Roadha Mihaaru
މޭޖާ ނަވީންގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ޖަމާވި މޭޖާ ނަވީންގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

27 ފެބުރުއަރީ 2023

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ފައިސާ ޖަމާކުރި އެސްއޯފުން، އެމްއެންޑީއެފްގެ މޭޖާ ނަވީން ޒުބައިރުގެ އެކައުންޓަށް ފައިސާ ޖަމާކުރި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ހުށަހަޅައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ފައިސާ ޖަމާކުރި އެސްއޯފުން، އެމްއެންޑީއެފްގެ މޭޖާ ނަވީން ޒުބައިރުގެ އެކައުންޓަށް ފައިސާ ޖަމާކުރި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ހުށަހަޅައިފި އެވެ.

އޭސީސީން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ނަވީންގެ މައްޗަށް ހަ ދައުވާއެއް ކޮށްދިނުމަށް ޕީޖީގައި އެދިފައިވާ ކަމަށެވެ. އެއީ؛

• ރިޝްވަތު ހިފުމުގެ ދައުވާ

• ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދައުވާ

• ރިޝްވަތު ލިބިގަތުމަށް އެއްބަސްވުމުގެ ދައުވާ

• ސިފައިންގެ ކެޕްޓަނެއްގެ މަގާމުގައި ހުރެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި މީހަކަށް ނުވަތަ ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ

• ރިޝްވަތުގެ ކުށުން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި، ބޭނުންކުރުމުގެ ކުށުގެ ދައުވާ

• މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ

"މިއާއެކު މި މައްސަލައިގައި ދައުލަތަށް ލިބެން ޖެހޭ 100،000 ޑޮލަރު އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީ އަށް ވަނީ އަންގައިފަ އެވެ،" އޭސީސީގެ މެސެޖުގައި ބުންޏެވެ.

ނަވީންގެ އެކައުންޓަށް އެސްއޯއެފް ކުންފުނީގެ އެކައުންޓުން 100،000 ޑޮލަރު ޖަމާވި ކަމަށް އޭސީސީގެ ތަހުގީގު ރިޕޯޓުން ހާމަވެފައި ވާތީ، އެ މައްސަލައިގައި އެމްއެންޑީއެފުން 2019 ވަނަ އަހަރު އޭނާ ސަސްޕެންޑް ވެސް ކުރި އެވެ. އެކަމަކު ފަހުން، ހަމަ އެ އަހަރު އޭނާގެ ސަސްޕެންޝަން އުވާލައި އަލުން ވަޒީފާއަށް ނުކުންނަން ހުއްދަ ދިނެވެ. އޭނާ މިހާރު ވެސް ހުންނެވީ ހަމަ އެ މަގާމުގަ އެވެ.

އޭސީސީ އާއި ފުލުހުން ގުޅިގެން ހިންގާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތަހުގީގުގައި، ތުހުމަތުކުރެވޭ 338 މީހެއްގެ މައްސަލަ ބަލަން ނިންމާފައިވާއިރު، މިހާތަނަށް ނިމުނީ 38 މައްސަލައެކެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ތަހުގީގު ރިޕޯޓުގައި، އެސްއޯއެފުން މަނީ ލޯންޑަރިން ހިންގި ގޮތާއި އެމްއެމްޕީއާރުސީ އަށް ވަންނަން ޖެހޭ ފައިސާ އެސްއޯއެފް އެކައުންޓްތަކަށް ޖަމާކޮށް، ޑޮލަރު ވިއްކުމުގެ މުއާމަލާތް ހިންގި ގޮތާއި ފައިސާ ޖަމާކުރި 155 މީހުންގެ ތަފްސީލު ހިމަނާފައިވެ އެވެ.