Roadha Mihaaru
ޖޭޕީ އެންޑޯޒް ކުރެއްވި ތުހުމަތު ނަޝީދު ދޮގެއް ނުކުރި!

ޖޭޕީ ވެރިކަމަށް ގެންނަން މަސައްކަތް ކުރާ ކަމުގެ ތުހުމަތު ނަޝީދު ދޮގެއް ނުކުރެއްވި!

28 ފެބުރުއަރީ 2023

މި އަހަރުގެ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކެންޑިޑޭޓަކު ވެރިކަމަށް ގެންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތްޕުޅު ކުރައްވާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) މިއަދު ތުހުމަތު ކުރައްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މި އަހަރުގެ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކެންޑިޑޭޓަކު ވެރިކަމަށް ގެންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތްޕުޅު ކުރައްވާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) މިއަދު ތުހުމަތު ކުރައްވައިފި އެވެ.

ނަމަވެސް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ އިސް މެމްބަރު އަނދުން ހުސައިންގެ އެ ތުހުމަތު ނަޝީދު ދޮގެއް ނުކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިޔަށް ގެންދިޔަ ބަހުސެއްގެ ތެރެއިން، ސަރުކާރަށް ތާއީދު ކުރައްވާ އަނދުން ހުސައިން ވިދާޅުވީ، އެމްޑީޕީގެ މެންބަރުންނަށް އެންމެ ރަނގަޅު ވާނީ އެ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލު ކޮށްފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރުމުގެ ބަދަލުގައި ޖޭޕީ ވެރިކަމަށް ގެނެސްގެން ކަމަށް މެންބަރުންނަށް ވިސްނައި ދޭން ނަޝީދު މަސައްކަތްޕުޅު ކުރައްވާ ކަމަށެވެ.

އަމިއްލަފުޅު ޕާޓީގެ ރައީސްގެ މަގާމުގައި ހުންނަވައިގެން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދު ނުކުރައްވައި އެހެން ޕާޓީއަކަށް ވެރިކަން ހޯދައި ދޭން ކެމްޕެއިން ކުރެއްވުމަކީ ގޯހެއް ކަމަށް އަނދުން ހުސައިން ވިދާޅުވި އެވެ.

"އެމްޑީޕީގެ މެންބަރުންގެ ވަޒީފާތަކާ އެއްޗެހި ގެއްލުމަކީ ވެސް ހަމަ އެންމެ ރަނގަޅު ކަމެއް ގޮތުގައި އެމްޑީޕީގެ ރައީސް ގަބޫލު ކުރައްވައި ހަމަ ރީތިކޮށް ވަޑައިގެން [ޖުމްހޫރީ ޕާޓީގެ ކޮންގްރަސްގެ] ކުރީ ސަފުގައި އިންނަވައި އަތް ޖައްސަވަނީ. ހަމަ އެމްޑީޕީ މެންބަރުން ގަބޫލު ކުރަންވީތޯ އެއީ ކަން އެމްޑީޕީ މެންބަރުންނަށް އޮތް އެންމެ ރަނގަޅު ގޮތަކީ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދިނުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރައްވާ އެއް މެމްބަރު ވިދާޅުވި އެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކުރީގެ ޖަލްސާއެއްގައި މަޖިލީހުގައި ވާހަކަ ދައްކަވަނީ--ފޮޓޯ: މަޖިލިސް

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކުރީގެ ޖަލްސާއެއްގައި މަޖިލީހުގައި ވާހަކަ ދައްކަވަނީ--ފޮޓޯ: މަޖިލިސް

