Roadha Mihaaru
ފާޑުވިދާޅުވި ލަންކާ މިނިސްޓަރު މާފަށް އެދިވަޑައިގެންފި

ރާއްޖެއަށް ފާޑުވިދާޅުވި ލަންކާ މިނިސްޓަރު މާފަށް އެދިވަޑައިގެންފި

13 މާޗް 2023

ރާއްޖެއަކީ "ފޫހި މަންޒިލެއް" ކަމަށް ވިދާޅުވެ ފާޑު ވިދާޅުވެވުނީތީ، ސްރީ ލަންކާގެ ޓޫރިޒަމް މިނިސްޓަރު ހަރިން ފެނާންޑޯ މައާފަށް އެދިވަޑައިގެންފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖެއަކީ "ފޫހި މަންޒިލެއް" ކަމަށް ވިދާޅުވެ ފާޑު ވިދާޅުވެވުނީތީ، ސްރީ ލަންކާގެ ޓޫރިޒަމް މިނިސްޓަރު ހަރިން ފެނާންޑޯ މައާފަށް އެދިވަޑައިގެންފި އެވެ.

ޖަރުމަނުވިލާތުގައި ކުރިއަށް ގެންދިޔަ އައިޓީބީ ފެއާގައި ލަންކާގެ ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ ގޮތުން އޭނާ ވިދާޅުވީ ރާއްޖެ އަންނަ ޓޫރިސްޓުން ހިތްހަމަޖައްސާލަން ލިބޭނެ ހަމައެކަނި ތަނަކީ ރީތި ގޮނޑުދޮށްތައް ކަމަށެވެ. އަދި ޓޫރިސްޓުން ފަސް ވަރަކަށް ދުވަހު ރާއްޖޭގައި މަޑުކޮށްލާއިރަށް އެތަންތަނުގެ މަތިން ވެސް ފޫހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލަންކާގެ ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ ނަމުގައި އަވަށްޓެރި ގައުމަކާ ގުޅޭ ގޮތުން މިގޮތަށް ވާހަކަދެއްކިގެން ނުވާނެ ކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ ފާޑުކިޔަމުންނެވެ. މިނިސްޓަރުގެ ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ލަންކާގެ ގިނަ ބަޔަކު ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

މާފަށް އެދިވަޑައިގެން މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ރީތި ރަށްތަކާ ބެހޭގޮތުން އެ ފެއާގައި ދެއްކި ވާހަކަ ސޯޝަލް މީޑިއާގައި ދައްކާފައި ވަނީ އޮޅުވާލައިގެން ކަމަށެވެ. އަދި ޓޫރިޒަމް ދާއިރާގައި ލަންކާ އިން މަސައްކަތް ކުރަނީ ރާއްޖެއާ ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލަންކާ މިނިސްޓަރުގެ ވާހަކަތަކަށް ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު، އަބްދުﷲ މައުސޫމް ވެސް ވަނީ ރައްދު ދެއްވައިފަ އެވެ.