Roadha Mihaaru
"އަޅުގަނޑަކީ ޝިއުނާ ކުޅެން ގެންގުޅޭ ބޯޅައެއް ނޫން"

އަޅުގަނޑަކީ ޝިއުނާ ކުޅެން ގެންގުޅޭ ބޯޅައެއް ނޫން: މަހްލޫފު

19 ޖޫން 2021

އޭނާ އަކީ އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ "ކުޅެން ގެންގުޅޭ ބޯޅައެއް ނޫން" ކަމަށް ވިދާޅުވެ، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް މިއަދު ރައްދު ދެއްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އޭނާ އަކީ އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ "ކުޅެން ގެންގުޅޭ ބޯޅައެއް ނޫން" ކަމަށް ވިދާޅުވެ، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް މިއަދު ރައްދު ދެއްވައިފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭތީ، އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވުމާއެކު، ވަޒީރުކަމުން ސަސްޕެންޑު ކޮށްފައިވާ މަހްލޫފުގެ މި ރައްދު އޭސީސީގެ ރައީސް ޝިއުނާ އަށް ދެއްވީ އެ މައްސަލަ އަނބުރާ ފޮނުވާލާފައިވާ ކަމަށް ރޭ މީޑިއާތަކުން ޚަބަރު ފެތުރުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ.

ނަމަވެސް ޕީޖީ އޮފީހުން މިއަދު ބުނީ، މަހްލޫފުގެ މައްސަލަ އަނބުރާ އޭސީސީ އަށް ނުފޮނުވާ ކަމަށާއި މިހާރު ކުރިއަށް ދަނީ "ޑިއުޓީ ޕްރޮސެކިއުޝަން" މަރުހަލާ ކަމަށް ވާތީ، އިތުރު ހެކިތަކެއްގެ ލިޔުން ފޮނުވައި ދިނުމަށް އެދިފައިވާނެ ކަމަށެވެ. މައްސަލައިގައި ދައުވާ ކުރުމަށް ނިންމާނީ އޭސީސީން އެ މައުލޫމާތުތައް ލިބުމުން ކަމަށް ޕީޖީ އޮފީހުން "މިހާރު" އަށް މިއަދު ބުންޏެވެ.

މަހްލޫފު މިއަދު ވިދާޅުވީ، އޭސީސީގެ ރައީސް ޝިއުނާ އަށް ކަންކަން ކުރައްވަން އެނގިވަޑައިނުގަންނަވާ ނަމަ އިސްތިއުފާ ދެއްވުން މާ ރަނގަޅުވާނެ ކަމަށެވެ.

"އަޅުގަނޑަކީ ޝިއުނާ ކުޅެން ގެންގުޅޭ ބޯޅައެއް ނޫން،" މަހްލޫފު ވިދާޅުވި އެވެ.

މަހުލޫފު ވިދާޅުވީ، އޭނާ އަށް ތުހުމަތުކުރާ މައްސަލައިގައި ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ނުކޮށް، "މިއީ ކުޅޭ ކުޅިވަރަކަށް ނުހެދޭނެ" ކަމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މަހުލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީން ޕީޖީ އޮފީހުގައި އެދުނީ، އެ ކޮމިޝަނާއި ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނުން ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތެރޭގައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ މަހުލޫފަށް ލިބިފައިވާ ކަން ފާހަގަކުރެވޭތީ ކަމަށް އޭސީސީން ބުނެފައިވެ އެވެ.

އެ ކޮމިޝަނުން ބުނެފައި ވަނީ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުގެ ގޮތުގައި މަހުލޫފު ހުންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ ބަދަލެއްގެ ގޮތުގައި 33,000 ޑޮލަރު އޭނާ އަށް ލިބިފައިވާ ކަމަށެވެ. އޭގެ އިތުރުން، އެސްއީޒެޑް ބިލް ފާސްކުރަން ވޯޓު ދެއްވުމަށް އޮގަސްޓް 27، 2014 ގައި މަހުލޫފު ވަޑައިގަތީ ސީދާ މެލޭޝިޔާ އިން ވޯޓަށް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

"ރައްޔިތުންގެ މަޖިލީހުގައި އަހުމަދު މަހުލޫފް އެ ބިލަށް ވޯޓު ދީފައިވަނީ ސަރުކާރާ އެއްކޮޅަށް ބިލް ފާސްކުރުމަށް ކަމާއި އެސްއޯއެފްގެ ޗެކަކުން އަހުމަދު މަހުލޫފުގެ އެކައުންޓަށް 33،000 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަހުގީގުން އެނގެން އޮތްއިރު އެ ވޯޓަށް ފަހު އަހުމަދު އަދީބު އަބްދުލްޣަފޫރުއާ އަހުމަދު މަހުލޫފު އާއި ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް އަހުމަދު މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހުތަކާ ގުޅުވުމުން، އަހުމަދު މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު ފައިސާއަކީ އަހުމަދު އަދީބު، އަހުމަދު މަހުލޫފަށް ދިފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގެ އެވެ،" މަހުލޫފަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވުމަށް ފަހު އޭސީސީން ނެރުނު ބަޔާނުގައި ވެ އެވެ.

ހިޔާނާތުގެ ފައިސާ ލިބުނު އެސްއޯއެފުން ޑޮލަރު ޖަމާކުރި ފަރާތްތަކުގެ ތަފްސީލު ހިމެނޭ ރިޕޯޓު އޭސީސީން ނެރެފައިވާއިރު، އޭގައި މަހުލޫފުގެ މުއާމަލާތް ވެސް ހިމެނުނެވެ. އެހެންވެ، އެ މައްސަލައިގައި ފެބްރުއަރީ 14، 2019 ގައި އޭނާ ވަޒީރުކަމުން ސަސްޕެންޑުކުރި އެވެ. އެ ކޮމިޝަންގައި މަހްލޫފްގެ މައްސަލައެއް ނެތުމާއި ބަލަން ޖެހޭ އިތުރު ކަންކަމަށް ބެލުމަށް ފަހު އޭނާގެ ސަސްޕެންޝަން އުވައިލީ އޭގެ ދެ މަސް ފަހުން އޭޕްރީލް 16 ގަ އެވެ.

މައްސަލަ ނިންމައި، މަހްލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީން ފޮނުވުމާ ގުޅިގެން މި މަހުގެ 9 އިން ފެށިގެން އަނެއްކާވެސް އޭނާ ހުންނެވީ ވަޒީރުކަމުން ސަސްޕެންޑު ކޮށްފަ އެވެ.

މަހުލޫފު ކުރިން ވިދާޅުވީ އެސްއޯއެފާއެކު ހިނގީ ޑޮލަރު ގަތުމުގެ ސައްހަ މުއާމަލާތެއް ކަމަށެވެ. އެސްއޯއެފުން ބޭނުންކުރީ އެމްއެމްޕީއާރުސީގެ ފައިސާކަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އެކަމަކު ތަހުގީގަށް ފަހު، އޭސީސީން ބުނެފައިވާ ގޮތުގައި އެސްއޯއެފްގެ ނަމުގައި ތައްޔާރުކޮށްފައިވާ "ޕޭމަންޓު ރިސީވްޑް" ލިޔުމެއް މަހުލޫފުގެ ފަރާތުން ހުށަހެޅިއަސް އެއީ ޑޮލަރު ގަތުމަށް ދީފައިވާ ފައިސާކަން އެނގޭކަށް ނެތެވެ.

"މިއީ އަހުމަދު އަދީބު ކިބައިން ރިޝްވަރުގެ ގޮތުގައި އަހުމަދު މަހުލޫފު ހޯދާފައިވާ ފައިސާކަން ހެކިންގެ ބަހުންނާއި ތަހުގީގަށް ލިބިފައިވާ ހެކި ގަރީނާއިން އެނގެން އޮތަތީ، މި މައްސަލައިގައި ކޮރަޕްޝަން ހުއްޓުވުމާ މަނާ ކުރުމުގެ ގާނޫނުގެ ދެ ވަނަ މާއްދާގެ (ހ) ގެ ދަށުން، ގ. ހާފްސީ އަހުމަދު މަހުލޫފްގެ މައްޗަށް ދައުވާ ކޮށްދިނުން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ އެވެ،" އޭސީސީން ބުނެފައިވެ އެވެ.

މަހްލޫފު ކުރިން ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތުހުމަތުކޮށް، ފެށުނީއްސުރެ އޭނާއާ މެދު ގެންގުޅެނީ ޒާތީކޮށް ކަމަށެވެ.

"ފެށުނީއްސުރެ ވެސް އެމްއެމްޕީއާރުސީ މައްސަލައިގައި އަޅުގަނޑާ މެދު އަމަލުކުރަމުން އަންނަނީ ޒާތީކޮށް، ސިޔާސީ ގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށް. އެ ކަން ކުރަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެންކަން އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ. ބޭނުމަކީ ހަމައެކަނި މަގާމުން ވަކިކުރުން،" މަހްލޫފު ވިދާޅުވެފައި ވެ އެވެ.