Roadha Mihaaru
ލަންކާ އަށް ދެން އެތެރެވެވޭނީ ވިސާ ފީ ދައްކައިގެން

ލަންކާ އަށް ދާން ދެން ހިލޭ ވިސާއެއް ނުލިބޭނެ!

29 އޯގަސްޓް 2021

އޮންއެރައިވަލް ފީގެ ގޮތުގައި ބޮލަކަށް 25 ޑޮލަރު ދައްކައިގެން ނޫން ގޮތަކަށް ލަންކާ އަށް އެތެރެވުން އެ ގައުމުން އިއްޔެ އިން ފެށިގެން މަނާކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އޮންއެރައިވަލް ފީގެ ގޮތުގައި ބޮލަކަށް 25 ޑޮލަރު ދައްކައިގެން ނޫން ގޮތަކަށް ލަންކާ އަށް އެތެރެވުން އެ ގައުމުން އިއްޔެ އިން ފެށިގެން މަނާކޮށްފި އެވެ.

ލަންކާގެ އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ކަނޑައަޅާފައިވާ އާ އުސޫލުގެ ދަށުން ސާކު ގައުމުތަކުން 30 ދުވަހުގެ އޮންއެރައިވަލް ވިސާއަކަށް 25 ޑޮލަރުގެ ފީއެއް ނަގާނެ އެވެ. އެކަމަކު އޮންލައިންކޮށް ވިސާ ނަގާ ނަމަ ދައްކަން ޖެހޭނީ 20 ޑޮލަރެވެ. ރާއްޖެ ވެސް ހިމެނެނީ ސާކުގެ ގައުމުތަކުގެ ތެރޭގަ އެވެ. އެހެންވެ މީގެ ކުރިން އެއްވެސް ފީއެއް ދެއްކުމަކާ ނުލައި އެތެރެވެވުނަސް، ދިވެހިންނަށް ވެސް ދެން ޗުއްޓީ އަށް އެ ގައުމަށް ދެވޭނީ ބޮލަކަށް މަދުވެގެން 20 ޑޮލަރުގެ ފީއެއް ދެއްކުމަށް ފަހު އެވެ.

މިގޮތަށް ބަދަލު ގެނަޔަސް، 30 ދުވަހުގެ ވިސާ ހަމަވެ، އެ މުއްދަތު 90 ދުވަހަށް އިތުރު ކުރިޔަސް އިތުރު ފީއެއް ދައްކާކަށް ނުޖެހޭނެ އެވެ.

ވިސާ ފީތަކަށް ގެނައި ބަދަލާ އެކު ސްޓޫޑެންޓް ވިސާ އާއި މެޑިކަލް ވިސާ އަދި އެމްޕްލޯއިމަންޓް ވިސާގައި ލަންކާ އަށް ދާ މީހުންގެ އަތުން އަހަރަކަށް ނުވަތަ އެ ގައުމުގައި ހުންނަ މުއްދަތަކަށް 200 ޑޮލަރުގެ ފީއެއް ނަގަން ވެސް ވަނީ ނިންމައިފަ އެވެ.

އާ ބަދަލުތަކާ އެކު، ވިސާ ނެތި އުޅޭ މީހުންގެ ޖޫރިމަނާތަކަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. ވިސާގެ މުއްދަތު ހަމަވެ، ވިސާ އާނުކޮށް، ނުވަތަ ވިސާ ނެތި އެ ގައުމުގައި އުޅޭ މީހުން 500 ޑޮލަރުގެ ޖޫރިމަނާއެއް ކުރަން ވެސް ގަވާއިދުގައި ވަނީ ހިމަނައިފަ އެވެ. މިއީ ވިސާ ފީގެ އިތުރުން ދައްކަން ޖެހޭ ޖޫރިމަނާއެކެވެ.

ލަންކާއަކީ ޗުއްޓީ ހޭދަ ކުރުމަށް ދިވެހިން އެންމެ ގިނައިން ދާ އެއް ގައުމެވެ. މީގެ އިތުރުން ލަންކާ އަކީ އެކި ބޭނުންތަކުގައި ވަރަށް ގިނަ ދިވެހިން ވެސް ދިރިއުޅެމުން އަންނަ ގައުމެކެވެ.