Roadha Mihaaru
ނޭމާއަށް ސީޒަން ނިމިއްޖެ، ޕީއެސްޖީން ދެން ނުފެނިދާނެ

އަނިޔާއާ ގުޅިގެން ނޭމާ އަށް ސީޒަން ނިމިއްޖެ، މެސީ އާއި އެމްބާޕޭއާއެކު ދެން ނުފެނިދާނެ

07 މާޗް 2023

ޕެރިސް (މާޗު 7) - ޕީއެސްޖީ އަށް ކުޅޭ ބްރެޒިލްގެ ތަރި ނޭމާގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާއާ ގުޅިގެން އޭނާ އަށް ދެން މި ސީޒަނުގައި ނުކުޅެވޭނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޕެރިސް (މާޗު 7) - ޕީއެސްޖީ އަށް ކުޅޭ ބްރެޒިލްގެ ތަރި ނޭމާގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާއާ ގުޅިގެން އޭނާ އަށް ދެން މި ސީޒަނުގައި ނުކުޅެވޭނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

އުމުރުން 31 އަހަރުގެ ފޯވާޑް މީގެ ކުރިން މަހެއްހާ ދުވަހަށް ފަހު، އަލުން ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށް ބެލެވުނުސަ އެންމެ ފަހުން ނެގި ސްކޭން ތަކުން އޭނާ އޮޕަރެޝަން ކުރަން ޖެހޭނެ ކަމަށާއި ހަތަރު ވަރަކަށް މަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ޕީއެސްޖީން ބުންޏެވެ.

ޕީއެސްޖީން ބުނިގޮތުގައި، ގަތަރުގެ ދޯހާގެ ހޮސްޕިޓަލެއްގައި ނޭމާގެ ސާޖަރީ ވީހާ ވެސް އަވަހަށް ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

"ފާއިތުވި އަހަރުތަކުގައި ނޭމާގެ ކަނާތު ކުޑަހުޅަށް ވަނީ އެކި ފަހަރު މަތިން އަނިޔާ ލިބިފައި. އެންމެ ފަހުން ފެބްރުއަރީ 20 ވަނަ ދުވަހު ލިބުނު އަނިޔާއާ ގުޅިގެން ޕީއެސްޖީގެ މެޑިކަލް ސްޓާފުން ވަނީ ބޮޑު ނުރައްކަލަކުން ސަލާމަތް ވާން އޭނާގެ ލިގަމެންޓް އޮޕަރޭޝަނެއް ކުރަން ލަފާ ދީފައި. މަޝްވަރާ ކުރެވުނު ތަޖުރިބާކާރުން ވެސް ލަފާ ދިނީ އެހެން،" ޕީއެސްޖީން ނެރުނު ބަޔާނެއްގައި ވެ އެވެ.

މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ވެސް ނޭމާގެ ކަނާތު ކުޑަހުޅަށް އަނިޔާ ވެފައި ވެ އެވެ. ލީގުގައި މިހާތަނަށް 13 ގޯލް ޖަހައި 11 ގޯލް އެސިސްޓް ކޮށްފައިވާ ނޭމާ އަށް އެންމެ ފަހުން އަނިޔާވީ ޕީއެސްޖީން މިދިޔަ މަހު 4-3 އިން ލިލް ބަލިކުރި މެޗުގަ އެވެ. އެ މެޗުގައި އަނިޔާ ވުމުގެ ކުރިން ނޭމާ ވަނީ ގޯލެއް ވެސް ޖަހައިފަ އެވެ.

ޗެމްޕިއަންސް ލީގްގެ ގަދަ 16 ގައި ބެޔާން މިއުނިކާ ދެކޮޅަށް މާދަމާ ކުޅޭ ދެވަނަ ލެގު މެޗުން ވެސް އެ އަނިޔާއާ ގުޅިގެން ނޭމާ ނުފެންނާނެ އެވެ. މިއީ ނޭމާ އަށް ޕީއެސްޖީގެ މުހިއްމު މެޗެއް ގެއްލޭ ފުރަތަމަ ފަހަރެއް ނޫނެވެ. ރެކޯޑް 269 މިލިއަން ޑޮލަރަށް 2017 ވަނަ އަހަރު ބާސެލޯނާ އިން ގެންދިޔަ ފޯވާޑަށް ވަނީ ކުޑަހުޅުގެ އިތުރުން ވެސް އެތައް ފަހަރު މަތިން އެކި އަނިޔާތައް ކުރިމަތި ވެފަ އެވެ.

