Roadha Mihaaru
ސޮބާހު ރަޝީދު ވެސް ޖޭޕީން ވަކިވެވަޑައިގެންފި

ގާސިމަށް ލިބޭ ގެއްލުން ކުޑަކުރަން ކަމަށް ވިދާޅުވެ ސޮބާހު ރަޝީދު ވެސް ޖޭޕީއާ ދުރަށް

01 އެޕްރީލް 2023

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށް ކަމަށް ވިދާޅުވެ، ޗައިނާގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު ސޮބާހު ރަޝީދު އެ ޕާޓީން އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށް ކަމަށް ވިދާޅުވެ، ޗައިނާގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު ސޮބާހު ރަޝީދު އެ ޕާޓީން އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.

ސެކްރެޓަރީ ޖެނެރަލް އަލީ އާރިފަށް ފޮނުއްވި ސިޓީއެއްގައި، ސޮބާހު ވިދާޅުވީ ޖޭޕީގައި މި ވަގުތު އޮތް އޮއިވަރުގެ ތެރެއިން ނިންމާ ނިންމުންތަކުގެ ސަބަބުން އެ ޕާޓީގެ އަމިއްލަ ވަންތަކަން ގެއްލި، ގައުމީ މަސްލަހަތަށް ކުރާ ނޭދެވޭ އަސަރު އަދި ޖޭޕީ އާއި އެ ޕާޓީގެ ލީޑަރު ގާސިމަށް ސިޔާސީ ގޮތުން ލިބޭ އިޔާދަނުކުރެވޭ ގެއްލުން ތަހައްމަލުކުރަން އުނދަގޫ ކަމަށެވެ.

އެހެންވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެ ވަނަ ދައުރަކަށް ހޮވުމަށް އެ މަނިކުފާނަށް ތާއިދުކުރައްވަން ނިންމަވާފައިވާތީ، ޖޭޕީން ވަކިވާން ނިންމަވައި، ޕާޓީގެ ދަފްތަރުން އުނިކޮށްދިނުމަށް، ސޮބާހު އެދިވަޑައިގަތެވެ.

ސޮބާހު ވިދާޅުވީ ރައީސް ގެންގުޅުއްވި ހަރުދަނާ ސިޔާސަތުގެ ސަބަބުން ކޮވިޑުގެ ހާލަތުން ރާއްޖެ އަރައިގަނެ، އިގުތިސޯދީ ގޮތުން ބޮޑެތި ކުރިއެރުންތަކާއި ރާއްޖޭގެ ތަރައްގީގެ ދުވެލި ބާރުވެފައިވާ ކަމަށެވެ. އަދި އިޖުތިމާއީ ހަމަޖެހުން ގާއިމްކުރެވުމާއި ހާރިޖީ ގުޅުންތައް ބަދަހިވެ، ރާއްޖޭގެ ދިގު ތާރީހުގައި ވެސް ބައިނަލްއަގުވާމީ މައިދާނުގައި ނުލިބޭ ފަދަ ޝަރަފުވެރި ކާމިޔާބީތައް ހޯދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖޭޕީން ގިނަ ބަޔަކު ވަކިވަމުންދާއިރު، އެ ޕާޓީގެ ލީޑަރު ގާސިމް ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފަ އެވެ. ގާސިމް އެގޮތަށް ނިންމާފައިވަނީ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކޯލިޝަން ހެދުމަށް ދައުވަތު ދީފައިވަނިކޮށެވެ. ގާސިމްގެ އެ ނިންމުމާއެކު ޖޭޕީގެ ސްލޮޓުގައި މި ސަރުކާރުގައި މަގާމުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

އޭގެ ތެރޭގައި ސޮބާހުގެ އިތުރުން އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު މުހައްމަދު ސަލީމް ހިމެނިވަޑައިގަންނަވަ އެވެ.