Roadha Mihaaru
"އަހަރެމެން ތިބީހީ މިއަދު ޑޮލަރު ގުނާލަ ގުނާލަ"

"އަހަރެމެން ތިބީހީ މިއަދު ޑޮލަރު ގުނާލަ ގުނާލަ"

16 މާޗް 2023

މީގެ ދިހަ ވަރަކަށް އަހަރު ކުރިން އެންމެ ބާރުލާފައި ގަދައަށް ދެއްކީ ފ. އަތޮޅު ވިއްކާލަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސައުދީ ޝާހީ އާއިލާ އާ އެކު "ޑީލް"ތަކެއް ހައްދަވާ ވާހަކަ އެވެ. ރާއްޖޭގެ ރަށެއް އެގޮތަށް "ވިއްކާލުން" އެއީ، ދިވެހިން ބަލައިގަންނަވަރުގެ ކަމަކަށް ނުވި އެވެ. އެ ވާހަކަތައް އާންމުކޮށް ދެކެވުނު ނަމަވެސް، އަދި ސައުދީ ސަރުކާރުން ބަޔާން ނެރެ، އެފަދަ ކަމެއްގައި ތިމަންނާމެންގެ ބައިވެރިވުމެއް ނެތޭ ބުންޏަސް، ދިވެހިން އެ ވާހަކަ ގަބޫލެއް ނުކުރި އެވެ. އެއް ސަބަބަކީ، މަޝްރޫއުގެ ގޮތުން މިކަމުގައި ސަރުކާރަށް ދިފާއުގައި ކުޅެވެން ނެތުމެވެ.

އާސިމާ ނިޒާރު ފ. ނިލަންދޫން އާސިމާ ނިޒާރު

މީގެ ދިހަ ވަރަކަށް އަހަރު ކުރިން އެންމެ ބާރުލާފައި ގަދައަށް ދެއްކީ ފ. އަތޮޅު ވިއްކާލަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސައުދީ ޝާހީ އާއިލާ އާ އެކު "ޑީލް"ތަކެއް ހައްދަވާ ވާހަކަ އެވެ. ރާއްޖޭގެ ރަށެއް އެގޮތަށް "ވިއްކާލުން" އެއީ، ދިވެހިން ބަލައިގަންނަވަރުގެ ކަމަކަށް ނުވި އެވެ. އެ ވާހަކަތައް އާންމުކޮށް ދެކެވުނު ނަމަވެސް، އަދި ސައުދީ ސަރުކާރުން ބަޔާން ނެރެ، އެފަދަ ކަމެއްގައި ތިމަންނާމެންގެ ބައިވެރިވުމެއް ނެތޭ ބުންޏަސް، ދިވެހިން އެ ވާހަކަ ގަބޫލެއް ނުކުރި އެވެ. އެއް ސަބަބަކީ، މަޝްރޫއުގެ ގޮތުން މިކަމުގައި ސަރުކާރަށް ދިފާއުގައި ކުޅެވެން ނެތުމެވެ.

އޭގެ ހުރިހާ ފައިދާއެއް ނެގީ، އިދިކޮޅުގައި އޮތް އެމްޑީޕީ އެވެ. ނިވާފަތްގަނޑަކަށް ބޭނުންކުރި އެއް ބަޔަކީ ފ. އަތޮޅުގެ ރައްޔިތުންނެވެ.

ސޯޝަލް މީޑިއާގައި "ސޭވްފާފު" އާއި "ފ. އަތޮޅު ވިއްކާލުމާ ދެކޮޅަށް" ނަމުގައި މި އަތޮޅުގެ އެކި ރަށްރަށާއި ކަނޑުމަތީގައި ވެސް ވަރަށް ވަރުގަދަ މުޒާހަރާތަކެއް ކުރިއަށް ގެންދިޔަ އެވެ. ރުޅިވެރިކަމާ އެކު ނުކުމެ ޝުއޫރު ފާޅުކުރި އެވެ. އޭރު އެމްޑީޕީން ވިސްނައިދިނީ ފ. އަތޮޅުގައި މީހުން ދިރިއުޅޭ ފަސް ރަށުން މީހުން ބޭލުވުމަށް ފަހު ހުޅުމާލޭގައި ހަދާ ފ. އަތޮޅުގެ ވަކި ހާއްސަ ސަރަހައްދަކަށް ބަދަލުކުރަން ރާވާފައިވާ ކަމެވެ.

