Roadha Mihaaru
ރާއްޖެއަކީ ފޫހި މަންޒިލެއް ކަމަށް ބުނުމުން ފާޑުކިޔުން

ރާއްޖެއަކީ "ފޫހި މަންޒިލެއް" ކަމަށް ލަންކާގެ ޓޫރިޒަމް މިނިސްޓަރު ވިދާޅުވުމުން ފާޑުކިޔުން ބޮޑުވެއްޖެ

12 މާޗް 2023

ޖަރުމަނު ވިލާތުގައި ކުރިއަށް ގެންދިޔަ އައިޓީބީ ފެއާގައި ރާއްޖެއާ ބެހޭ ގޮތުން ސްރީ ލަންކާގެ ޓޫރިޒަމް މިނިސްޓަރު ދެއްކެވި ވާހަކަތަކަށް އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޖަރުމަނު ވިލާތުގައި ކުރިއަށް ގެންދިޔަ އައިޓީބީ ފެއާގައި ރާއްޖެއާ ބެހޭ ގޮތުން ސްރީ ލަންކާގެ ޓޫރިޒަމް މިނިސްޓަރު ދެއްކެވި ވާހަކަތަކަށް އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެއްޖެ އެވެ.

ލަންކާގެ ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ ގޮތުން އެ ފެއާގައި ވާހަކަދައްކަވަމުން ލަންކާގެ ޓޫރިޒަމް މިނިސްޓަރު ފެނާންޑޯ ހަރިން ވިދާޅުވީ ރާއްޖެ އަންނަ ޓޫރިސްޓުން ހިތްހަމަޖައްސާލަން ލިބޭނެ ހަމައެކަނި ތަނަކީ ރީތި ގޮނޑުދޮށްތައް ކަމަށެވެ. އަދި ޓޫރިސްޓުން ފަސް ވަރަކަށް ދުވަހު ރާއްޖޭގައި މަޑުކޮށްލާއިރަށް އެތަންތަނުގެ މަތިން ވެސް ފޫހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު، ލަންކާއަށް ދާ ޓޫރިސްޓުން ފޫހިފިލުވުމަށް، ރީތި ގޮނޑުދޮށްތަކަށް ދިއުމުގެ އިތުރުން ވެސް މާ ގިނަ ކަންކަން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި ހަމައެކަނި އޮތީ ބީޗުތައް، އަޅުގަނޑު ފާޑެއް ނުކިޔަން. އެކަމަކު އެތަނުގައި ފަސް ވަރަކަށް ދުވަހު ހުރެއްޖެ ނަމަ މުޅިން ފޫހިވާނެ. އެއީ ވާނެ ގޮތަކީ، އެ ރަށެއްގައި، އެއް ތަނެއްގައި ބަންދުވެފައި ތިބޭނީ،" އޭނާ ވިދާޅުވި އެވެ.

"އެކަމަކު ލަންކާގައި އެހެނެއް ނުވާނެ."

ލަންކާގެ ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ ނަމުގައި އަވަށްޓެރި ގައުމަކާ ގުޅޭ ގޮތުން މިގޮތަށް ވާހަކަދެއްކިގެން ނުވާނެ ކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ ފާޑުކިޔަމުންނެވެ. މިނިސްޓަރުގެ ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ލަންކާގެ ގިނަ ބަޔަކު ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

"މިހެން ވާނީ ސިޔާސީ ބޭފުޅަކަށް ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ ކަންކަން ހަވާލުކުރުމުން،" މީހަކު ކުރި ޓުވީޓެއްގައިވެ އެވެ.

"މި ކަހަލަ ބައިނަލްއަގުވާމީ ފޯރަމެއްގައި، އެހެން ގައުމެއް ގޯސްކޮށްފައި، އަމިއްލަ ގައުމު ޕްރޮމޯޓްކުރުމަކީ ޑިޕްލޮމެޓިކް ގޮތެއް ނޫން،" އެހެން މީހަކު ބުންޏެވެ.

ލަންކާ ޓޫރިޒަމް މިނިސްޓަރު މިގޮތަށް ވާހަކަދެއްކެވިއިރު، އެ ގައުމަށް ދަތުރުކުރާ ޓޫރިސްޓުން އަދަދު އަންނަނީ އިތުރުވަމުންނެވެ. މިހާރު އާންމު ގޮތެއްގައި، މަހަކު 150،000 ޓޫރިސްޓުން ރާއްޖެ އަންނައިރު، މިދިޔަ މަހު ލަންކާއަށް ދިޔަ ޓޫރިސްޓުންގެ އަދަދު ވަނީ 100،000 އަށް ވުރެ އިތުރުވެފަ އެވެ.