Roadha Mihaaru
"ޕްރިމިއާ ލީގަށް ފައިދާ ބޮޑީ ޗެލްސީ ބަލިވެގެން"

ޕްރިމިއާ ލީގަށް ފައިދާ ބޮޑީ ޗެލްސީ ބަލިވެގެން: ޕޮޗެޓީނޯ

04 ޖެނުއަރީ 2017

ލަންޑަން (ޖެނުއަރީ 4) - އިނގިރޭސި ޕްރިމިއާ ލީގަށް ފައިދާ ބޮޑުވާނީ މިރޭ ޓޮޓެންހަމް ހޮޓްސްޕާސް އަތުން ޗެލްސީ ބަލިވެގެން ކަމަށް ޓޮޓެންހަމްގެ ކޯޗު އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓިނޯ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖެނުއަރީ 4) - އިނގިރޭސި ޕްރިމިއާ ލީގަށް ފައިދާ ބޮޑުވާނީ މިރޭ ޓޮޓެންހަމް ހޮޓްސްޕާސް އަތުން ޗެލްސީ ބަލިވެގެން ކަމަށް ޓޮޓެންހަމްގެ ކޯޗު އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓިނޯ ބުނެފި އެވެ.

ލީގުގެ އެއް ވަނައިގައި މި ވަގުތު ޗެލްސީ އޮތީ 19 މެޗުން 49 ޕޮއިންޓާ އެކު އެވެ. އެ ޓީމު މިރޭ ޓޮޓެންހަމް އަތުން މޮޅުވެއްޖެނަމަ ލީގުގެ އެއް ވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ.

ޕޮޗެޓިނޯ ބުނީ ޗެލްސީ ހުއްޓުވަން ޕްރިމިއާ ލީގުގެ ހުރިހާ ކްލަބަކުން ވެސް ބޭނުންވާނެ ކަމަށެވެ.

"މިއީ ހަމައެކަނި ޓޮޓެންހަމަށް މުހިއްމު މެޗެއް ނޫން. މިއީ ޕްރިމިއާ ލީގަށް ވެސް މުހިއްމު މެޗެއް. މި މެޗުން ޗެލްސީ ބަލިވެގެން ޕްރިމިއާ ލީގަށް ވެސް ފައިދާ ބޮޑީ. އެހެން ނޫން ނަމަ އެ ޓީމުން ލީގުގެ އެއް ވަނައިގައި ފަރަގު ބޮޑުކުރާނެ،" ޕޮޗެޓިނޯ ބުންޏެވެ.

އޭނާ ބުނީ އެންމެ ފަހުން ކުޅުނު 13 މެޗުން މޮޅުވެ ޗެލްސީ އޮތީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށާއި އެ ޓީމު ހުއްޓުވަން އުނދަގޫވާނެ ކަމަށެވެ.

"ޖެހިޖެހިގެން 13 މެޗުން މޮޅުވާއިރު އެކަން އޮންނާނީ އާދަޔަކަށް ވެފައި. އެކަން ބަދަލުކުރަން އިދިކޮޅަށް ނުކުންނަ ޓީމު ޖެހޭނެ ވަރަށް ވިސްނައިގެން މޮޅަށް ކުޅެން. މިއީ ޓޮޓެންހަމަށް ނުވާވަރުގެ ކަމެއް ނޫން. އެންމެ ފަހުން ކުޅުނު މެޗުތަކަށް ބަލާއިރު ޓޮޓެންހަމް އޮތީ ވެސް ރަނގަޅު ހާލަތެއްގައި،" ކުރިން ސައުތެމްޓަނާއި އެސްޕަންޔޯލަށް ކޯޗުކޮށްދިން ޕޮޗެޓިނޯ ބުންޏެވެ.

މިރޭގެ މެޗަށް ނުކުންނައިރު ޓޮޓެންހަމަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ސަސްޕެންޝަންގެ ސަބަބުން އެންމެ ފަހުން ވަޓްފޯޑާ ދެކޮޅަށް ކުޅުނު މެޗު ގެއްލުނު ޔެން ވާޓޮންގެން އާއި ކައިލް ވޯކާ އަށް މިރޭ ކުޅެވުމެވެ.

ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ މިރޭގެ މެޗަށް އެ ޓީމު ނުކުންނަނީ ހުރިހާ ކަމަކަށް ވެސް ވަރަށް ސަމާލުވެގެން ކަމަށެވެ.

"ޖެހިޖެހިގެން 13 މެޗުން މޮޅުވާއިރު ލީގުގައި ނޯންނާނެ ޗެލްސީގެ ރައްޓެހި ކްލަބެއް. ކޮންމެ ޓީމެއް ވެސް ބޭނުންވާނީ ޗެލްސީ ބަލިކުރަން. އެކަމަކު އަހަރެމެން ނުކުންނާނީ ކުރިން މެޗުތަކެކޭ ވެސް އެއްގޮތަށް މޮޅުވާން،" ކޮންޓޭ ބުންޏެވެ.

"ޗެލްސީ އަތުން މި ވަގުތު ގެއްލޭނެ މާ ބޮޑު އެއްޗެއް ނެތް. މި ޓީމަށް އޮތީ ހިތްވަރު ކޮށްގެން އިތުރަށް ހޯދޭނެ އެއްޗެހި."

ޓޮޓެންހަމް އަތުން މިރޭ ޗެލްސީ މޮޅުވެއްޖެނަމަ އެ ޓީމަށް ރެކޯޑް ހެދުމުގެ ފުރުސަތު އެބައޮތެވެ. އެއީ އެއް ސީޒަނެއްގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑެވެ. ޗެލްސީ މި ވަގުތު އޮތީ އާސެނަލް ކުރިން ހަދާފައި އޮތް ރެކޯޑާ ހަމަކޮށްފަ އެވެ.

ޓޮޓެންހަމްގެ ވައިޓް ހާޓް ލޭންގައި މިރޭ ކުޅޭ ޓޮޓެންހަމާއި ޗެލްސީ މެޗު ފަށާނީ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.