ނަމަވެސް، މަޝްރޫއުގެ ތަފްސީލުތައް އޭގެ އެތައް އަހަރެއް ފަހުން ތިލަވި އިރު، "ސޭވްފާފު" ކެމްޕެއިންގައި އުޅުނު ވަރަށް މީހުން ވެސް އެކަމާ ހިތާމަކުރެ އެވެ. އަތުން ބީވެގެން ދިޔައީ ހަޔާތުގައި ދެން އަންނާނެ ވަރުގެ މަޝްރޫއެއް ނޫންކަން ރޭކާލި އެވެ. އޭގެ ތެރެއިން އެކަކަކީ މި އަތޮޅު ބިލެއްދޫ ކައުންސިލްގެ އެމްޑީޕީ މެމްބަރު އަރީހު އިސްމާއިލެވެ.

އެކަމަކު ވަގުތު ފާއިތު ވެއްޖެ އެވެ؛ ދެން އެ ވާހަކަތައް އަހަރުތަކެއް ފަހުން ދެއްކުމުގެ ބޭނުމެއް ވެސް، ހަގީގަތުގައި ނެތެވެ.

އެންމެ ބޮޑު މައްސަލައަކީ މައުލޫމާތު ސިއްރު ކުރުން

އަރީހު ވިދާޅުވީ އެ ރަށުގައި އެމްޑީޕީގެ ކަންކަމުގައި އިސްކޮށް އުޅުނު މީހުން އޭރު ވިސްނައިދިނީ ފ. އަތޮޅު އެއްކޮށް ސައުދީ އަށް ވިއްކާލަން އުޅޭކަން ކަމަށެވެ. އެގޮތަށް ގަބޫލުކުރެވުނީ ވެސް އޭގެ އޭރު ސަރުކާރުން މައުލޫމާތު ހާމަ ނުކުރުން ކަމަށް އަރީހު ވިދާޅުވި އެވެ.

އެކަން ގަބޫލުކޮށް، ޕާޓީގެ އެހެން މެމްބަރުންނެކޭ އެއްގޮތަށް ބެނާތަކާއި ބޯޑުތައް ހިފައިގެން ރަށުގެ މަގުތަކަށް ނުކުމެ ކެމްޕެއިން ކުރެވުނީތީ މިހާރު އޭނާ ވެސް ހިތާމަކުރައްވަ އެވެ.

"ރަނގަޅަށް ސާފުކޮށް [މަންޒަރު ފެންނަން] އޮތް ނަމަ ނުނިކުންނާނެ. އަހަރުންނަށް ނޭނގޭ އޭރު ކިހިނެއް، ކިހާ ވަރެއް ކަމެއް، ކިހިނެއް ވާ ކަމެއްކަން. ސާފުކޮށް އޮތް ނަމަ ހީވަނީ މި ތަނަށް ނުކުތް ގިނަ ބަޔަކު ބޭނުންވާނީ މިކަން ވާން ހެން،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ޕްލޭނާ އެގޮތަށް ހިމިތި މަޝްރޫއު ކުރިއަށްދިޔަ ނަމަ މުޅި އަތޮޅަށް ވެސް ފައިދާވާނެ ކަމަށް އަރީހު ގަބޫލުކުރައްވަ އެވެ. އަދި، މިހާރު މި އަތޮޅުގެ ގިނަ ބަޔަކު ވެސް ގަބޫލު ކުރަނީ ހަމަ އެހެންނެވެ.

