Roadha Mihaaru
މެމްބަރު ހާރޫންގެ ވާހަކަ ބީއެމްއެލް އިން ދޮގުކޮށްފި

އެކައުންޓަކުން އެއް މިލިއަން ރުފިޔާ ގެއްލުނު ވާހަކަ ބީއެމްއެލް އިން ދޮގުކޮށްފި

28 ފެބުރުއަރީ 2023

ބޭންކް އޮފް މޯލްޑިވިސް (ބީއެމްއެލް)ގައި ހުޅުވާފައިވާ އެކައުންޓެއްގައި ހުރި އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލުނު ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން ދެއްކެވި ވާހަކަތައް ބީއެމްއެލް އިން ދޮގުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ބޭންކް އޮފް މޯލްޑިވިސް (ބީއެމްއެލް)ގައި ހުޅުވާފައިވާ އެކައުންޓެއްގައި ހުރި އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލުނު ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން ދެއްކެވި ވާހަކަތައް ބީއެމްއެލް އިން ދޮގުކޮށްފި އެވެ.

ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ ގެއްލޭ ކަމަށް ބުނެ އިއްޔެ ކުއްލި މައްސަލައެއް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.

އެ މައްސަލަ އަށް ވާހަކަ ދައްކަވަމުން ހާރޫން ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު މީހެއްގެ އެކައުންޓުގައި ހުރި މިލިއަނެއްހާ ރުފިޔާ އާއި 22،000 ޑޮލަރު ގެއްލިފައިވާ ކަމަށެވެ.

"އަޅުގަނޑުގެ ވަރަށް ގާތް ރައްޓެއްސެއްގެ އެކައުންޓުގައި ހުރި ފައިސާ ވަނީ ގެއްލިފައި. އެ ފައިސާ ޓްރާންސްފާ ކުރަމުން ގޮސް އެކަމުގެ ތަންދޮރުފިލާ ބޭފުޅުންގެ އެެކައުންޓަށް ފައިސާ ދިޔައީމަ މި އެނގުނީ މިފަދަ މުއާމަލާތެއް ހިނގާކަން،" އޭނާ ވިދާޅުވި އެވެ.

"އެ ބޭފުޅުން އެބަ ވިދާޅުވޭ، ތިމަންނަމެން އެކައުންޓަށް ފައިސާ ޖަމާވި ހިސާބުން ބޭންކަށް ގުޅައި ރިޕޯޓު ކުރި ކަމަށް، މިވެނި މީހެއްގެ އެކައުންޓުން ފައިސާ އެބަ އާދޭއޭ. ނަމަވެސް ބޭންކުން އަޅާނުލައި ކަމަށް."

ރައްޔިތުން މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު، އަހުމަދު ހާރޫން މަޖިލީހުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލިސް

ރައްޔިތުން މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު، އަހުމަދު ހާރޫން މަޖިލީހުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލިސް

ހާރޫން ވިދާޅުވީ ބޭންކުން އަބަދުވެސް ބުނަމުން އަންނަނީ ސްކޭމްތަކަކީ ޖަލުތަކުގެ ތެރެއިން ހިނގާ ކަމެއް ކަމަށެވެ. ނަމަވެސް، އޭނާގެ ރަހުމަތްތެރިޔާ އަށް ދިމާވި ގޮތަށް ބަލާއިރު އެއީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ އެކައުންޓް ސްޓޭޓްމަންޓުން ފެނޭ އެ ދުވަހު ހަވީރު 5:35އިން ފެށިގެން އެރޭ 11އާ ހަމައަށް އެ އެކައުންޓުގެ މުއާމަލާތްތައް ހިންގާފައި ހުރިކަން. ހަމަ އެ އެކައުންޓުން އެގޮތަށް ފައިސާ ނަގައިފަ، ޓްރާންސްފާ ކޮށްފައި އެބަހުރި 2021ގަ ވެސް،" ހާރޫން ވިދާޅުވި އެވެ.

"ހަމައެކަނި އެ އެކައުންޓުން ފައިސާ ނަގައިފައިއެއް ނޫން ހުރީ. އެ ސްކޭމް ތެރޭ އެހެން އެކައުންޓުތަކުން ފައިސާ އެ އެކައުންޓަށް ލައި 25،000 ހަމަކޮށްގެން ހުސްކޮށްފައި ހުރީ. ބާވީސްހާސް ޑޮލަރު ވެސް ހުސްކޮށްފައި ހުރީ 17.70ގެ ރޭޓުން ޓްރާންސްފާ ކޮށްފައި ހުރީ."

އެ ފައިސާ ގެއްލުނު ކަމަށް ބުނާ ރައްޓެހި މީހާއާ އެކު އޭނާ ބީއެމްއެލް އަށް ވަޑައިގަތް ނަމަވެސް އެ ފައިސާ އަށް ވީގޮތް ސާފު ވެފައިނުވާ ކަމަށް ހާރޫން ވިދާޅުވި އެވެ.

"ބޭންކުން ބުނަނީ، ހީކުރީ އެއީ ހަމަ އަމިއްލަ އަށް ކޮށްފައި ހުރި މުއާމަލަތްތަކެއް ކަމަށޭ."

މި މައްސަލައާ ބެހޭ ގޮތުން، "މިހާރު"ން ސުވާލު ކުރުމުން ބީއެމްއެލް އިން ބުނީ އެއްވެސް ކަސްޓަމަރެއްގެ އެކައުންޓުން އެއް މިލިއަން ރުފިޔާ ގެއްލިފައި ނުވާ ކަމަށެވެ. އެކަމަކު އެ މައްސަލައިގެ އިތުރު ތަފުސީލަކަށް ނުދެ އެވެ.

ބޭންކުގެ ތެރެއިން ކަސްޓަމަރުންގެ ކާޑުގެ ނުވަތަ ކަސްޓަމަރެއްގެ އެއްވެސް މައުލޫމާތެއް އާންމުވެފައި ނުވާނެކަމުގެ ޔަގީންކަން ވެސް އެ ބޭންކުންދެ އެވެ.

ސްކޭމް ކޮށްގެން މީހުންގެ އެކައުންޓްތަކުން ގިނަ އަދަދެއްގެ ފައިސާ ނަގާ ކަމުގެ ޝަކުވާތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑުވެފަ އެވެ. ދާދި ފަހުން ވެސް ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ މީހެއްގެ އެކައުންޓުން ބޭނުން ކުރި މައްސަލައެއް ފެންމަތިވެ އެ މައްސަލާގައި ދެ މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

އެކަމާ ގުޅިގެން ބީއެމްއެލް އިން މިފަހުން ވެސް ވަނީ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށް ބައެއް ފިޔަވަޅުތައް ވެސް އަޅައިފަ އެވެ.