Roadha Mihaaru
ޑިޖިޓަލް ސޮއި ޓެސްޓުކުރަނީ؛ މުހިންމު ހިދުމަތެއް

ޑިޖިޓަލް ސޮއި ޓެސްޓް ކުރަނީ؛ މިނިސްޓަރު ވިދާޅުވީ މުހިންމު ހިދުމަތެއް ކަމަށް

02 މާޗް 2023

މި މަހުގެ ފަހުކޮޅު، ޑިޖިޓަލް ސޮއި ޓެސްޓްކުރަން ފަށަން ސަރުކާރުން ތައްޔާރުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި މަހުގެ ފަހުކޮޅު، ޑިޖިޓަލް ސޮއި ޓެސްޓްކުރަން ފަށަން ސަރުކާރުން ތައްޔާރުވެއްޖެ އެވެ.

އެ ހިދުމަތް ތައާރަފުކުރަނީ ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި މުއާމަލާތް ކުރުމަށް ގެންގުޅޭ، ގަވަމެންޓް އީ-ލެޓާ މެނޭޖުމަންޓް ސިސްޓަމް (ޖެމްސް) އިންނެވެ. އެ ތަނުން ބުނި ގޮތުގައި، އެއީ އިންގިލާބީ ބަދަލަކަށް ވާނެ އެވެ. އެކަމަކު ހިދުމަތާ ގުޅޭ މާ ބޮޑު ތަފުސީލެއް އެ ތަނުން އަދި ނުދެ އެވެ.

ސަރުކާރުން ބުނި ގޮތުގައި، ޑިޖިޓަލް ސޮއި ތައާރަފުކުރުމުން، ފޯމުތައް ޕްރިންޓްކޮށްގެން ސޮއިކޮށް، އަލުން ސްކޭންކޮށްގެން ހުށަހެޅުން ހުއްޓުމަކަށް އަންނާނެ އެވެ.

ޑިޖިޓަލް ސޮޔާ ގުޅޭ ގޮތުން ކުރެއްވި ޓުވީޓެއްގައި ޓެކްނޮލޮޖީއާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ ޖެމްސްގެ ހިދުމަތަށް ބޮޑު ބަދަލެއް ގެންނަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މި ހިދުމަތް [ޑިޖިޓަލް ސޮއި] ތައާރަފުކުރުމަކީ ސަރުކާރުގެ ހިދުމަތްތައް ޑިޖިޓަލް ކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ދައުލަތުން ދޭ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިދިޔަ މަހު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ޑިޖިޓަލް ލައިސަންސް ކާޑު ވެސް ތައާރަފުކޮށްފަ އެވެ. އަދި ވަރަށް އަވަހަށް ޑިޖިޓަލް އައިޑީ ކާޑު ތައާރަފު ކުރުމަށް ވެސް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.

ޖެމްސްއަކީ ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި މުއާމަލާތްތައް ކުރުމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ތައާރަފުކުރި ސިސްޓަމެކެވެ. އޭގެ މައިގަނޑު ބޭނުމަކީ ސަރުކާރުގެ އިދާރާތަކުގެ މެދު ކުރެވޭ މުއާމަލާތްތައް ކަރުދާހާ ނުލައި ފަސޭހަކޮށް، އަވަހަށް އަދި ހަރަދު ވެސް ކުޑަކުރެވޭ ގޮތް ހެދުމެވެ.