"[އެންމެން ވެސް] ބޭނުންވާނީ ރާއްޖޭގައި އެންމެ މުއްސަނދި، އެންމެ ތަރައްގީ އަތޮޅަށް ފާފު ވާން. އެކަމަކު، ފ. މީހުން ހުޅުމާލޭގައި ވަކި އަވަށެއް ހަދާފައި ލާކަހަލަ ގޮތަކަށް އޮތް ނަމަ ފާފު މީހުން ވެސް ބޭނުމެއް ނުވާނެ [މިހެން ވާކަށް]. ބޭނުމެއް ނުވާނެ އުޅެ ބޮޑުވި ތަން ދޫކޮށްލާފައި ދާކަށް. އަހަރެމެންނަށް އެއްވެސް މޫވްމަންޓެއް ނުގެނެސް އެ ގޮތަށް ހިމިތި ތަރައްގީކުރާ ގޮތަށް އޮތް ނަމަ ހީވަނީ މިތާ އުޅޭ ދުވަސްވީ މީހުން ވެސް މާ ބޮޑު ކަމަކަށް ނުހަދާނެހެން،" އަރީހު ވިދާޅުވި އެވެ.

އަރީހު ވިދާޅުވީ އިވިފައިވާ ވާހަކަތަކަށް ބަލާއިރު ސޭވް ފާފު ކެމްޕެއިންގައި އޭރު އިސްކޮށް ހަރަކާތްތެރިވީ އައްޑޫ މީހުން ކަމަށެވެ. އައްޑު އަތޮޅަށް އަންނަން އޮތް މަޝްރޫއުތަކެއް ފާފު އަތޮޅަށް ބަދަލުކުރަނީ ކަމަށް ބުނެ އަޑުތަކެއް އަރައި، އޭރު އައްޑޫގެ ބައެއް މީހުން ވެސް މީގެ ތެރޭގައި ގޯސް ހެދި ކަމަށް ފ. އަތޮޅުގެ ބައެއް މީހުން ތުހުމަތު ކުރެ އެވެ.

ހިމިތި މަތިން ނަގާފައިވާ ފޮޓޯއެއް.-- ފޮޓޯ: ޖައިލަމް މަހުމޫދު/ މިހާރު

ހިމިތި މަތިން ނަގާފައިވާ ފޮޓޯއެއް.-- ފޮޓޯ: ޖައިލަމް މަހުމޫދު/ މިހާރު

ފާނައިގެ މަސްވެރިކަމުގައި ރާއްޖޭގެ އެއްވަނަ ބިލެއްދޫ މީހުންނަށް ވިސްނައިދިނީ އެ އަތޮޅު ސައުދީ އަށް ވިއްކާލައިފި ނަމަ މަސްވެރިކަން ވެސް ނުކުރެވި، އެ މީހުންގެ އާމްދަނީ ހުއްޓޭނެ ކަމެވެ. މަސްވެރިކަން ނުކުރެވި، އެ ތަނުގައި ދެން ހިނގާނީ ސައުދީގެ ބާރު ކަމަށް ވެސް ވިސްނައިދިން ކަމަށް އަރީހު ވިދާޅުވި އެވެ.

"ފުރަތަމަ ވިސްނުމުގައި ހަމައެކަނި ހިމިތި ތަރައްގީކުރާ ގޮތަށް ވިސްނުމުގައި އެ ޕްރޮޖެކްޓު ކުރިއަށްގެންދަން އޮވެއްޖެނަމަ ވަރަށް ބޮޑުތަނުން ރަނގަޅުވީސް. އެކަމަކު ފާފުން މީހުން ބާލުވާފައި ކޮންކްރީޓު ޖަންގައްޔަށް މީހުން އެއްކޮށްފައި، މި އަތޮޅު އެއްކޮށް ސައުދީ އަށް ދޭން އުޅުނު ނަމަ އެހާއެއް ނުވާނެ."

