Roadha Mihaaru
ދައުލަތުގެ ރިޒާވްގެ ތަފުސީލަށް އީވާ އެދިވަޑައިގެންފި

ޖުލައި ނިމޭއިރު ރިޒާވްގައި ކާޑާއި ތެލާއި ބޭހުގެ ފައިސާ ހުންނާނެ އަދަދުގެ ތަފުސީލަށް އީވާ އެދިވަޑައިގެންފި

07 ޖޫން 2022

ރާއްޖޭގެ މާލީ ހާލަތު މި ދުވަސްކޮޅު ހުރި ގޮތުން އަންނަ ޖުލައި މަސް ނިމޭއިރު، ސަރުކާރަށް ބޭނުންކުރެވޭ ދައުލަތުގެ ރިޒާވްގައި ކާޑާއި ތެޔޮ އަދި ބޭހުގެ ފައިސާ ހުންނާނެ ކަމަށް ލަފާކުރެވޭ އަދަދު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހަޅުއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގެ މާލީ ހާލަތު މި ދުވަސްކޮޅު ހުރި ގޮތުން އަންނަ ޖުލައި މަސް ނިމޭއިރު، ސަރުކާރަށް ބޭނުންކުރެވޭ ދައުލަތުގެ ރިޒާވްގައި ކާޑާއި ތެޔޮ އަދި ބޭހުގެ ފައިސާ ހުންނާނެ ކަމަށް ލަފާކުރެވޭ އަދަދު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހަޅުއްވައިފި އެވެ.

އޭނާ ހުށަހެޅުއްވީ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ލިޔުމުން އެ މައުލޫމާތު ފޯރުކޮށްދެއްވުމަށެވެ.

ވަޒީރާ ސުވާލުކުރެއްވުމުގެ ނޯޓިސް ފޮނުއްވައި، އީވާ ވިދާޅުވީ މި މަސް ފެށުނުއިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވްގެ ތެރެއިން ސަރުކާރަށް ބޭނުންކުރެވޭ ފައިސާގެ ގޮތުގައި ހުރީ 317 މިލިއަން ޑޮލަރު ކަމަށެވެ. މި މަހާއި ކުރިއަށް އޮތް ޖުލައި މަހު 130 މިލިއަނަށް ވުރެ ގިނަ ޑޮލަރު، ދަރަނީގެ ގޮތުގައި އަނބުރާ ދައްކަން ހޭދަކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"މި 130 މިލިއަން ޑޮލަރުގެ އިތުރުން މި ދެ މަހުގެ ބަޖެޓް ކޮށްފައިވާ ޑެފިސިޓަކީ 150 މިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެކެވެ. މާލީ ކަންކަން މި ދެންނެވި މަގުގައި ހުރި އިރު، ޖުލައި މަސް ނިމޭއިރު ސަރުކާރަށް ބޭނުންކުރެވޭ ދައުލަތުގެ ރިޒާވްގައި ކިތައް ދުވަހުގެ ކާޑުގެ، ތެލުގެ އަދި ބޭހުގެ ފައިސާ ހުންނާނެ ކަމަށް ލަފާކުރެވޭތޯ،" އީވާ ފޮނުއްވި ސުވާލުގައި އައްސަވާފައިވެ އެވެ.

މި އަހަރުގެ ފުރަތަމަ ތިން މަހު ނެގި ދަރަންޏާ އެކު ދައުލަތުގެ ދަރަނި 99 ބިލިއަން ރުފިޔާ އަށް ވަނީ އަރައިފި އެވެ. ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި އަހަރުގެ ފުރަތަމަ ތިން މަހު ސަރުކާރުން ނަގާފައިވާ ލޯނާއި ސޮވެރިން ގެރެންޓީ ހިމަނައިގެން ދައުލަތުގެ ދަރަންޏަށް ވަނީ މިދިޔަ އަހަރު ނިމުނު އިރު ހުރި ވަރަށް ވުރެ 4.3 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.

މި ހިސާބުތަކާއެކު ރާއްޖޭގެ ރަސްމީ ރިޒާވް ހުސްވެ، ޑިފޯލްޓް ވެދާނެ ކަމަށް ދެކެވޭ ވާހަކަތައް މިނިސްޓަރު އަމީރު ވަނީ ދޮގުކުރައްވައިފަ އެވެ.

މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި، އިތުރުވަމުން އަންނަ ޑޮލަރުގެ އާމްދަނީއާއެކު، ރާއްޖޭގެ ރިޒާވް މި އަހަރު ނިމޭއިރު، ކޮވިޑްގެ ކުރިން ހުރި ވަރުގައި ދެމެހެއްޓޭނެ އެވެ.

"ރާއްޖެ އަށް ދަރަނި އަނބުރާ ދެއްކުމުގައި ކުރު މުއްދަތުގެ ގޮންޖެހުންތަކެއް ނެތް. ދަރަނި ދެއްކުމުގެ ގާބިލުކަން އެބަހުރި. މި އަހަރު ރިޒާވް ހުންނާނީ ރަނގަޅު މިންވަރެއްގައި،" އަމީރު ވިދާޅުވެފައިވެ އެވެ.