Roadha Mihaaru
ފައިނޭންސް ނުލިބިއްޖެނަމަ ހަރަދު ހަމަޖައްސަން ދަތިވާނެ

ފައިނޭންސް ނުލިބިއްޖެނަމަ ހަރަދުތައް ހަމަޖައްސަން ދަތިވާނެ: އެމްއެމްއޭ

28 އޮކްޓޯބަރ 2024

ބަޖެޓަށް ބޭނުންވާ ކަމަށް ލަފާކުރާ ފައިނޭންސިން ނުލިބިއްޖެ ނަމަ، މިއަހަރުގެ ބާކީ އޮތް މުއްދަތުގައި ހަރަދުތައް ހަމަޖެއްސުމަށް ދަތިވާނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބަޖެޓަށް ބޭނުންވާ ކަމަށް ލަފާކުރާ ފައިނޭންސިން ނުލިބިއްޖެ ނަމަ، މިއަހަރުގެ ބާކީ އޮތް މުއްދަތުގައި ހަރަދުތައް ހަމަޖެއްސުމަށް ދަތިވާނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފި އެވެ.

ސަރުކާރުން ހުށަހަޅާފައިވާ 5.1 ބިލިއަންގެ ސަޕްލިމެންޓްރީ ބަޖެޓާ ގުޅޭގޮތުން އެމްއެމްއޭއިން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ލަފާގައިވަނީ ރާއްޖެއިން ބޭރުން ހޯދަން ކަނޑައެޅި ފައިނޭންސިން ނުލިބުމުގެ ސަބަބުން، މިއަހަރު ބަޖެޓުގެ ހަރަދުތައް ހަމަޖައްސަން ޑޮމެސްޓިކް މާކެޓަށް ވަރަށް ބޮޑަށް ބަރޯސާވި ކަމަށެވެ. އޭގެ މައިގަނޑު އެއް ސަބަބަކީ، ބޭރުގެ ކްރެޑިޓް ރޭޓިން އޭޖެންސީތަކުން ރާއްޖޭގެ ރޭޓިން ދަށްކުރުން ކަމަށް އެ ލަފާގައިވެ އެވެ.

"ވީމާ 2024 ވަނަ އަހަރަށް ލަފާކޮށްފައިވާ ސަޕްލިމެންޓްރީ ބަޖެޓުގައި ބޭރުގެ ފަރާތްތަކުން އިތުރަށް 1.5 ބިލިއަން ރުފިޔާ ހޯދުމަށް ހިމަނާފައިވާއިރު، އަހަރުގެ ބާކީ އޮތް މުއްދަތުގައި މި އަދަދު ހޯދުމަށް ހިރާސްތަކެއް ހުރި ކަމަށް މި އޮތޯރިޓީއަށް ފާހަގަ ކުރެވެ އެވެ،" އެމްއެމްއޭ އިން ލިޔުމުން ފޮނުވި ލަފާގައިވެ އެވެ.

ސަޕްލިމެންޓްރީ ބަޖެޓަށް ދިން ލަފާގައިވާ ގޮތުން ސަރުކާރުން ރާވާފައިވާ ފިސްކަލް ސިޔާސަތުތަކާއި އެމްއެމްއޭގެ މަނިޓަރީ ސިޔާސަތުތަކާ އެކު ރާއްޖޭގެ ރޭޓިން ރަނގަޅު ކުރެވޭނެ ކަމަށް ލަފާކުރެވޭ އެވެ. އެއާ އެކު ފައިސާ ހޯދުމަށް ލުއިތަކެއް ލިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެމްއެމްއޭ އިން ބުނީ، ހަރަދުތައް ހަމަޖެއްސުމަށް ޓީބިލަށް ވަރަށް ބޮޑަށް ބަރޯސާވާއިރު، މިހާރުގެ މާކެޓްގެ ޓްރެންޑަށް ބަލާއިރު ޓީބިލް ގަންނަ ބޭންކްތަކަށް ސެކިއުރިޓީ ވިއްކޭ މިންވަރު ދަށްވަމުންދާ ކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި މިއަހަރަށް ސަރުކާރުން ކުރިން ލަފާކުރި މިންވަރަށް ސެކިއުރިޓީ ނުވަތަ ޓީބިލް ނުވިއްކޭ ކަމަށް ވެސް ބުނެފައިވެ އެވެ. އެހެންވެ، ޑޮމެސްޓިކް މާކެޓުން ހޯދުމަށް ސަޕްލިމެންޓްރީ ބަޖެޓުގައި ކަނޑައަޅާފައިވާ 2.9 ބިލިއަން ރުފިޔާ ހޯދުމަށް ވެސް ދަތިތައް އެބަހުރި ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭއިން ބުނީ ޖުމްލަ ހަރަދުތައް ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ހޯދުމަށް ދައުލަތަށް ބޮޑެތި ދަތިތައް އެބަހުރި ކަމަށާއި އެ ފައިސާ ނުލިބިއްޖެ ހާލަތެއްގައި ހަރަދުތައް ސްޓީމްލައިންކޮށް ހަރަދުތައް ކުޑަ ކުރެވޭނެ ގޮތްތަކެއް ހޯދުމަށް ވެސް ސަރުކާރުގައި އެދިފައިވާ ކަމަށް އެ ލަފާގައިވެ އެވެ.

"2024 ވަނަ އަހަރު ދައުލަތުގެ ޑެފިސިޓް ކުޑަކުރުމަށްޓަކައި ރިކަރަންޓް ހަރަދުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަވަސް ކުރުމަށްޓަކައި ކެޕިޓަލް ހަރަދުތައް ކުރުމުގައި ކޮންމެހެން ހިންގަންޖެހޭ ޕްރޮޖެކްޓްތަކަށް އިސްކަންދީގެން ހިންގުމަށް މި އޮތޯރިޓީން ލަފާ ދެން،" އެމްއެމްއޭގެ ލަފާގައިވެ އެވެ.

ސަރުކާރުން ހުށަހެޅި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓާ އެކު މިއަހަރުގެ ޖުމްލަ ބަޖެޓް 55 ބިލިއަން ރުފިޔާ އަރާނެ އެވެ. އަދި ބަޖެޓު ޑެފިސިޓް 18 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.