"ހިމިތި ފަޅު އެއްކޮށް ވިޔަސް މައްސަލައެއް ނެތް، ސައުދީ މީހުންނަށް ދީފައި އެ މީހުން އެ ގެންނަ ތަރައްގީއެއް ނަމަ އަހަރެމެން މަރުހަބާ ކިޔަން. އޭރަށް މި ތަނުގެ މަސްވެރިން ވެސް ގޮސްފައި ހަމަ ޑޮލަރުންތާ މަސްކޮޅު ކިރާލާނީ ސައުދީ މީހުންނަށް. އެގޮތަށް ބަލާއިރު އޯކޭއޭ. އެކަމަކު ވިސްނައިދީފައި އިނީ އެހެން ގޮތަކަށް.. އެހެންވެ ބެނާ ހިފައިގެން ތިބީ ފާފު ވިއްކާލުމާ ދެކޮޅަށް،" އޭނާ ވިދާޅުވި އެވެ.

"ހެޔޮ ވިސްނުން ނުވިސްނުނީތާ ދޯ އޭރު. އެހެން ނޫނީ އަހަރެމެން ތިބޭނީ ޑޮލަރުން ގުނާލަ ގުނާލަ."

ފީއަލީގައި އެމްޑީޕީގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ އަދި "ސޭވްފާފު" ކެމްޕެއިންގައި އެ ރަށުގައި އިސްކޮށް އުޅުނު މުހައްމަދު ނަސީމް ވެސް ބުނީ އެ ބިޔަ މަޝްރޫއާ ގުޅޭގޮތުން އެއްވެސް ތަފްސީލެއް ނުދިނުމަކީ އޭރު އެންމެ ކަންބޮޑުވި ކަންތައް ކަމަށެވެ.

އޭނާއަށް ލިބުނު މައުލޫމާތުން ގަބޫލުކުރެވުނީ އެސްއީޒެޑްގެ ގާނޫނުގެ ދަށުން ސައުދީ އަށް ރަށް ވިއްކާލަނީ ކަމަށެވެ. ގާނޫނީ ދާއިރާގެ ބޭފުޅުން ވެސް ވިސްނައިދިނީ އެ ގާނޫނުގެ ދަށުން އެ އެތަން ސައުދީ އަށް ވިއްކާލައިފި ނަމަ ރާއްޖޭގެ ގާނޫނު އެ ތަނަށް ނުހިނގާ ކަމަށާއި އެހެންވެ، ރާއްޖެ އަށާއި ފ. އަތޮޅަށް ލިބޭނެ ފައިދާއެއް އޭރު ނޭންގުނު ކަމަށް ނަސީމް ވިދާޅުވި އެވެ.

ފ. އަތޮޅު ވިއްކާލުމާ ދެކޮޅަށް ބިލެތްދޫގައި 2017 ވަނަ އަހަރު ކުރި މުޒާހަރާއެއްގައި ބަޔަކު ބައިވެރިވަނީ.

ފ. އަތޮޅު ވިއްކާލުމާ ދެކޮޅަށް ބިލެތްދޫގައި 2017 ވަނަ އަހަރު ކުރި މުޒާހަރާއެއްގައި ބަޔަކު ބައިވެރިވަނީ.

"އަޅުގަނޑުމެން ބުނީ ވިއްކާލުމާ އަޅުގަނޑުމެން ދެކޮޅޭ. ރާއްޖޭގައި ޓޫރިޒަމަށް ދިމަދިމާލުގައި ރަށްތައް ދިގު މުއްދަތަކަށް ދީފައި ހުންނަނީ. އެކަމަކާ ދެކޮޅެއް ނޫން. އަޅުގަނޑުމެންގެ ކަންބޮޑުވުމަކަށް ވީ ފުރަތަމަ ކަމަކަށް، މި ރަށް ކައިރީގައި އޮންނާނެ ވިލިވަރު ފަޅު ކިޔާ ފަޅެއް. އެ ފަޅާ ހަމައަށް އެ ސަރަހައްދު އަންނަ ކަމަށް މައުލޫމާތު ލިބުނީ،" އޭނާ ބުންޏެވެ.

"ފ. އަތޮޅުގައި އެންމެ ބޮޑަށް މި އޮންނަނީ ފާނަ މަސްވެރިކަން. ރާއްޖޭގެ ނިސްބަތުން ވެސް އެންވެރިކަން އެންމެ ރަނގަޅު އަތޮޅު މިއީ. އެ މީހުންގެ ޒޯނެއްގެ ގޮތުގައި ގާތްގަނޑަކަށް އަތޮޅުގެ ބޮޑު ބައެއް މި އޮންނަނީ... ފާނަ މަސްވެރިކަމުގައި ރިސޯޓުތައް ގިނަ ވީމަ އޭރު މަސްވެރިކަން ކުރި ވަރަށް ގިނަ ސަރަހައްދުތައް ނެތި ހިނގައްޖެ، ކައިރިއެއް ނުކުރެވޭ. އެކަހަލަ ކަންބޮޑުވުންތަކެއް ހުރީ. ސާފުކޮށް އޭރު އަޅުގަނޑުމެންނަށް ސަރުކާރަކުން ވެސް މަޖިލިސް މެމްބަރުގެ ފަރާތުން ވެސް ސާފު މައުލޫމާތެއް ނުލިބޭ. އަޅުގަނޑުމެން ވަރަށް ބޮޑަށް އެދުނިން މީގައި ކޮބައިތޯ ސަރުކާރުގެ ވިސްނުމަކީ."

ރަށު ސިއްހީ މަރުކަޒުގެ މެނޭޖަރުގެ މަގާމުގައި މި ވަގުތު ހުރި ނަސީމް ބުނީ ހިމިތި މަޝްރޫއުގެ ތަފްސީލު ހާމަކުރި ނަމަ އެކަމާ ދެކޮޅަށް އޭނާ މަގުމައްޗަށް ނުނިކުންނާނެ ކަމަށެވެ. އެ ރަށުގައި ޔާމީންގެ ސަރުކާރުން ހިންގި ތަރައްގީގެ އެހެން މަޝްރޫއުތަކަށް ވެސް ފުރިހަމަ އެއްބާރުލުން ދިންކަން އޭނާ ފާހަގަކުރެ އެވެ.

"އެ ތަން މިސާލަކަށް ސައުދީ އަށް ދިން ނަމަވެސް މިހާރު މައްސަލައެއް ނޫން ދިގު މުއްދަތަކަށް، ހިމިއްޗެއް ނޫން އެހެން ރަށެއް ވިޔަސް ރައްޔިތުންނަށް އެއިން މަންފާއެއް ކުރާ ގޮތަށް. އެކަންކަން ސާފުވާ ގޮތަށް ކަން ކުރުމަށް އަޅުގަނޑުމެން އެދެން މިހާރު ވެސް." ނަސީމް ބުންޏެވެ.

"ރަނގަޅަށް ސާފުކޮށްދިން ނަމަ އަޅުގަނޑުމެން ނުނިކުންނާނަން މި ކަމާ ދެކޮޅަކަށް."

ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި ހިންގި ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު، ސިނަމާލެ ބްރިޖުގެ މަސައްކަތަށް ރާޅުގަނޑު ސަރަހައްދު ހުސްކުރާތީ ރާޅާ އަޅާ މީހުން އެކަމާ ދެކޮޅަށް އަޑުއުފުލި އެވެ. އެހެންވެ، ނަސީމް ގަބޫލުކުރަނީ ހިމިތި ސައުދީގެ ޝާހީ އާއިލާ އަށް ދިގު މުއްދަތަކަށް ކުއްޔަށް ދޭން ބޭނުން ނަމަ އެކަން އޭރު އެކަން އޮންނާނީ ކޮށްފައި ކަމަށެވެ.

