Roadha Mihaaru
ހައިކޯޓާއި ދެ ކޯޓަކަށް ފަނޑިޔާރުން އައްޔަންކޮށްފި

ހައި ކޯޓާއި އިތުރު ދެ ކޯޓަކަށް ފަނޑިޔާރުން އައްޔަންކޮށްފި

14 މާޗް 2023

ހައި ކޯޓާއި ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް އަލަށް އައްޔަންކުރި ފަނޑިޔާރުން މަގާމުގެ ހުވާ ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހައި ކޯޓާއި ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް އަލަށް އައްޔަންކުރި ފަނޑިޔާރުން މަގާމުގެ ހުވާ ކުރައްވައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ މަގާމަށް އައްޔަންކުރީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ޝަކީލެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ ގއ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަކަށް ހުންނެވި އިބްރާހިމް އިހްސާނާއި ޕީޖީ އޮފީހުގެ ވަކީލެއް ކަމަށްވާ އިބްރާހިމް ޒިހުނީގެ އިތުރުން ކްރިމިނަލް ކޯޓުގެ ލީގަލް އޮފިސަރެއްގެ ގޮތުގައި އެންމެ ފަހުން ހުންނެވި އައިމިނަތު އަޒްލިފާ އެވެ.

ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާގެ މަގާމުގައި ހުންނެވި ފައިސަލް އާދަމް އާއި ސިވިލް ކޯޓުގެ ލީގަލް އޮފިސަރަކަށް ހުންނެވި ސިނާން އަލީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ލީގަލް އޮފިސަރެއް ގޮތުގައި ހުންނެވި އަބްދުﷲ އިހްސާނެވެ.

ފަނޑިޔާރު ޝަކީލަކީ ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރެވެ. ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރަކު އެ މަގާމަށް އައްޔަންކުރަން ނިންމުމުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ޖޭއެސްސީއަށް ވަނީ އަމާޒުވެފަ އެވެ.

މީގެ އިތުރުން ތިން މެޖިސްޓްރޭޓް ކޯޓަކަށް ވެސް އިއްޔެ މެޖިސްޓްރޭޓުން އައްޔަން ކުރި އެވެ. އެއީ ގދ. ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓާއި ފ. ފީއަލީ މެޖިސްޓްރޭޓް ކޯޓު އަދި ގއ. ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓަށެވެ.