Roadha Mihaaru
އާސެނަލާއި ޔުނައިޓެޑް ކުޅޭ މެޗުތައް އިޓަލީގައި

އާސެނަލާއި ޔުނައިޓެޑް ކުޅޭ ޔޫރޮޕާ ލީގު މެޗުތައް އިޓަލީގައި

11 ފެބުރުއަރީ 2021

ޕެރިސް (ފެބްރުއަރީ 11) - ޔޫރޮޕާ ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި އަންނަ ހަފްތާގައި އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑް ކުޅޭ މެޗުތައް އިޓަލީގައި ކުރިއަށްގެންދާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޕެރިސް (ފެބްރުއަރީ 11) - ޔޫރޮޕާ ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި އަންނަ ހަފްތާގައި އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑް ކުޅޭ މެޗުތައް އިޓަލީގައި ކުރިއަށްގެންދާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އާސެނަލުން ބެންފީކާއާ ދެކޮޅަށް ކުޅެން އޮތް މެޗު އިޓަލީ އަށް ބަދަލުކުރީ ޕޯޗުގަލް ސަރުކާރުން ކޮވިޑް-19ގެ ސަބަބުން ކަނޑައަޅާފައިވާ ދަތުރުފަތުރު ކުރުމުގެ އުސޫލުގެ ސަބަބުންނެވެ. ޕޯޗުގަލް އިން ދާދި ފަހުން އިއުލާނުކުރި އުސޫލުގައިވާ ގޮތުން ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް އިންގްލެންޑްގެ މީހަކަށް ޕޯޗުގަލް އަށް އެތެރެ ނުވެވޭނެ އެެވެ.

ޔުނައިޓެޑުން ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅެން އޮތް ފުރަތަމަ ލެގުގެ މެޗު ސްޕެއިނުގައި ކުރިއަށް ނުގެންދެވުނީ އެ ގައުމުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ މުއްދަތު އިތުރުކުރަން ނިންމުމުންނެވެ. ކޮވިޑް-19ގެ އާ ވޭރިއަންޓުގެ ނުރައްކަލާ ހެދި އިންގްލެންޑުން ސްޕެއިނަށް މީހުން އެތެރެ ނުވެވޭގޮތަށް އެންމެ ފުރަތަމަ ސްޕެއިން ސަރުކާރުން އުސޫލު ކަނޑައެޅީ މިދިޔަ ޑިސެމްބަރު މަހުގަ އެވެ. އޭގެ ފަހުން އެ މުއްދަތު މި ވަނީ ހަތަރު ވަނަ ފަހަރަށް ދައްމާލައިފަ އެވެ.

މިހާރު އޮތްގޮތުން ޔުނައިޓެޑާއި ސޮސިއެޑާޑް ކުޅޭ މެޗު އޮންނާނީ ޔުވެންޓަސްގެ އަލިއާންޒް އެރީނާގަ އެވެ. އަދި އާސެނަލާއި ބެންފީކާ ބައްދަލުކުރާ މެޗު ކުޅޭނީ ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގަ އެވެ. މި ދެ މެޗު ވެސް އޮންނާނީ އެންމެ ފުރަަތަމަ ޝެޑިއުލް ކުރި ވަގުތުގައި ފަށާ ގޮތަށް ކަމަށް ޔުއެފާ އިން ވަނީ ބުނެފަ އެވެ. އިންގްލެންޑްގައި ކުޅޭ ދެ ވަނަ ލެގުގެ މެޗުތަކާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ޔުނައިޓެޑާއި އާސެނަލުން ވަނީ ބުނެފަ އެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް އިންގްލެންޑްގެ ޗެލްސީއާ ދެކޮޅަށް ކުޅޭ ފުރަތަމަ ލެގުގެ މެޗު ވެސް ސްޕެއިންގައި ކުޅެވޭނެ ގޮތެއް ނެތެވެ މި މަހު 23 ވަނަ ދުވަހު ކުޅޭ އެ މެޗު މިހާރު ކުރިއަށްދާނީ ރުމޭނިއާގެ ބުކަރެސްޓްގަ އެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ޖަރުމަނުގެ ޓީމުތަކާ ދެކޮޅަށް ލިވަޕޫލާއި މެންޗެސްޓާ ސިޓީ ކުޅޭ މެޗުތައް ހަންގޭރީގެ ބުޑަޕެސްޓުގައި ކުރިއަށްގެންދާ ގޮތަށް ވަނީ ދާދި ފަހުން ނިންމައިފަ އެވެ. ލިވަޕޫލް ކުޅެނީ އާރްބީ ލައިޕްޒިގާ އެވެ. އަދި ސިޓީ ބައްދަލުކުރާނީ ބޮރޫޝިއާ މުންޗެންގްލަޑްބެކާ އެވެ.