ޕީއެސްޖީ އަށް ބަދަލުވި ފަހުން އަނިޔާތަކާއި ސަސްޕެންޝަނުގެ ސަބަބުން ނޭމާ އަށް ވަނީ 100 އަށް ވުރެ ގިނަ މެޗު ގެއްލިފަ އެވެ. އޭނާ ޕީއެސްޖީ އަށް ބަދަލުވި ފަހުން ފްރާންސް ލީގުގައި މިހާތަނަށް އެ ކުލަބުން ކުޅުނު މެޗުތަކުގެ 50 ޕަސެންޓު މެޗު ވެސް ފުރިހަމައެއް ނުކުރެވެ އެވެ. އެކަމަކު ނޭމާ ވަނީ އޭނާ މިހާތަނަށް ޕީއެސްޖީ އަށް ކުޅުނު 173 މެޗުން 118 ގޯލް ޖަހައިދީފަ އެވެ.

ޗެމްޕިއަންސް ލީގްގެ ގަދަ 16 ގައި 2018 ގައި ޕީއެސްޖީން ރެއާލް މެޑްރިޑާ ކުޅެން އޮތް މެޗުގެ ކުރިން ނޭމާގެ ފަޔަށް ސީރިއަސް އަނިޔާއެއް ވެގެން އޭނާ އަށް ނުކުޅެވުނެވެ. އެ ފަހަރު ޕީއެސްޖީ ވަނީ ރެއާލް އަތުން ބަލިވެގެން މުބާރާތުން ކަޓައިފަ އެވެ. ޖެހިގެން އައި އަހަރު ވެސް އަނިޔާ ވެގެން ގަދަ 16 ގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުޅެވުނެވެ. އަދި 2021 ވަނަ އަހަރު ބާސެލޯނާއާ ދެކޮޅަށް ކުޅެން އޮއްވައި އޭނާގެ ހައިގެ ފަލަމަސްގަނޑަށް ވެސް ސީރިއަސް އަނިޔާއެއް ވިއެވެ.

ފްރާންސްގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި އަންނަ ސީޒަނުގައި ނޭމާ، ޕީއެސްޖީގެ ޖާޒީ ގައި ނުފެނިދާނެ އެވެ. ޕީއެސްޖީއާއެކު، ޖޫން 2025 އާ ހަމައަށް ކޮންޓްރެކްޓްގައި ހުރި ނަމަވެސް ޕީއެސްޖީ އިން އަންނަނީ ބޮޑު އަގުގައި ނޭމާ ވިއްކާލަން ތައްޔާރު ވަމުން ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ.

ނޭމާ އަށް އަނިޔާވުމަކީ ޕީއެސްޖީ އަށް ލިބޭ ބޮޑު ގެއްލުމެކެވެ. ނަމަވެސް ފްރާންސްގެ ޒުވާން ތަރި ކިލިއަން އެމްބާޕޭ އާއި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އަންނަނީ ޕީއެސްޖީގެ ކުރީގައި ނޭމާ ނުލައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. ލިލްއާ ދެކޮޅަށް ކުޅުނު މެޗުގައި ނޭމާ އަށް އަނިޔާ ވެގެން ބަދަލު ކުރި ފަހުން ޕީއެސްޖީ މޮޅުވީ ފަހު ވަގުތު އެމްބާޕޭ އާއި މެސީ ކާމިޔާބު ކޮށްދިން ގޯލުންނެވެ. އޭގެ ފަހުން ކުޅުނު ދެ މެޗުގައި އެމްބާޕޭ އާއި މެސީ ދެ ކުޅުންތެރިން ވަނީ މުޅި އެކު ފަސް ގޯލު ޖަހައި ތިން އެސިސްޓް ކޮށްފަ އެވެ.