Roadha Mihaaru
ނުވަ މަސް ތެރޭގައި 63،890 ދިވެހިން ލަންކާއަށް!

މިދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި 63،890 ދިވެހިން ލަންކާއަށް!

22 އޮކްޓޯބަރ 2016

މިދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި 63،890 ދިވެހިން ސްރީ ލަންކާއަށް ޒިޔާރަތްކޮށްފައިވާ ކަމަށް އެ ގައުމުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މިދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި 63،890 ދިވެހިން ސްރީ ލަންކާއަށް ޒިޔާރަތްކޮށްފައިވާ ކަމަށް އެ ގައުމުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ސްރީ ލަންކާ ޓޫރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ މަހާއި ސެޕްޓެމްބަރު މަހާ ދެމެދު އެ ގައުމަށް ޒިޔާރަތްކުރި ދިވެހިންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ވަނީ 5.7 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީން ސެޕްޓެމްބަރަށް އެ ގައުމަށް ޒިޔާރަތްކޮށްފައި ވަނީ 60،434 ދިވެހިންނެވެ.

ރާއްޖެ ހިމެނިފައި ވަނީ އެ މުއްދަތުގެ ތެރޭގައި ހަތް ވަނަ އަށް އެންމެ ގިނަ މީހުން ޒިޔާރަތްކުރި ގައުމަށެވެ. ޖެނުއަރީ މަހާއި ސެޕްޓެމްބަރު މަހާ ދެމެދު އެންމެ ގިނައިން އެ ގައުމަށް ޒިޔާރަތްކޮށްފައި ވަނީ އިންޑިއާ މީހުންނެވެ.

ސްރީ ލަންކާގެ ޓޫރިޒަމް ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ގައުމަށް 1.5 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 14.6 ޕަސެންޓްގެ ކުރިއެރުމެކެވެ.

ބޭސްފަރުވާއަށާއި ޗުއްޓީ ހޭދަކުރުމަށް ދިވެހިން އެންމެ ގިނައިން ދަތުރުކުރަނީ އަވަށްޓެރި ސްރީ ލަންކާއަށެވެ. އޭގެ އިތުރުން ކިޔަވައި ދިނުމަށާއި އެނޫން ވެސް ބޭނުންތަކަށް ގާތްގަނޑަކަށް 10،000 ދިވެހިން އެ ގައުމުގައި ދިރިއުޅެމުންދާ ކަމަށްވެ އެވެ.