Roadha Mihaaru
ނޭމާ ވެސް ޕީއެސްޖީ ދޫކޮށްލަނީ: ރިޕޯޓް

ނޭމާ ވެސް ޕީއެސްޖީ ދޫކޮށްލަނީ: ރިޕޯޓް

08 އޯގަސްޓް 2023

ޕެރިސް (އޮގަސްޓް 08) - މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޕީއެސްޖީ ދޫކޮށްލަން ބޭނުންވާކަން ނޭމާ އެ ކްލަބަށް އަންގާފައިވާކަމަށް ފްރާންސްގެ ލެ ކޫޕް ނޫހުން ރިިޕޯޓްކޮށްފި އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

ޕެރިސް (އޮގަސްޓް 08) - މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޕީއެސްޖީ ދޫކޮށްލަން ބޭނުންވާކަން ނޭމާ އެ ކްލަބަށް އަންގާފައިވާކަމަށް ފްރާންސްގެ ލެ ކޫޕް ނޫހުން ރިިޕޯޓްކޮށްފި އެވެ.

ނޭމާ، 31، ޕީއެސްޖީއާ އެކު ހަދައިފައިވާ އެއްބަސްވުމުގައި އަދި ތިން އަހަރު އެބައޮތެވެ. އެ ކްލަބުގައި ނޭމާ ހުންނަނީ އަހަރަކު 31 މިލިއަން ޑޮލަރު ލިބޭ ގޮތަށެވެ.

މިދިޔަ ސީޒަނަށް ފަހު ލިއޮނެލް މެސީ ވަނީ ޕީއެސްޖީ ދޫކޮށް އެމެރިކާގެ އިންޓަ މަޔާމީ އަށް ބަދަލުވެފަ އެވެ. އަދި، މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ކިލިއަން އެމްބާޕޭ ވިއްކާލަން ޕީއެސްޖީ އިން ވަނީ ނިންމައިފަ އެވެ.

ނޭމާގެ ޝައުގުވެރިކަން ހުރީ އަނބުރާ ބާސެލޯނާ އަށް ބަދަލުވުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު މާލީ މައްސަލަތަކާއި ހެދި ނޭމާގެ އަގު ބާސެލޯނާ އަށް ދެއްކޭނެތޯ ސުވާލު އުފެދެ އެވެ.

ޕީއެސްޖީގެ އާ ކޯޗު ލުއިސް އެންރީކޭގެ އަމާޒަކީ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ ޕީއެސްޖީގައި ޓީމެއް ބިނާކުރާށެވެ. އެކަމަކު މެސީ އާއި އެމްބާޕޭ ނެތި ނޭމާ ދޫކޮށްލުމަކީ އެ ކްލަބުން ބޭނުންވާ ކަމެއް ނޫނެވެ.

ނޭމާގެ ޓްރާންސްފާ އަދި ރަސްމީކޮށް އޭނާ ޕީއެސްޖީ އަށް ހުށަހަޅާފައެއްނުވެ އެވެ. އަދި، އެކަމުގައި ޕީއެސްޖީ އިން އަދި ބަހެއް ނުބުނެ އެވެ.

ލޯނު އުސޫލުން ޕީއެސްޖީ އަށް ބަދަލުވި ޕޯޗުގަލްގެ ފޯވާޑް ރާމޯސް

ލޯނު އުސޫލުން ޕީއެސްޖީ އަށް ބަދަލުވި ޕޯޗުގަލްގެ ފޯވާޑް ރާމޯސް

ބާސެލޯނާ ދޫކޮށް ދުނިޔޭގެ ރެކޯޑް އަގަކަށް ނޭމާ ޕީއެސްޖީ އަށް ބަދަލުވީ 2017 ވަނަ އަހަރު އެވެ. އެ ކްލަބަށް ބަދަލުވެ ފަސް ފަހަރު ފްރެންޗް ލީގު ކާމިޔާބު ކުރި އެވެ. އެކަމަކު ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދޭގޮތެއްނުވި އެވެ.

ފްރެންޗް ލީގުގެ ކުޅުން އަންނަ ހޮނިހިރު ދުވަހު ފަށާއިރު އެމްބާޕޭ ފަރިތަކުރަމުން އަންނަނީ ޓީމާއި ވަކިންނެވެ. ޕީއެސްޖީގެ އެއްބަސްވުމުގައި ސޮއިކުރަން ދެކޮޅު ހަދައި އެމްބާޕޭ ބޭނުންވަނީ ރެއާލް މެޑްރިޑަށް ބަދަލުވާށެވެ. ޕީއެސްޖީ އިން އެމްބާޕޭ ވިއްކާލާ ލިސްޓަށް ލީ، އާ އެއްބަސްވުމުގައި ސޮއިނުކޮށް ކްލަބްގައި މަޑުކޮށްފި ނަމަ އަންނަ ސީޒަނަށް ފަހު ހިލޭ ޓްރާންސްފާއެއްގައި އެމްބާޕޭ ވިއްކާލަން ޖެހިދާނެތީ އެވެ.

ޕީއެސްޖީ އިން ވަނީ ބެންފީކާ އަށް ކުޅެމުން އައި ޕޯޗުގަލްގެ ޒުވާން ފޯވާޑް ގޮންކާލޯ ރާމޯސް ލޯނު އުސޫލުން އެޓީމަށް ގެނެސްފަ އެވެ. ރާމޯސް، 22، ވިދާލީ މިދިޔަ އަހަރު އޮތް ވޯލްޑް ކަޕްގައި ސްވިޒަލެންޑް ކޮޅަށް ހެދި ހެޓްރިކާ އެކު އެވެ.

ރާމޯސްގެ އިތުރުން ބެޔާން މިއުނިކަށް ކުޅުނު ލޫކަސް ހެނާންޑޭޒް އާއި ރެއާލް މެޑްރިޑްގައި ކާމިޔާބީ ހޯދި މާކޯ އަސެންސިއޯ އަދި ޒުވާން ތަރި ޒަވީ ސިމޮންސްގެ ސޮއިި ޕީއެސްޖީ އިން ވަނީ ހޯދައިފަ އެވެ. އެކަމަކު އަންނަ ސީޒަނުގައި ޕީއެސްޖީގެ ލޯނު އުސޫލުން ސިމޮންސް ކުޅޭނީ ޖަރުމަނުގެ އާރުބީ ލައިޕްޒިގަށެވެ.