ފ. ނިލަންދޫ އަށް ދިޔަ މޯލްޑިވްސް އިންޑިޕެންޑެންޓްގެ ދެ ނޫސްވެރިއަކަށް އެރަށު ބަޔަކު ބިރު ދައްކާފައިވާ ކަމަށް ބުނާ ވާހަކަތައް އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ޚަލީލް މިއަދު ދޮގު ކުރައްވައިފި އެވެ.
03 މާޗް 2017
ފ. ނިލަންދޫ އަށް ދިޔަ މޯލްޑިވްސް އިންޑިޕެންޑެންޓްގެ ދެ ނޫސްވެރިއަކަށް އެރަށު ބަޔަކު ބިރު ދައްކާފައިވާ ކަމަށް ބުނާ ވާހަކަތައް އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ޚަލީލް މިއަދު ދޮގު ކުރައްވައިފި އެވެ.
ސައުދީ އަރަބިއާގެ އިސް ފަރާތްތަކާ ގުޅިގެން ފ. އަތޮޅުގައި ހިންގަން ސަރުކާރުން ނިންމާފައިވާ ބޮޑު މަޝްރޫއާ ގުޅޭގޮތުން އެ އަތޮޅުގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ދިޔަ ދެ ނޫސްވެރިންނަށް ނިލަންދޫގެ ބަޔަކު ބިރު ދެއްކުމުން ފުލުހުން ވަނީ އެ ނޫސްވެރިންނަށް ހިމާޔަތް ދީފަ އެވެ.
ނިލަންދު އަށް ދިޔަ މޯލްޑިވްސް އިންޑިޕެންޑެންޓުގެ ހަސަން މުހައްމަދާއި ހަސަން މޫސާ އަށް ފާރަލައި، އެ މީހުންނަށް ބިރުދެއްކި މައްސަލާގައި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ން އިއްޔެ ނެރުނު ނޫސްބަޔާނުގައި ބުނީ އެ މައްސަލާގައި ކަންބޮޑުވާ ކަމަށާއި އަދި އެ އަމަލު ކުށްވެރިކުރާ ކަމަށެވެ. އަދި ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ވެސް އިންޒާރެއް ލިބިފައިވާތީ އެ ކަމާ ވެސް އެމްއެމްސީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެއީ މިނިވަން ނޫސްވެރިކަމަށް ކުރިމަތިވާ ހުރަސްތަކެއް ކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.
މިކަމާ ގުޅިގެން ނިލަންދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޚަލީލް ނެރުއްވި ބަޔާނުގައި ވިދާޅުވީ "އެއްވެސް މިންވަރެއްގެ ތަހުގީގެއް ނުހިންގައި އަދި ބަލަންވާ ވަރަށް ނުބަލައި، މޯލްޑިވްސް އިންޑިޕެންޑެންޓުގެ ނޫސްވެރިން ކަމަށް ބުނާ ދެ ފަރާތެއް ފ. ނިލަންދޫ އަށް ކުރި ދަތުރެއްގައި އެ ދެފަރާތަށް ފ. ނިލަންދޫގައި ނުރައްކާތެރި ހާދިސާއެއް ކުރިމަތިވި ކަމަށް ބުނެ މޯލްޑިވްސް މީޑިއާ ކައުންސިލުން ނެރެފައިވާ ބަޔާނާ މެދު ކަންބޮޑުވުން" ފާޅުކުރައްވާ ކަމަށެވެ.
ޚަލީލްގެ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި އެމްއެމްސީން ބަޔާން ނެރެފައި ވަނީ، ދެ ނޫސްވެރިން ދިން "ދޮގު މައުލޫމާތުގެ" މައްޗަށް ބުރަވެ އެވެ. އަދި އެގޮތަށް އެމްއެމްސީން ބަޔާން ނެރުމުން ނިލަންދޫގެ ރައްޔިތުންގެ މެދުގައި އިންތިހާ އަށް ނުތަނަވަސްކަން އުފެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މޯލްޑިވްސް އިންޑިޕެންޑެންޓުގެ ދެ ނޫސްވެރިންގެ ތެރެއިން ހަސަން މުހައްމަދު "މިހާރު" އަށް އިއްޔެ ބުނިގޮތުގައި އެ ދެ މީހުންނަށް ބިރުދެއްކި މީހުން ތުހުމަތުކުރީ، އެ މީހުން ނިލަންދު އަށް ދިޔައީ ފިތުނަފަސާދަ އުފެއްދުމަށެވެ. އެހެންވެ ކެމެރާ އާއި އެހެން ވެސް ސާމާނު ހަލާލުކުކޮށްލާނެ ކަމުގެ އިންޒާރު ދިން ކަމަށް ހަސަން ބުނެފައިވެ އެވެ. މި އިންޒާރަށް ފަހު އެ މީހުން ތިބި ގޭދޮށަށް ވެސް ބަޔަކު އެއްވި ކަމަށް އޭނާ ބުންޏެވެ.