އިސްކުރީ ސިޔާސީ ވިސްނުން، މިހާރު އެންމެންނަށް ވެސް ދެރަ

ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދު ވިދާޅުވި ގޮތުގައި ހިމިތި މަޝްރޫއާ ދެކޮޅަށް އޭރުގެ އިދިކޮޅު ޕާޓީތަކުން މަސައްކަތްކުރީ ސިޔާސީ ވިސްނުމެއްގައި ކަމަށެވެ. އެ މީހުން ގަބޫލުކުރީ ވެސް އެ ބިޔަ މަޝްރޫއަކީ ސިޔާސީ ގޮތުން އެ ފަރާތްތައް ކުރިއަށް ދިއުމަށް އިތުރަށް ގޮންޖެހުން ބޮޑުވާނެ ކަމެއް ކަމަށެވެ.

ހިމިތީގައި ހަދާފައިވާ ގެއެއް ހަލާކުވެފައި -- ފޮޓޯ: ޖައިލަމް މަހުމޫދު/ މިހާރު

ހިމިތީގައި ހަދާފައިވާ ގެއެއް ހަލާކުވެފައި -- ފޮޓޯ: ޖައިލަމް މަހުމޫދު/ މިހާރު

"މުޅި މަސްރަހު މުޅި ދުނިޔެއަށާއި ރާއްޖެ އަށް ދެއްކުވީ އޭރު އިދިކޮޅުގައި މަސައްކަތްކުރި، މި އަތޮޅަށް ނިސްބަތް ނުވާ ފަރާތްތައް. މި އަތޮޅުގެ އެންމެ ދޯންޏަކުން ވެސް ކަނޑުމައްޗަކަށް ނުނިކުމޭ. ނަމަވެސް މަންޒަރު ދައްކަން ބޭނުންވީ ސައުދީ ރަސްގެފާނު ރާއްޖޭގައި ޗުއްޓީގައި ހުންނެވުމުން މިކަމުގައި ރާއްޖޭގެ ރައްޔިތުން ކަންބޮޑުވުން އޮތްކަން ހާމަކޮށްދޭން." އޭނާ ވިދާޅުވި އެވެ.

ނިލަންދު އަކީ ފ. އަތޮޅުގައި އެންމެ އާބާދީ ބޮޑު ރަށަށް ވާއިރު، އެ މަޝްރޫއާ ދެކޮޅަށް އެ ރަށުން އެއްވެސް މީހަކު ނުނިކުންނަ ކަމަށް އަހުމަދު ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަމުގައި ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރުކަން ވެސް ކުރެއްވި އަހުމަދު ވިދާޅުވީ ހިމިތި މަޝްރޫއުގެ މައުލޫމާތު މި ރަށު މީހުންނަށް އެނގޭ ކަމަށެވެ. އެ މަޝްރޫއާއެކު ނިލަންދޫގައި ރަނގަޅު ފެންވަރުގެ ކޮލެޖަކާއި ރާއްޖޭގައި ނެތް ފެންވަރުގެ ހޮސްޕިޓަލެއް ހެދުމުގެ ވާހަކަތައް ދެކެވުމުން، ސައުދީ އަށް ހިމިތި ކުއްޔަށް ދިނުމާ ދެކޮޅަށް މި ރަށުގެ އެއްވެސް މީހަކު މަސައްކަތެއް ނުކުރާ ކަމަށް ވިދާޅުވި އެވެ.

ހިމިތި މަޝްރޫއު ކާމިޔާބުނުވި ސަބަބެއް ކަމަށް އޭނާ ގަބޫލުކުރައްވަނީ ދެ ވަނަ ދައުރަކަށް ޔާމީން އިންތިހާބު ނުވުމެވެ. ފަހު ވަގުތާ ހަމައަށް ވެސް ޔާމީން މަސައްކަތް ކުރެއްވީ ދެ ވަނަ ދައުރެއް ކާމިޔާބުކުރަން ކަމަށް ވާތީ އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތަކަށް ރައްދު ދިނުމަކީ އެ ސަރުކާރަކަށް މުހިއްމު ކަމަކަށް ނުވި އެވެ.

