Roadha Mihaaru
ޔާމީންގެ މައްސަލަ ލަސްވާތީ ހައިކޯޓާއި ޖޭއެސްސީއަށް

ޔާމީންގެ މައްސަލަ ލަސްވާތީ އިދިކޮޅުން ހައި ކޯޓާއި ޖޭއެސްސީއަށް

06 މާޗް 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް މައްސަލަ ބަލައިގަތުން ލަސްވުމާއި ޔާމީން ޖަލަށްލާން ހުކުމްކުރި ފަނޑިޔާރު ހައި ކޯޓަށް އައްޔަން ކުރަން ނިންމުމުން އިދިކޮޅު ކޯލިޝަނުން ހައި ކޯޓާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިއަދު ހިނގައްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް މައްސަލަ ބަލައިގަތުން ލަސްވުމާއި ޔާމީން ޖަލަށްލާން ހުކުމްކުރި ފަނޑިޔާރު ހައި ކޯޓަށް އައްޔަން ކުރަން ނިންމުމުން އިދިކޮޅު ކޯލިޝަނުން ހައި ކޯޓާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިއަދު ހިނގައްޖެ އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތަށް އެއް މިލިއަން ޑޮލަރު ނަގައި އެ ފައިސާ ލޯންޑަކުރުމުގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓަށް އޮތީ ހުށަހަޅައިފަ އެވެ. އެކަމަކު އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.

އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގެ އިސް ވެރިން ހައި ކޯޓަށް ވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޔާމީންގެ އިސްތިއުނާފް ބަލައިގަތުން ލަސްވާތީ ހައި ކޯޓުގެ ރަޖިސްޓްރާއާ ބައްދަލުކުރަން މަސައްކަތް ކުރިޔަސް، އެ ފުރުސަތު ނުލިބުނު ކަމަށެވެ. ނަމަވެސް އެ މައްސަލަ ބަލައިގަންނަންދެން ކޮންމެ ދުވަހަކު އެ ކޯލިޝަންގެ އިސްވެރިން ހައި ކޯޓަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކާ ގުޅޭ ގޮތުން، އެ މައްސަލަ ރައްދުވާ ފަރާތާ ނޫނީ ކޯޓުތަކުން މުއާމަލާތްކުރުމަކީ ކުރާ ކަމެއް ނޫނެވެ.

"އަޅުގަނޑުމެން މާދަމާ ވެސް މިތަނަށް އަންނާނަން." އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ޔާމީނަކީ އިދިކޮޅު ލީޑަރު އަދި އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ކަމަށްވާތީ ހާއްސަ އިސްކަމެއް ދީގެން އެ މަނިކުފާނުގެ މައްސަލަ އަވަހަށް ނިންމަން ޖެހޭނެ ކަމަށެވެ.

އޭގެފަހުން ޖޭއެސްސީއަށް ގޮސް، އެ ކޮމިޝަންގެ ސެކެޓްރީ ޖެނެރަލާ ބައްދަލުކުރުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޔާމީންގެ އިސްތިއުނާފް ލަސްވުމުގެ އިތުރުން ޔާމީނަށް ހުކުމްކުރި ފަނޑިޔާރު އަހުމަދު ޝަކީލަށް ހައި ކޯޓަށް އައްޔަންކުރަން ނިންމުމާ މެދު ކަންބޮޑުވުން ހިއްސާކުރި ކަމަށެވެ.

"ވިދާޅުވި މިހާރުން މިހާރަށް ބައްލަވާ ދެއްވާނެ ކަމަށް. ދެން ވިދާޅުވީ ނުފޫޒު ފޯރުވުމުގެ ކަންތަކުގައި އެއްޗެއް ދަންނަވާކަށް ނެތީމޭ." އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފެންނަމުންދަނީ ޔާމީންގެ މައްސަލައަށް ސަރުކާރުގެ ނުފޫޒުތައް ފޯރަމުންދާ މަންޒަރު ކަމަށެވެ.

ހައި ކޯޓަށް ފަނޑިޔާރުން ހޯދަން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝަކީލް އެ ކޯޓަށް އައްޔަންކުރަން ނިންމުމަކީ ރިޝްވަތުގެ އަމަލެއް ކަމަށް ބުނެ އިދިކޮޅުން ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ.