Roadha Mihaaru
އަހަރެން ކުޅެނީ ތާރީހުން ޖާގަ ހޯދަން: އެމްބާޕޭ

އަހަރެން ކުޅެނީ ތާރީހުން ޖާގަ ހޯދަން: އެމްބާޕޭ

06 މާޗް 2023

ޕެރިސް (މާޗު 6) - އޭނާ ފުޓުބޯޅަ ކުޅެނީ ރެކޯޑްތައް މުގުރައި، ތާރީހުން ޖާގަ ހޯދަން ކަމަށް ޕީއެސްޖީ އަށް ކުޅޭ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޕެރިސް (މާޗު 6) - އޭނާ ފުޓުބޯޅަ ކުޅެނީ ރެކޯޑްތައް މުގުރައި، ތާރީހުން ޖާގަ ހޯދަން ކަމަށް ޕީއެސްޖީ އަށް ކުޅޭ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ބުނެފި އެވެ.

އޭނާ އެހެން ބުނީ، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޕީއެސްޖީން ލީގްގައި 4-2 އިން ނަންޓްސް ބަލި ކުރި މެޗުގައި ގޯލު ޖެހުމަށް ފަހު، ޕީއެސްޖީ އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދުމަށް ފަހު އެވެ.

މެޗުގެ އިތުރު ވަގުތުގައި ނަންޓްސް ކޮޅަށް ޖެހި ގޯލަކީ އެމްބާޕޭ ޕީއެސްޖީ އަށް ޖަހައިދިން 201 ވަނަ ގޯލެވެ. މީގެ ކުރިން އެ ރެކޯޑް އޮންނަނީ 200 ގޯލު ޖަހައިދީފައިވާ އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީގެ އަތުގަ އެވެ.

"އަހަރެން ކުޅެނީ ތާރީހުން ޖާގަ ހޯދަން. އަހަރެން އަބަދުވެސް ބުނަމުން އައީ ފްރާންސްގައި، ގައުމުގެ ވެރިކަންކުރާ ސިޓީ، އަހަރެންގެ [އުފަން] ސިޓީ ގެ ތާރީހުގައި އަހަރެންގެ ނަން ލިޔެލަން ބޭނުމޭ،" ފްރާންސްގެ ޓީވީ ޗެނަލެއް ކަމުގައިވާ ޗެނަލް ޕްލަސް އާ ވާހަކަ ދައްކަމުން އެމްބާޕޭ ބުންޏެވެ.

"އަހަރެން މި ދަނީ އެ ކަން ކުރަމުން. އެއީ ވަރަށް އުފާވާ ކަމެއް. އެކަމަކު އަދިވެސް ވަރަށް ބައިވަރު ކަންކަން ކުރަން އެބަހުރި. އެއީ އަމިއްލަ ކާމިޔާބީއެއް. އެކަމަކު ޓީމަށް ކާމިޔާބު ހޯދައިދޭން ވެސް އަހަރެން މަސައްކަތް ކުރަން."

މޮނާކޯ ދޫކޮށް 2017 ވަނަ އަހަރު ޕީއެސްޖީ އަށް ބަދަލުވި އެމްބާޕޭ 201 ގޯލް ހަމަކުރީ 247 މެޗު ކުޅެގެންނެވެ. އޭގެ ތެރޭގައި ޕީއެސްޖީގެ ދަނޑުގައި ވަނީ 94 ގޯލް ޖަހައިފަ އެވެ. މިހާތަނަށް އޭނާ ވަނީ ޕީއެސްޖީ އަށް 85 ގޯލުގައި އެސިސްޓް ވެސް ކޮށްފަ އެވެ.

ނަންޓްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީން ފުރަތަމަ ލީޑް ނެގީ ލިއޮނެލް މެސީގެ ގޯލަކުންނެވެ. އެ އަށް ފަހު ނަންޓްސްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ގޯލަކުން ލީޑް ފުޅާވި ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަންޓްސް ވަނީ ދެ ގޯލު ޖަހައި ނަތީޖާ އެއްވަރު ކޮށްފަ އެވެ. ޕީއެސްޖީން އަލުން ލީޑު ނެގީ ދެވަނަ ހާފުގައި ޑެނީލޯ ޕެރޭރާ ޖަހައިދިން ގޯލުންނެވެ. އެމްބާޕޭ ލަނޑު ޖެހީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގަ އެވެ.

މިއާއެކު މި ސީޒަން ގައި ލީގުގެ ޓޮޕް ސްކޯރާގެ މަގާމުގައި ވެސް އޮތް އެމްބާޕޭ މި ސީޒަންގެ ލީގުގައި ޖެހި ގޯލުގެ އަދަދު ވަނީ 18 އަށް އަރައިފަ އެވެ.

ލީގުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ 26 މެޗުން 63 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތީ 55 ޕޮއިންޓް ހޯދާފައިވާ މާސޭ އެވެ.