Roadha Mihaaru
މެސީ އާއި ނޭމާއާ ދެކޮޅަށް މަގުމައްޗަށް ނުކުމެއްޖެ

މެސީ އާއި ނޭމާއާ ދެކޮޅަށް ޕީއެސްޖީގެ ސަޕޯޓަރުން މަގުމައްޗަށް

04 މެއި 2023

ޕެރިސް (މެއި 4) - ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އާއި ބްރެޒިލްގެ ތަރި ނޭމާ ކްލަބް ދޫކޮށްލަން ގޮވާލައި އެ ކްލަބްގެ ސަޕޯޓަރުން މަގުމައްޗަށް ނުކުމެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޕެރިސް (މެއި 4) - ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އާއި ބްރެޒިލްގެ ތަރި ނޭމާ ކްލަބް ދޫކޮށްލަން ގޮވާލައި އެ ކްލަބްގެ ސަޕޯޓަރުން މަގުމައްޗަށް ނުކުމެއްޖެ އެވެ.

ޕީއެސްޖީގެ ސަޕޯޓަރުން ވަނީ އިއްޔެ ކްލަބުގެ ހެޑްކުއާޓާސް ދޮށަށް އެއްވެ މެސީއަށް ނިސްބަތްކޮށް ހުތުރު ބަސްތައް ގޮވައިފަ އެވެ. އަދި ސަޕޯޓަރުން ވަނީ ނޭމާ ކްލަބް ދޫކޮށްލަން ގޮވާލައި، ނޭމާގެ ގޭދޮށަށް އެއްވެ އަޑު އުފުލައިފަ އެވެ.

ޕީއެސްޖީ އިން ވަނީ ސަޕޯޓަރުންގެ މި އަމަލު ކުށްވެރިކޮށް ރޭގެ ވަގުތެއްގައި ބަޔާނެއް ނެރެފަ އެވެ.

"ސަޕޯޓަރުންގެ ކުޑަ ގުރޫޕަކުން ކުރިއަށް ގެންދިޔަ މި ހަރުކަށި އަދި ބޭއަދަބީ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން،" ޕީއެސްޖީގެ ބަޔާނުގައިވެ އެވެ.

"މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ އަމަލެއް ނޫން. މިއީ ސަޕޯޓަރުން ކުރި ވަރަށް ބޭއަދަބީ ކަމެއް. ކްލަބުގެ މެނޭޖްމަންޓާއި ކުޅުންތެރިންނަށް، ކްލަބުގެ ފުރިހަމަ ސަޕޯޓް ލިބޭނެ."

ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މެސީ ޕީއެސްޖީއަށް ބަދަލުވީ 2021 ވަނަ އަހަރެވެ. ނިމިދިޔަ ވޯލްޑް ކަޕަށް ފަހު އިތުރު އަހަރަކަށް ކްލަބުގައި މަޑުކުރަން އޭނާ އަނގަބަހުން އެއްބަސްވި ނަމަވެސް ކްލަބާއި ކުޅުންތެރިޔާ ވެސް މިހާރު ކޮންޓްރެކްޓް އާކުރާކަށް ބޭނުމެއް ނުވެ އެވެ.

ކްލަބުގެ ސަސްޕެންޝަނެއްގައި މިވަގުތު ހުރި އުމުރުން 35 އަހަރުގެ މެސީ ވަނީ މި ސީޒަނަށް ފަހު ކްލަބް ދޫކޮށްލަން ތައްޔާރު ވެފަ އެވެ. އަދި އުމުރުން 31 އަހަރުގެ ނޭމާ އަށް ވަނީ ފެބްރުއަރީ މަހު ލީގުގައި ކުޅުނު މެޗެއްގައި އަނިޔާ ވެގެން އޭނާއަށް ސީޒަން ނިމިފަ އެވެ.

ޕީއެސްޖީން މެސީ ދެ ހަފްތާއަށް ސަސްޕެންޑް ކުރީ ކްލަބްގެ ހުއްދަ ނުލިބި އޭނާ ސައުދީ އަރަބިއްޔާ އަށް ދަތުރު ކުރުމުންނެވެ.

މެސީ ކްލަބުގައި މަޑުކުރަން ބޭނުން ނުވާކަން އޭނާގެ ބައްޕަ ޖޯޖް މެސީ ވަނީ ޕީއެސްޖީގެ އެޑްވައިޒަރު ލުއިސް ކެމްޕޯސް އަށް އަންގައިފަ އެވެ. މެސީ ގަބޫލުކުރާ ގޮތުގައި ކްލަބަށް ދިމާވެފައިވާ މާލީ މައްސަލަތާކާ ހުރެ އެޓީމަށް ޔޫރަޕްގެ އެންމެ މަތީ ލެވެލްގައި ހިފަހައްޓާލުމަކީ އުނދަގޫ ކަމަކަށް ވާނެ އެވެ.

ޕީއެސްޖީއަށް ބަދަލުވުމުގެ ކުރިން މެސީ ކުޅުނު ސްޕެއިންގެ ބާސެލޯނާއިން ވެސް އޭނާ ގެންދަން ޝައުގުވެރި ވެއެވެ. އަދި ބާސެލޯނާގެ ނައިބު ރައީސް ރަފައެލް ޔުސްޓޭ ވަނީ އޭނާ މެސީ އެނބުރި ބާސެލޯނާއަށް ގެންނަން އޭނާއާ އެކު މަޝްވަރާކުރި ކަމަށް މިދިޔަ މާޗު މަހު ހާމަކޮށްފަ އެވެ.

މެސީގެ އެންމެ ވާދަވެރި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، 38، މިހާރު ކުޅެމުން އަންނަނީ ސައުދީ އަރަބިއްޔާގެ އައް ނަސްރު ސްޕޯޓްސް ކްލަބަށެވެ. މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް މިދިޔަ ޑިސެމްބަރު މަހު މަހު އޭނާ އެ ކްލަބަށް ބަދަލުވީ އަހަރަކު 200 މިލިއަން ޔޫރޯގެ މުސާރައަކަށް ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އަދި ސައުދީ ލީގުގައި ކުޅޭ، އޭޝިއާ ފުޓްބޯޅައިގެ ގަދަ ބާރެއް ކަމަށްވާ އަލް ހިލާލުން ވަނީ މީގެ މަހެއް ކުރިން މެސީއަށް އަހަރަކު 400 މިލިއަން ޔޫރޯގެ ހުށަހެޅުމެއް ހުށަހަޅައިފަ އެވެ.

ޖެނުއަރީ މަހު މެސީ ވަނީ ސައުދީގައި ޕީއެސްޖީއާ އެކު ރޮނާލްޑޯއާ ދެކޮޅަށް ކުޅެފަ އެވެ. އެއީ އައް ނަސްރު އަދި އަލް ހިލާލް އިން ހޮވާލެވުނު ޓީމަކާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗެކެވެ. އެ މެޗުގައި ނަސްރާއި ހިލާލުން ހޮވާލެވުނު ޓީމުގެ ކެޕްޓަންކަން ހުރީ ރޮނާލްޑޯ އެވެ.