"ސަތޭކަ ޕަސެންޓް ގަބޫލުކުރާ ކަމެއް ރައީސް ޔާމީން ދެ ވަނަ ދައުރަކަށް ހޮވުނު ނަމަ މި މަޝްރޫއު ކާމިޔާބުވެފައި އޮންނާނީ މިހާރު. މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ޕީޕީއެމް މޮޅުވެއްޖެނަމަ އެ މަޝްރޫއު އަންނާނެ ކަމަށް މުޅި މި އަތޮޅުގެ ރައްޔިތުން ގަބޫލުކުރޭ." އަހުމަދު ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ އެ ކެމްޕެއިންގައި އިސްކޮށް އުޅުނީ އެމްޑީޕީ މީހުންނަށް ވާއިރު އެ މީހުން މިހާރު ހިތާމަކުރެ އެވެ. އަތޮޅު ކައުންސިލްގެ ރައީސުންނާ ބައްދަލުވެގެން ވާހަކަދައްކާއިރު އެ ޕްރޮޖެކްޓު ހުއްޓުމުން އެ ކަމުގެ ކަންބޮޑުވުންތައް އެބަހުރި ކަމަށް ވިދާޅުވި އެވެ.

"މި ޕްރޮޖެކްޓުގައި ކަންތައްތަކެއް ނުހިނގާ އޮތެއް ކަމަކު މި އަތޮޅު ރައްޔިތުން އިރާދަކުރެއްވިއްޔާ ވެގެންދާނީ މި ރާއްޖޭގައި އެންމެ ފުދުންތެރި މީހުން އުޅޭ ރަށަށް. މި އަތޮޅަކީ ރާއްޖޭގެ ނިސްބަތުން ދެ ވަނަ އަށް އެންމެ ކުޑަ އަތޮޅު. އާބާދީގައި 5،000 އެއްހާ މީހުންގެ ވާހަކަ ދައްކާއިރު މި ބުނަނީ 25 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް މި ތަނަށް ކުރާ ވާހަކަ. މާނައަކީ އެ ހުރިހާ ފައިސާއެއް އެނބުރޭނީ މި އަތޮޅުގެ މެދުގައި. އޭރުން އިގުތިސޯދީ ގޮތުން ގަބޫލުނުކުރާ ވަރުގެ ކުރިއެރުމެއް ލިބިގެންދާނެ،" އަހުމަދު ވިދާޅުވި އެވެ.

ނަމަވެސް، ފ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަދި މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދުގެ ވާހަކަ ތަފާތެވެ.

އެ މުޒާހަރާތައް ކުރިއިރު ވެސް އެ ރަށުގެ ރައީސަކަށް ހުންނެވި ވަހީދު ވިދާޅުވީ އޭރު ލިބުނު މައުލޫމާތުތަކަށް ބަލާފައި އެ ރަށް ދޫކޮށްލުމަކީ އަތޮޅުގެ ރައްޔިތުންނަށް ލިބޭނެ ގެއްލުމެކެވެ. އެހެންވެ، އެ މުޒާހަރާތަކުގައި އިސްކޮށް އުޅެވުނަސް މިއަދު ހިތާމަނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ލިބިފައި ހުރި މައުލޫމާތަށް ބަލާއިރު، ހިމިތި ދޫކޮށްލަން އުޅުނީ ފ. އަތޮޅުގެ ރައްޔިތުންނަށް އޭގެ މަންފާއެއް ކުރާނެ ގޮތަކަށް ނޫން. މިއަދު ވެސް ހިމިތި މި އޮތީ ފ. އަތޮޅު ރައްޔިތުން އަދި ރާއްޖެ އަށް ވެސް މަންފާކުރާނެ ގޮތަކަށް ނޫން. އެހެން އޮވެ ރަށް ހަލާކުވެގެން ދަނީ. ސަރުކާރަކުން ވެސް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ފ. އަތޮޅު ރައްޔިތުން އެންމެ ބޭނުންވާ ގޮތަކަށް ހިމިއްޗާ ދޭތެރޭ އަމަލުކުރެވެމުންދާ ތަނެއް." ވަހީދު ވިދާޅުވި އެވެ.

