Roadha Mihaaru
ޕީއެސްޖީގެ މާޔޫސްކަމަށް އެމްބާޕޭ ލުޔެއް ހޯދައިދީފި

ޕީއެސްޖީގެ މާޔޫސްކަމަށް އެމްބާޕޭ ލުޔެއް ހޯދައިދީފި

12 މާޗް 2023

ފްރާންސް ލީގުގައި ރޭ ފަހު ވަގުތު ކީލިއަން އެމްބާޕޭ ޖެހި ގޯލުން ބްރެސްޓް އަތުން 2-1 އިން ޕީއެސްޖީ މޮޅުވެ، މިދިޔަ ހަފުތާގައި ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ކެޓުމުން ލިބުނު ހިތްދަތިކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ފްރާންސް ލީގުގައި ރޭ ފަހު ވަގުތު ކީލިއަން އެމްބާޕޭ ޖެހި ގޯލުން ބްރެސްޓް އަތުން 2-1 އިން ޕީއެސްޖީ މޮޅުވެ، މިދިޔަ ހަފުތާގައި ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ކެޓުމުން ލިބުނު ހިތްދަތިކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ހޯދައިފި އެވެ.

ދުނިޔޭގެ އެންމެ ހުނަރުވެރި އަދި އެންމެ އަގުބޮޑު އެޓޭކިން ލައިނެއް އޮތް ޕީއެސްޖީގެ މައިގަނޑު އަމާޒުކަމަށްވި، ޗެމްޕިއަންސް ލީގުން ކެޓުމުން އެ ޓީމަށް ދެން އޮތީ ފްރާންސް ލީގު ކާމިޔާބުކުރުމެވެ.

މި މޮޅާ އެކު ޕީއެސްޖީ ވަނީ 66 ޕޮއިންޓް ހަމަކޮށް އެއް ވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެކަމަކު 55 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތް މާސޭ އިން މިރޭ ސްޓްރަސްބޯގް އަތުން މޮޅުވެއްޖެ ނަމަ ތަފާތު ކުޑަކުރެވޭނެ އެވެ.

ރަށުން ބޭރުގައި ރޭ ޕީއެސްޖީ ކުޅުނު މެޗުގެ 37 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ކާލޯސް ސޮލާގެ ލަނޑުން ލީޑު ނަގައިފަ އެވެ. އެކަމަކު ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ބްރެސްޓް އިން ވަނީ ފްރޭންކް ހޮނޮރަޓްގެ ލަނޑުން އެއްވަރުކޮށްފަ އެވެ. ޕީއެސްޖީ މޮޅުވި ލަނޑު 90 ވަނަ މިނެޓުގައި އެމްބާޕޭ ޖެހީ ލިއޮނަލް މެސީ ދިން ބޯޅައަކުންނެވެ.

ޕީއެސްޖީގެ ކޯޗު ކްރިސްޓަފާ ގަލްޓިއޭ ބުނީ މިއީ ކުޑަ މޮޅެއް ކަމަށް މީހުން ބުނެފާނެ ކަމަށާއި އެކަމަކު އޭނާގެ ނަޒަރުގައި މިއީ ވަރަށް ބޮޑު މޮޅެއް ކަމަށެވެ.

"ހުރިހާ ކަމެއް ދިޔައީ ފުރިހަމަކޮށެއް ނޫން. ވަރަށް ބައިވަރު ފުރުސަތު ލިބުނު. އެކަމަކު ފަހު ވަގުތު މި މޮޅުވެވުނީ. އެކަމަކު މީގައި ޕޮޒިޓިވްކަންކަން އެބަހުރި. ބަޔާން މިއުނިކް އަތުން ޗެމްޕިއަންސް ލީގުގައި ބަލިވިތާ ތިން ދުވަސް ފަހުން އައިސް މޮޅެއް ލިބުމަކީ މުހިއްމު ކަމަކަށްވާނެ،" ގަލްޓިއޭ ބުންޏެވެ.