Roadha Mihaaru
އަމީނީ މަގުގައި ތާރު އެޅި ބައި މި ހަފުތާގައި ހުޅުވަނީ

އަމީނީ މަގުގައި ތާރު އެޅި ބައި މި ހަފުތާގައި ހުޅުވާލަނީ

28 ފެބުރުއަރީ 2023

އަމީނީ މަގުގައި ތާރު އަޅާފައި އޮތް ހިސާބު މި ހަފުތާގައި ހުޅުވާލައި އިމާދުއްދީން ސްކޫލާ ހަމައަށް ރޯދައިގެ ކުރިން ތާރު އަޅާ ނިންމާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަމީނީ މަގުގައި ތާރު އަޅާފައި އޮތް ހިސާބު މި ހަފުތާގައި ހުޅުވާލައި އިމާދުއްދީން ސްކޫލާ ހަމައަށް ރޯދައިގެ ކުރިން ތާރު އަޅާ ނިންމާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "މިހާރު" އަށް ވިދާޅުވީ ތާރު އަޅާފައި އޮތް މަގުގެ ކައިރި ފަށް ހަދައި ޓްރެފިކް ނިޝާންތައް ކުރަހަމުން އަންނަ ކަމަށެވެ. އެ މަސައްކަތްތައް ނިންމައި މި ހަފުތާގެ ތެރޭގައި އެ މަގު އާއްމުންނަށް ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ތާރު އަޅާފައިވަނީ އަމީނީ މަގުން ބްރިޖު ފެށޭ ހިސާބުން ސްޓެލްކޯއާ ހަމައަށެވެ. ނަމަވެސް ސަރުކާރުން މަސައްކަތް ކުރަނީ ރޯދަ މަސް ފެށުމުގެ ކުރިން އިމާދުއްދީން ސްކޫލާ ހަމައަށް ތާރު އެޅުމަށެވެ.

އަމީނީ މަގު އަލުން ހެދުމަށް އެންމެ ފުރަތަމަ ހަވާލުކުރީ ސިޓީ ކައުންސިލާ އެވެ. ނަމަވެސް، އެ މަސައްކަތް ފަހުން އެމްއާރުޑީސީއާ ހަވާލުކުރިޔަސް، ތާރު އެޅުން ލަސްވުމުން މި މަހުގެ ތެރޭގައި އެކަން ހަވާލުކުރީ އެމްޓީސީސީއާ އެވެ.

މީގެ ދެ ހަފުތާ ކުރިން އަމީނީ މަގުގެ އެއްބައިގައި ތާރު އަޅައި ނިންމިއަސް، އެ މަގު ނުހުޅުވައި ދިގު ލައިގެން ދާތީ އާއްމުންގެ ޝަކުވާ ބޮޑެވެ. މަގު ހެދުމަށް ކަމަށް ބުނެ މިދިޔަ އަހަރުގެ މެދު ތެރެއިން ފެށިގެން ވަނީ އަމީނީ މަގުގެ އެއްބައި ބަންދުކޮށްފަ އެވެ.

އަކްރަމް ވިދާޅުވި ގޮތުގައި މި މަސައްކަތުގައި ހީނުކުރާހާ ގޮންޖެހުންތައް ކުރިމަތިވެ އެވެ.

ދައުލަތުން 80 މިލިއަން ރުފިޔާ ހަރަދުކޮށްގެން މިދިޔަ އަހަރު ޖުލައި މަހު، 10 މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި އަމީނީމަގުގެ މަސައްކަތް އެ މުއްދަތުގެ ތެރޭގައި ނުނިމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން މި ފަހުން ވަނީ ބުނެފަ އެވެ. އެ މަސައްކަތް ނިމޭނެ ކަމަށް ބުނީ އަންނަ ސެޕްޓެމްބަރު މަހު 27 އަށެވެ.