Roadha Mihaaru
ރިޗާލިސަންގެ އަމިއްލަ އެދުން މާބޮޑީ: ކޮންޓޭ

ރިޗާލިސަންގެ އަމިއްލަ އެދުން މާބޮޑީ، ކުޅުމުގެ ފުރުސަތު ހައްގުވާ ނަމަ ދޭނަން: ކޮންޓޭ

11 މާޗް 2023

ލަންޑަން (މާޗު 11) - ކުޅެން ނާރުވާތީ އޭނާ އަށް ފާޑުކީ، ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވާޑް ރިޗާލިސަން އަކީ އަމިއްލަ އެދުން ބޮޑު ކުޅުންތެރިއެއްގެ ގޮތުގައި އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ސިފަކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (މާޗު 11) - ކުޅެން ނާރުވާތީ އޭނާ އަށް ފާޑުކީ، ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވާޑް ރިޗާލިސަން އަކީ އަމިއްލަ އެދުން ބޮޑު ކުޅުންތެރިއެއްގެ ގޮތުގައި އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ސިފަކޮށްފި އެވެ.

މިދިޔަ ބުދަ ދުވަހުގެރޭ އޭސީ މިލާނާ 0-0 އިން އެއްވަރުވެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ޓޮޓެންހަމް ކެޓި މެޗުގައި ރިޗާލިސަން އަށް ފުރުސަތު ދިނީ ފަހު ވަގުތު އެވެ. އެ މެޗަށް ފަހު ރިޗާލިސަން ވަނީ، ކުޅެން ފުރުސަތު ނުލިބޭތީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ރިޗާލިސަން ބުނީ އޭނާގެ ފިޓްނަސް ރަނގަޅު ކަމަށާއި ފޯމު ވެސް ރަނގަޅު ކަމަށާއި އެހެންވެ ފުރުސަތު ނުދޭ ސަބަބެއް ނުވިސްނޭ ކަމަށެވެ.

ފުރުސަތު ނުލިބޭތީ މިއީ އޭނާ އަށް ގޯސް ސީޒަނެއް ކަމަށް، ރިޗާލިސަން ބުނި ވާހަކަތަކަށް އިޝާރާތްކޮށް ކޮންޓޭ ދެ މާނަ ލާފައި ބުނީ އެއީ ތެދެއް ކަމަށާއި މިއީ އޭނާ އަށް ގޯސް ސީޒަނެއް ކަމަށެވެ.

"އަހަރެމެންނާ އެކު އޭނާގެ ފެށުން ރަނގަޅު. ދެން އަނިޔާއެއްގަ ހުރެފަ ދިޔައީ ވޯލްޑް ކަޕަށް. އަނެއްކާ ވެސް އައިސް އަނިޔާއެއްގައި އުޅުނީ. އޭނާ ޕްރިމިއާ ލީގުގައި އަދި ގޯލެއް ނުޖަހާ. ޗެމްޕިއަންސް ލީގުގައި އެންމެ ދެ ގޯލުު ޖެހުނީ. އޭނާ އެބުނަނީ ހަގީގަތަށް، މިއީ އޭނާ އަށް ރަނގަޅު ސީޒަނެއް ނޫން،" އެވަޓަން އިން މި ސީޒަނުގައި ޓޮޓެންހަމްއާ ގުޅުނު ފޯވާޑާ ބެހޭގޮތުން ކޮންޓޭ ބުންޏެވެ.

"އޭނާގެ ސީޒަން އަދި ނުނިމޭ. ކުޅުމުގެ ފުރުސަތު ހައްގު ވާނަމަ އަހަރެން އޭނާއަށް އެ ފުރުސަތު ދޭނަން."

ކޮންޓޭ އިތުރަށް ބުނީ ރިޗާލިސަން އަށް ހެދުނު ގޯސް އޭނާ އަށް އެނގޭ ނެކަމަށް އުއްމީދު ކުރާކަމަށެވެ. ޓީމުގެ އެހެން ކުޅުންތެރިންނަށް ނުވިސްނާ ހަމައެކަނި އޭނާގެ ހާލަތާ ގުޅޭގޮތުން ވާހަކަ ދެއްކުމުން ދައްކައިދެނީ ރިޗާލިސަންގެ އަމިއްލަ އެދުން ބޮޑުކަން ކަމަށް ވެސް ކޮންޓޭ ބުންޏެވެ. .

"ވާހަކަ ދައްކާއިރު "އަހަރެމެން" ގެ ބަދަލުގައި މުޅިން "އަހަރެން"ނޭ ކިޔައި ދެއްކި ވާހަކަތަކުން އަންގައިދެނީ އޭނާ ހަމައެކަނި ވިސްނަނީ އަމިއްލަ ނަފްސަށް ކަން. އެއީ އަމިއްލަ އެދުން ބޮޑުކަން. އަހަރެންގެ ކުޅުންތެރިންނަށް ބުނެލަން އޮތީ މުހިއްމު ކަމަކަށް މަސައްކަތް ކުރާއިރު، ވާދަވެރި މާހައުލެއްގައި ތަށްޓެއް ހޯދަން ކުރާ މަސައްކަތުގައި ވާހަކަ ދައްކާއިރު އަބަދުވެސް "އަހަރެމެން" ކިޔައިގެން ވާހަކަ ދައްކަން،" ކޮންޓޭ ބުންޏެވ.

އެކަމަކު ކޮންޓޭ ވަނީ ރިޗާލިސަން މައާފަށް އެދުނު ކަމަށާއި އެއީ އޭނާ ރަނގަޅަށް ކުރި ކަމެއް ކަމަށް ބުނެފަ އެވެ.

އެންމެ ފަހުން ޓޮޓެންހަމް ކުޅުނު ތިން މެޗުގައި ވެސް އެ ޓީމަށް ލަނޑެއް ނުޖެހެ އެވެ. އެކަމާ ޓީމުގެ ސަޕޯޓަރުން ވެސް އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ. ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު 26 މެޗުން 45 ޕޮއިންޓް ހޯދައިގެން ޓޮޓެންހަމް އޮތީ ތާވަލުގެ ހަތަރު ވަނައިގަ އެވެ. މިރޭ ލީގުގައި ނޮޓިނަހަމް ފޮރެސްޓާ ދެކޮޅަށް ނުކުތުމުގެ ކުރިން ކޮންޓޭ ބުނީ ޓޮޓެންހަމަށް ޓަކައި އޭނާ މަރުވާން ވެސް ތައްޔާރަށް ހުރި ކަމަށެވެ.

"އަހަރެން މިވަގުތު ކުލަބަށްޓާކައި މަރުވާން ތައްޔާރަށް ހުރިތޯ އަހައިފި ނަމަ އަހަރެންގެ ޖަވާބަކީ އާއެކޭ. އެންމެ ފަހުވަގުތާ ޖެހެންދެން ވެސް އަހަރެން މިހުރީ މި ކްލަބަށްޓަކައި މަރުވާން ތައްޔާރަށް،" ގޯލްބްލޭޑާ އޮޕަރޭޝަނަކަށް ފަހު އެނބުރި އައިސް ލީގުގައި ޓީމަށް އިރުޝާދު ދޭ ފުރަތަމަ މެޗުގެ ކުރިން ކޮންޓޭ ބުންޏެވެ.