ފ. އަތޮޅު ވިއްކާލުމާ ދެކޮޅަށް އެ އަތޮޅުގެ ރަށެއްގައި 2017 ވަނަ އަހަރު ބޭއްވި މުޒާހަރާއެއްގައި ބަޔަކު ބައިވެރިވަނީ.

ފ. އަތޮޅު ވިއްކާލުމާ ދެކޮޅަށް އެ އަތޮޅުގެ ރަށެއްގައި 2017 ވަނަ އަހަރު ބޭއްވި މުޒާހަރާއެއްގައި ބަޔަކު ބައިވެރިވަނީ.

އޭނާ ވިދާޅުވި ގޮތުގައި ހިމިތީގެ މައްސަލަ ހައްލުކުރަން މިނިސްޓްރީއާއެކު ވަރަށް ގިނައިން މަޝްވަރާކޮށްފައިވާ ކަމަށެވެ. އެ ޝަކުވާތަކަށް މިނިސްޓްރީން ދިން ޖަވާބަކީ އެ ރަށް ކުރީގެ ސަރުކާރުން ދިން ގޮތުން އަނބުރާ ހޯދަން އުނދަގޫ ކަމެވެ. ހަމަތަކާއި އުސޫލުތަކުގެ ތެރެއިން އެކަން ހައްލުކުރެވޭތޯ މަސައްކަތްކުރާ ކަމަށް މިނިސްޓްރީއާ ހަވާލައިދީ ވަހީދު ވިދާޅުވި އެވެ.

"މިހެން އޮތުމަކީ ފ. އަތޮޅު ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫނޭ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ވެސް ރިސޯޓެއް ހަދާކަށް އެއަށް ވުރެ ފުރިހަމަ ރަށެއް ނޯންނާނެ. އެކަން ހިތާމަކުރަން. އެކަމަކު އެތަން ކުރީގައި ދޭން އުޅުނު ގޮތް އެއީ ގަބޫލުކުރެވޭ ގޮތެއް ނޫން. އެގޮތަށް ދީގެން ރައްޔިތުންނަށް ކުރާނެ މަންފާއެއް ނޯންނާނެ."

"އަޅުގަނޑަށް ލިބުނު މައުލޫމާތުގައި އެތަން ހަމަ އެއްކޮށް ދެނީ. ހަމަ ގޮސްފައި އެތަނަށް ވަދެވޭ ގޮތަކަށް ނޫން އޮތީ. އެތަނަށް ގޮސްފައި އަޅުގަނޑުމެން ބޭނުންވާ ކަންކަން ކުރެވޭ، އެއިން އަޅުގަނޑުމެންނަށް ނަފާ ލިބޭ ގޮތަކަށް ނޫން."

އާއްމުންނާ ހަމައަށް މި ވާހަކަތައް ތިލަވިއިރު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި އޮތީ ހިމިތީގައި ރިސޯޓު ތަރައްގީކުރަން 50 އަހަރަށް ކުއްޔަށް ދީފަ އެވެ. އެކަމަކު، ބޭރުގެ ބޮޑެތި މީޑިއާތަކުގެ ފަލަ ސުރުހީއަށް އަރައި މުޅި ރާއްޖޭގައި ހިންގި ވަރުގަދަ ކެމްޕެއިންގެ އާހިރު ނަތީޖާއަކީ "ސަންރައިޒް" މަޝްރޫއުގައި ސިއްކަ ޖެހުމެވެ. އޭގެ ފައިދާއެއް މި އަތޮޅުގެ ރައްޔިތުން އަދި ސަރުކާރަކަށް ވެސް ނުކުރި އެވެ.