ފ.ނިލަންދޫ. އެ ރަށަށް ދިޔަ މޯލްޑިވްސް އިންޑިޕެންޑެންޓުގެ ދެ ނޫސްވެރިއަކަށް ބިރު ދއްކުމުން ފުލުހުން ވަނީ އެ މީހުންނަށް ހިމާޔަތް ވެސް ދީފައި
ޚަލީލްގެ ބަޔާނުގައި ވިދާޅުވީ، މޯލްޑިވްސް އިންޑިޕެންޓުގެ ދެ ނޫސްވެރިންނަކީ، ނޫސްވެރިންކަން އަންގައިދޭ އެއްވެސް ލިޔެކިޔުމެއް، އެ މީހުން ބައްދަލުކުރި މީހުންނަށް ދެއްކިފައި ނުވާ ކަމަށެވެ.
ޚަލީލް ވިދާޅުވީ ނޫސްވެރިކަމުގެ އަޚުލާގީ މިންގަނޑުން އެ ނޫސްވެރިން ބޭރުވެފައިވާ ކަމަށާއި އަދި ވަކި ފަރާތަކަށް ބުރަވާ ގޮތަށް އެ މީހުންގެ ވާހަކަތައް ހުރުމުން، ރައީސް ޔާމީން ގެންނަވާ ތަރައްގީއާ ދެކޮޅު ފިކުރުތަކަށް ބާރު ލިބޭ ގޮތަށް ވާހަކަ ނުދެއްކުމަށް ނިލަންދޫގެ އެތައް ބަޔަކު ތަކުރާރުކޮށް އެދުނު ކަމަށެވެ. އަދި އެ ނޫސްވެރިންނާ ދިމާކުރުމުގެ ގޮތުން ނިލަންދޫގެ އެއްވެސް ބަޔަކު ބަހެއް ނުބުނާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޚަލީލް ވިދާޅުވާ ގޮތުގައި، ދެ ނޫސްވެރިންގެ ޝަކުވާ ފުލުހުންނަށް ރިޕޯޓްކުރީ، ނިލަންދޫން އެ މީހުންނާ ވާހަކަ ދެއްކި މީހުން އެދުނު ގޮތަށް އަމަލުތައް ނުބެހެއްޓުމުންނެވެ. އޭނާ ވިދާޅުވީ އެމްއެމްސީން ބަޔާން ނެރުނީ "އެއްވެސް ހަގީގަތެއް ނެތް، އަދި ޚިޔާލީ ކަންތައްތަކެއްގެ" މައްޗަށް ބިނާކޮށް ކަމަށެވެ.
އެއީ ނިލަންދޫ ރައްޔިތުން ބަދުނާމު ކުރުމުގެ ނިޔަތުގައި އެމްއެމްސީން ނެރުނު ބަޔާނެއް ކަމަށް ވެސް ޚަލީލް ވިދާޅުވި އެވެ.
"ކަން މިހެން އޮތުމާއެކު، ނިލަންދޫ ރައްޔިތުން ބަދުނާމުވާ ގޮތަށް މީޑިއާ ކައުންސިލް ފަދަ ދައުލަތުގެ މުއައްސަސާއަކުން މިފަދަ ނޫސްބަޔާނެއް ނެރެންވާނީ ކަން ހިނގާފައިވާ ގޮތް ރަނގަޅަށް ބެލުމަށް ފަހުގަ އެވެ. އަދި މިފަދަ ޒިންމާދާރުކަން ކުޑަ އަމަލެއް މީޑިއާ ކައުންސިލްގެ ފަރާތުން މުސްތަގުބަލުގައި ނުފެންނާނެ ކަމަށް އުންމީދު ކުރަމެވެ،" ވެރިކަންކުރާ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވާ ޚަލީލް ވިދާޅުވި އެވެ.
ނޫސްވެރިންނަށް ބިރު ދެއްކުމުން ކަންބޮޑުވުން ފާޅުކޮށްފި
ފ. އަތޮޅުން މީހުނެއް ނުބާލާނެ: ޚަލީލު
ނަޝީދުގެ ސައުދީ ދަތުރުފުޅަށް އެތައް ބައެއްގެ ފާޑުކިޔުން
ފ. މަޝްރޫއު ހުއްޓިފައިވާ ކަމުގެ އިޝާރާތެއް
މައްސަލައަކީ ކޮބައިތޯ؟
"ބިން ވިއްކޭ ގޮތް ހެދީ ވަކި ބަޔަކަށް ކަމެއް ނޭނގޭ"
ނިހާނާއި ޑރ. ޝަހީދާ ދެމެދު ބަހުގެ ހޫނު ހަމަލަތަކެއް
މިހިރީ ފ. ގައި، ވިއްކާލަން އުޅޭހެން ހީ ވެސް ނުވޭ!
ފ. ގެ މައްސަލާގައި ބިރުދެއްކުން ހުއްޓާލަން ގޮވާލައިފި
ފ. އަތޮޅު މަޝްރޫއާ ބެހޭ މައުލޫމާތު މަޖިލީހަށް ނުލިބޭ