Roadha Mihaaru
ގާސިމާ ބައްދަލުކުރައްވަން ނައިބުރައީސް ސަން އައިލެންޑަށް

ގާސިމާ ބައްދަލުކުރައްވަން ނައިބު ރައީސް ސަން އައިލެންޑަށް

10 މާޗް 2023

މި އަހަރުގެ ރިޔާސީ އިންތިހާބާ މެދު ނިންމަވާ ގޮތެއް މިހާތަނަށް އިއުލާން ނުކުރައްވައި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަރިހަށް، ނައިބު ރައީސް ފައިސަލް ނަސީމް ވެސް މިއަދު ވަޑައިގެންފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މި އަހަރުގެ ރިޔާސީ އިންތިހާބާ މެދު ނިންމަވާ ގޮތެއް މިހާތަނަށް އިއުލާން ނުކުރައްވައި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަރިހަށް، ނައިބު ރައީސް ފައިސަލް ނަސީމް ވެސް މިއަދު ވަޑައިގެންފި އެވެ.

އިންތިހާބާ މެދު ޕާޓީތަކުން ގޮތް ނިންމައި ރިޔާސީ ކެންޑިޑޭޓުން ހޮވައި ބައެއް ޕާޓީތަކުން ކޯލިޝަން ހަދާނެ ބަޔަކު ވެސް ވަނީ ކަނޑައަޅައިފަ އެވެ. ވަކި ގޮތެއް ވިދާޅު ނުވެ ހުންނެވުމުން، ގާސިމްއާ ސިޔާސީ ގިނަ ބޭފުޅުން ބައްދަލުކުރައްވައި ރިޔާސީ އިންތިހާބުގެ މަޝްވަރާތައް އަންނަނީ ކުރަމުންނެވެ.

އެމްޑީޕީގެ އިސް ބޭފުޅުންނާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޕާޓީ، އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ވެސް ވަނީ ގާސިމްއާ ބައްދަލުކުރައްވައިފަ އެވެ.

ގާސިމްއާ ބައްދަލުކުރައްވަން ސަން އައިލެންޑަށް ފައިސަލް ވެސް މިއަދު ވަޑައިގަތްކަން އެ މަނިކުފާނުގެ އަރިސް ބޭފުޅަކު "މިހާރު" އަށް ކަށަވަރު ކޮށްދެއްވި އެވެ.

ފައިސަލަކީ، ގާސިމްގެ މުވައްޒަފެއްގެ ގޮތުގައި 27 އަހަރު ވަންދެން މަސައްކަތް ކުރެއްވި ގާސިމް ވަރަށް އިތުބާރު ކުރެއްވި ބޭފުޅެކެވެ. އެކަމަކު، ނައިބު ރައީސްކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ދެ ބޭފުޅުންގެ ގުޅުން އޮތީ ހީނަރުވެފަ އެވެ.

ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ނައިބު ރައީސްކަމަށް ފައިސަލް ވަޑައިގަތަސް ވެރިކަމުގެ ހަތަރު އަހަރު ނިމުނުއިރު އެ ޕާޓީގެ އެއްވެސް ހަރަކާތެއްގައި އަމަލީ ގޮތުން އެ މަނިކުފާނު ނޫޅުއްވަ އެވެ. އެކަމަކު އެއީ ޖޭޕީ އަދި ގާސިމްއާ އެއްވެސް ހިޔާލުތަފާތުވުމެއް އޮވެގެން ނޫން ކަމަށާއި ސަރުކާރުގެ ވައުދުތައް ފުއްދަން އެހީތެރިވާން އިސްކަން ދެއްވާތީ ކަމަށް ނައިބު ރައީސް ވިދާޅުވެފައިވެ އެވެ.

ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިއަށްދާން ނިންމާ ގޮތެއް ގާސިމް އިއުލާން ނުކުރެއްވިޔަސް ޖޭޕީން ވާދަ ކުރަން ނުވަތަ ބަޔަކާ ކޯލިޝަން ހަދިޔަސް، އެކަން ނިންމުމުގެ ބާރު ޖޭޕީގެ ކައުންސިލުން ވަނީ ގާސިމަށް ދީފަ އެވެ.

ޕާޓީގެ ތެރޭގައި ހިޔާލު ދެކަފިވެފައިވާ އިރު ކައުންސިލްގެ ބައެއް މެމްބަރުން އެދިވަޑައިގަންނަވަނީ ގާސިމް އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވުމަށެވެ. އަނެއް ބަޔަކު ބާރު އަޅަނީ މި ވެރިކަން ހިންގާ ކޯލިޝަންގައި ދެވަނަ ދައުރަކަށް ދެމިތިބުމަށެވެ.

ރިޔާސީ އިންތިހާބުތައް ކާމިޔާބުކުރުމުގައި އަބަދުވެސް ބޮޑު ހިއްސާއެއް އޮންނަ ޖޭޕީއާ އެކު ކޯލިޝަނެއް ހަދަން އެމްޑީޕީން ވަނީ ހުށަހަޅައިފަ އެވެ. އެ މަޝްވަރާތައް ކުރިއަށް ގެންދަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން މަންދޫބުން ގާސިމްއާ ވަނީ ބައްދަލު ވެސް ކުރައްވައިފަ އެވެ. އަދި ގާސިމް މި ފަހުން ވަނީ ރައީސް އޮފީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ވެސް ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުވުމަށް ފަހު ވެސް ޖޭޕީން ނިންމާނެ ގޮތަކާ ގުޅޭ ގޮތުން މާބޮޑު ތަފްސީލެއް ނޫސްވެރިންނާ ހިއްސާ ނުކުރެއްވި އެވެ.