Roadha Mihaaru
ލީގު ކަށަވަރުކުރަން ބޭނުންވަނީ 18 ޕޮއިންޓް: ކޮންޓޭ

ލީގު ކަށަވަރުކުރަން ބޭނުންވަނީ 18 ޕޮއިންޓް: ކޮންޓޭ

07 އެޕްރީލް 2017

ލަންޑަން (އޭޕްރިލް 7) - އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދަން ބާކީ އޮތް މެޗުތަކުން ބޭނުންވަނީ 18 ޕޮއިންޓް ކަމަށް ލީގުގެ އެއް ވަނައިގައި އޮތް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (އޭޕްރިލް 7) - އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދަން ބާކީ އޮތް މެޗުތަކުން ބޭނުންވަނީ 18 ޕޮއިންޓް ކަމަށް ލީގުގެ އެއް ވަނައިގައި އޮތް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ޗެލްސީ މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ޗެލްސީ އަށް 30 މެޗުން 72 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ޓޮޓެންހަމަށް ވަނީ 30 މެޗުން 65 ޕޮއިންޓް ލިބިފަ އެވެ.

ލީގުގައި ބުދަ ދުވަހުގެރޭ ވާދަވެެރި މެންޗެސްޓާ ސިޓީ އަތުން މޮޅުވި މެޗަށް ފަހު ޗެލްސީގެ ކޯޗު ކޮންޓޭ ބުނީ ބާކީ އޮތް މެޗުތައް ފަސޭހަކޮށްލެވެން ނެތް ކަމަށެވެ.

"ޓޮޓެންހަމް ދެން ބާކީ އޮތް އަށް މެޗުން ވެސް މޮޅުވެދާނެ. އެ ގޮތަށް ވިސްނާއިރު އަހަރެމެންނަށް ލީގު ލިބޭނެ ހަ މެޗުން މޮޅުވެގެން އެއީ 18 ޕޮއިންޓް،" ކުރިން ޔުވެންޓަސް އަށް އިޓަލީ ލީގު ހޯދައިދިން ކޮންޓޭ ބުންޏެވެ.

ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ލީގުގެ ފަހު މެޗާ ހަމައަށް އެ ޓީމުން ލީގަށް ވާދަކުރާނެ ކަމަށެވެ.

"މިދިޔަ 10 އަހަރަށް ބަލާއިރު ޗެލްސީ އާއި ޓޮޓެންހަމްގެ ތަފާތަކީ ޗެލްސީ އަށް ގިނަ ތަށިތަކެއް ލިބިފައިވުން. ކުޅުމަށް ބަލާއިރު ދާދި ހަމަހަމަ ގޮތްތަކެއް އެބަހުރި. އެންމެ ފަހު ވަގުތާ ޖެހެންދެން ޓޮޓެންހަމުން ހިތްވަރުކުރާނެ. ހުރިހާ މެޗަކުން މޮޅުވެއްޖެނަމަ ކާމިޔާބު ހޯދޭނެ،" ކުރިން އެސްޕަންޔޯލާއި ސައުތެމްޓަނަށް ކޯޗުކޮށްދިން ޕޮޗެޓީނޯ ބުންޏެވެ.

ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި މިދިޔަ ސީޒަނުގައި ޗެލްސީ އަޑިއަޅާލި އެވެ. މޮރީނިއޯ ވަކިކުރުމަށް ފަހު ސީޒަނުގެ ބާކީބައި ގޫސް ހިޑިންކްގެ އިރުޝާދުގެ ދަށުން ކޮންމެވެސް ވަރަކަށް އެ ޓީމު ރަނގަޅުކުރި އެވެ. ޗެލްސީން ތަފާތު ދައްކަން ފެށީ މި ސީޒަނުގެ ކުރިން ކޮންޓޭ ހަވާލުވި ފަހުންނެވެ.

ސީޒަނުގެ ފުރަތަމަ މެޗުތަކުގައި ކޮންޓޭ ބޭނުންވާ ގޮތަށް ޓީމު ކުޅުވަން އުނދަގޫތަކެއް ދިމާވި ނަމަވެސް ފަހުން އެ ޓީމުން އައީ މެޗަކަށް ފަހު މެޗެއް ކުރިއެރުން ހޯދަމުންނެވެ.

ކޮންޓޭއާ އެކު ޗެލްސީން ހަދާފައިވާ އެއްބަސްވުން އާ ކުރުމަށް އެ ކްލަބުން އަންނަނީ މަޝްވަރާ ކުރަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން ކޮންޓޭ ވަނީ ނިއުޔޯކް ސިޓީ އަށް ކުޅެމުން އަންނަ އިޓަލީ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު އަންދްރޭ ޕިރްލޯ ޗެލްސީ އެސިސްޓަންޓް ކޯޗަކަށް ގެންނަން މަޝްވަރާކޮށްފަ އެވެ.