Roadha Mihaaru
އިމާރާތްތަކުގެ ދަށުން 8000 މީހުން ސަލާމަތް ކޮށްފި

ތުރުކީގެ އިމާރާތްތަކުގެ ދަށުން 8000 މީހުން ސަލާމަތްކޮށްފި

14 ފެބުރުއަރީ 2023

މިދިޔަ ހަފުތާގެ ހޯމަ ވިލޭރެ އާއި ހޯމަ ދުވަހު ތުރުކީ ވިލާތަށް އައި ބާރު ގަދަ ބިންހެލުންތަކުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުން 8000 އަށް ވުރެ ގިނަ މީހުން ދިރި ތިއްބައި ސަލާމަތް ކުރެވުނު ކަމަށް އެ ގައުމުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފުތާގެ ހޯމަ ވިލޭރެ އާއި ހޯމަ ދުވަހު ތުރުކީ ވިލާތަށް އައި ބާރު ގަދަ ބިންހެލުންތަކުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުން 8000 އަށް ވުރެ ގިނަ މީހުން ދިރި ތިއްބައި ސަލާމަތް ކުރެވުނު ކަމަށް އެ ގައުމުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން މިއަދު ވިދާޅުވެއްޖެ އެވެ.

މި ބިންހެލުންތަކުގައި ތުރުކީ ވިލާތުން އެކަނިވެސް 12000 އަށް ވުރެ ގިނަ އިމާރާތް ބިމާ ހަމަވެފައިވާ އިރު، އެ އިމާރާތްތަކުގެ ދަށުވެގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 31643 އަށް އަރައިފަ އެވެ. އަދި ސީރިޔާގައި ވެއްޓުނު އިމާރާތްތަކުގެ ދަށުވެގެން މަރުވި 5800 އަށް ވުރެ ގިނަ މީހުންނާއެކު، ދެ ގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 37000 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ގިނަ އަދަދެއްގެ ބަޔަކު ދިރި ތިއްބައި ސަލާމަތް ކުރެވުނީ އެކަމުގައި އެހީތެރިވުމަށް ތުރުކީ އަށް އައި ރަހުމަތްތެރި ގައުމުތަކުގެ ރެސްކިޔޫ ޓީމުތަކުގެ ވަރަށް ބުރަ މަސައްކަތުންނެވެ. އެކަމަށްޓަކައި، އެހީތެރިވެދިން ހުރިހާ ގައުމަކަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.

ބިންހެލުން އައިތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި އަދިވެސް ދަނީ ކުރިއަށެވެ. މި ހާދިސާގައި ޒަޚަމްވެގެން 90000 އަށް ވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނު އިރު، އޭގެ ތެރެއިން 81000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ފަރުވާ އަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.

ތުރުކީ ސަރުކާރުން ބުނި ގޮތުގައި ބިންހެލުން އައިތާ 198 ގަޑިއިރު ފަހުން، މިއަދު ވެސް ވަނީ އިމާރާތެއްގެ ދަށުން، ޒުވާން ދެ ފިރިހެން ކުދިން ސަލާމަތް ކުރެވިފަ އެވެ. އޭނާ ސަލާމަތް ކުރެވުނީ ބިންހެލުމުގެ މަރުކަޒު ހުރި ގަހްރަމާން މަރައަޝް އިން ވެއްޓުނު އެޕާޓްމަންޓް އިމާރާތެއްގެ ދަށުންނެވެ.

ބިންހެލުން އައިތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެފައިވާތީ، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން، ދިރި ތިބި އިތުރު މީހުން ފެނުމުގެ ފުރުސަތު ކުޑަ ނަމަވެސް، އެކަމުގެ އުންމީދު މުޅިން ނުކެނޑޭ ކަމަށް، މީހުން ހޯދުމުގެ މަސައްކަތް ކުރާ ޓީމުތަކުން ބުނެ އެވެ.

ހޯމަ ދުވަހުގެ ބިންހެލުންތަކުގައި ތުރުކީ ވިލާތުގެ 10 ޕްރޮވިންސަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، 12000 އަށް ވުރެ ގިނަ އިމާރާތް ވަނީ ބިމާ ހަމަވެފަ އެވެ. އަދި ހަތަރު މިލިއަނަށް ވުރެ ގިނަ އިމާރާތަށް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފަ އެވެ.

ހޯމަ ވިލޭރޭގެ ފުރަތަމަ ބިންހެލުން އައީ، ރިކްޓާ މިންގަނޑުން 7.8ގެ ބާރުމިނުގައި، އެރޭގެ ދަންވަރު 4:17ގަ އެވެ. އެއީ އިރު އެރުމުގެ 4 ގަޑިއިރު ކުރި ކަމަށްވާތީ، ބިންހެލުން އައި ވަގުތު ގިނަ މީހުން ތިބީ ނިދައިފަ އެވެ. އޭގެ 11 މިނެޓް ފަހުން 6.7 ގެ ބާރުމިނުގައި އިތުރު ލޮޅުމެއް އެރި އެވެ. އަދި ފުރަތަމަ ބިންހެލުން އައިތާ ހަ ގަޑިއިރު ތެރޭގައި 4.0 އާއި 6.7 އާ ދެމެދުގެ ބާރުމިނުގެ 25 ލޮޅުން އަރާފައިވެ އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނި ގޮތުގައި ފުރަތަމަ ބިންހެލުން އައިތާ ނުވަ ގަޑިއިރު ފަހުން، ހޯމަ ދުވަހުގެ މެންދުރު ފަހު 1:24 ގައި ރިކްޓާ މިންގަނޑުން 7.5ގެ ބާރުމިނުގައި، ތުރުކީގެ ގަހްރަމާން މަރައަސް ޕްރޮވިންސަށް ބާރުގަދަ ބިންހެލުމެއް އައެވެ. މި ބިންހެލުން އައި ވަގުތުން ފެށިގެން 12 ގަޑިއިރުގެ ތެރޭގައި ގިނަ އަދަދެއްގެ ލޮޅުންތައް އެރި އިރު އޭގެ ތެރޭގައި 6.0ގެ ބާރުމިނުގެ ދެ ލޮޅުމެއް ހިމެނެ އެވެ.

ހޯމަ ވިލޭރޭ އައި ބާރު ގަދަ ބިންހެލުމަށް ފަހު، މިފާއިތުވި ހަ ދުވަހުގެ ތެރޭގައި އެ ސަރަހައްދަށް އެކި ބާރުމިނުގައި 1890 އަށް ވުރެ ގިނަ ލޮޅުން އަރާފައިވެ އެވެ. އޭގެ ތެރޭގައި ރިކްޓާ މިންގަނޑުން 4.0 އާއި 6.7 އާ ދެމެދުގެ ބާރުމިނުގެ އެތައް ލޮޅުމެއް ހިމެނެ އެވެ.