއި އެ އިމާރާތްތަކުގެ ވެރިން ހިމެނޭ ގޮތުން، ޖުމްލަ 612 މީހެއްގެ މައްޗަށް ތަހުގީގު ފަށައިފަ އެވެ. އޭގެ ތެރެއިން 184 މީހަކު މިހާރު ތިބީ، ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކުރުމަށް ކޯޓުން ކޮށްފައިވާ ހުކުމެއްގެ ދަށުން ޖަލުގަ އެވެ.

ފެބްރުއަރީ 6 ވަނަ ދުވަހު (ހޯމަ)ގެ ފުރަތަމަ ބިންހެލުން އައީ، ރިކްޓާ މިންގަނޑުން 7.8ގެ ބާރުމިނުގައި، ހޯމަ ވިލޭރޭގެ ދަންވަރު 4:17ގަ އެވެ. އެއީ އިރު އެރުމުގެ 4 ގަޑިއިރު ކުރި ކަމަށްވާތީ، ބިންހެލުން އައި ވަގުތު ގިނަ މީހުން ތިބީ ނިދައިފަ އެވެ. އޭގެ 11 މިނެޓް ފަހުން 6.7 ގެ ބާރުމިނުގައި އިތުރު ލޮޅުމެއް އެރި އެވެ. އަދި ފުރަތަމަ ބިންހެލުން އައިތާ ހަ ގަޑިއިރު ތެރޭގައި 4.0 އާއި 6.7 އާ ދެމެދުގެ ބާރުމިނުގެ 25 ލޮޅުން އަރާފައިވެ އެވެ.