އެކަމަކު، އަނދުން ހުސައިންގެ އެ ތުހުމަތަށް ނަޝީދު އިންކާރެއް ނުކުރައްވަ އެވެ. އޭގެ ބަދަލުގައި އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުގައި އެމްޑީޕީގެ އޮތީ 40 ޕަސެންޓު ހިއްސާއެއް ކަމަށެވެ. އެ އަށް ވުރެ ބޮޑު ހިއްސާއެއް އެމްޑީޕީގެ މެމްބަރުންނަށް ލިބޭ ނަމަ އެއީ ރަނގަޅު ގޮތެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ މި ވަގުތު އެމްޑީޕީ އަށް ލިބިފައި އޮތީ ސަރުކާރުގެ 40 ޕަސަންޓް. އެ އަށް ވުރެ އިތުރު މިންވަރެއް އެމްޑީޕީ އަށް ލިބޭ ގޮތް ވަންޏާ އެއީ އެ ޕާޓީ އަށް ރަނގަޅު ގޮތެއް ކަމަށް ލަފާ ކުރެވިދާނެ،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީ އަށް ލިބިފައި އޮތީ ސަރުކާރުގެ 40 ޕަސަންޓު، އެއަށް ވުރެ އިތުރު މިންވަރެއް އެމްޑީޕީ އަށް ލިބޭ ގޮތް ވަންޏާ އެއީ އެ ޕާޓީ އަށް ރަނގަޅު ގޮތެއް ކަމަށް ލަފާ ކުރެވިދާނެ -- ނަޝީދު

މިދިޔަ ހަފުތާ ބަންދުގައި ބޭއްވި ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތާއި ނިމުމުގެ ރަސްމިއްޔާތުގައި ނަޝީދު ބައިވެރިވެވައިގަތެވެ. އެ ދެ ރަސްމިއްޔާތުގައި ވެސް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ނަޝީދަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި އެ މަނިކުފާނުގެ ވެރިކަމުގެ ރަނގަޅު ވާހަކަތައް ދައްކަވައިފަ އެވެ. ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ނަޝީދާއި ބައެއް އެހެން ރައީސުންގެ ރަނގަޅު ކަންކަން ގާސިމް ފާހަގަކުރެއްވި ނަމަވެސް އޭނާ މިހާރު ކޯލިޝަން ހައްދަވައިގެން އުޅުއްވާ އެމްޑީޕީގެ އިސް ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތައުރީފެއް ނުކުރައްވަ އެވެ.

އެކަން އެތައް ބަޔަކު ފާހަގަކުރެއްވުމުން، ކޮންގްރެސް ނިންމުމުގެ ޖަލްސާގައި ގާސިމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގޯސް ވާހަކައެއް އޭނާ ނުދައްކަވާ ކަމަށެވެ.

ގާސިމް ނަޝީދަށް ތައުރީފު ކުރެއްވި ނަމަވެސް ނަޝީދާ މިވަގުތު ސިޔާސީ ގޮތުން ވާދަވެރިއެއް ގޮތުގައި ހުންނެވި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާތަނަށް ރާވާފައި ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީ އާއި އަދާލަތާއި އެމްއާރްއެމާއެކު ކޯލިޝަނެއް ހަދައިގެން ވާދަ ކުރުމެވެ.

އެހެންވެ، ރައީސްގެ ދެ މަންދޫބަކު އެއް ފަހަރު ވަނީ ގާސިމާ ބައްދަލުކުރައްވައިފަ އެވެ.

ނަމަވެސް ޖޭޕީގެ ކޮންގްރެސް އިން ލަފާ ދީފައި ވަނީ އެ ޕާޓީގެ ކެންޑިޑޭޓަކު ރިޔާސީ އިންތިހާބަށް ނެރުމަށެވެ. ނުވަތަ އެ ޕާޓީ އިސްވެ އޮވެ ކޯލިޝަނެއް ހެދުމަށެވެ. އެ މައްސަލަ ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ޖޭޕީގެ ހަތަރުވަނަ ކޮންގްރެސްގައި އިންތިހާބުކުރި އެ ޕާޓީގެ އާ ކައުންސިލްގެ އަޣުލަބިއްޔަތު އޮތީ ސަރުކާރާ ދެކޮޅަށް ކަމުން ކޮންގްރެސް އިން ފާސްކުރި ގަރާރު އަދި ބުރަވަނީ ޖޭޕީ އެކަނި ރިޔާސީ އިންތިހާބަށް ނުކުންނަން ނުވަތަ އެ ޕާޓީ އިސްވެ ކޯލިޝަނެއް ހެދުމަށެވެ.