Roadha Mihaaru
ބޮޑު ޓެކްސްއިން ސަލާމަތްވާން އަވަހަށް ޓެކްސް ދައްކައިފި

ބޮޑު ޓެކްސް އިން ސަލާމަތްވާން ޓޫރިޒަމް ދާއިރާއިން އަވަހަށް ޓެކްސް ދައްކައިފި

13 މާޗް 2023

ޖީއެސްޓީ އާއި ޓީޖީއެސްޓީ ރޭޓް ބޮޑުކުރަން ނިންމުމުން އެ ރޭޓްގައި ދައްކަންޖެހޭ ޓެކްސް މަދުކުރުމަށް، ޓޫރިޒަމް ހިދުމަތްދޭ ގިނަ ތަންތަނުން ޖެނުއަރީ މަހު އެޑްވާންސްކޮށް ޓެކްސް ދައްކައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޖީއެސްޓީ އާއި ޓީޖީއެސްޓީ ރޭޓް ބޮޑުކުރަން ނިންމުމުން އެ ރޭޓްގައި ދައްކަންޖެހޭ ޓެކްސް މަދުކުރުމަށް، ޓޫރިޒަމް ހިދުމަތްދޭ ގިނަ ތަންތަނުން ޖެނުއަރީ މަހު އެޑްވާންސްކޮށް ޓެކްސް ދައްކައިފި އެވެ.

މީރާއިން އާންމުކުރި ތަފާސް ހިސާބުތަކުން އެނގޭ ގޮތުން މިދިޔަ ފެބްރުއަރީ މަހު އަންދާޒާކުރި ވަރަށް ވުރެ 21 ޕަސެންޓަށް ޓެކްސް އާމްދަނީ ވަނީ ދަށްވެފަ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ މިދިޔަ މަހު ލިބޭނެ ކަމަށް ލަފާކުރި ޓީޖީއެސްޓީ ކުރިއާލައި ދެއްކުމެވެ.

މިދިޔަ މަހު ޓެކްސްގެ ގޮތުގައި ދައުލަތަށް 1.7 ބިލިއަން ރުފިޔާ ލިބުނެވެ. އެކަމަކު މިއީ ޖެނުއަރީ މަހަށް ވުރެ ގާތްގަނޑަކަށް 50 ޕަސެންޓު ދަށް އަދަދެކެެވެ.

ޖެނުއަރީ މަހު ވަނީ އަންދާޒާކުރި ވަރަށް ވުރެ 70 ޕަސެންޓު އިތުރަށް ޓެކްސް އާމްދަނީ ލިބިފަ އެވެ. އެ މަހު ޓެކްސްގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ އެއް މަހެއްގެ ތެރޭ މީރާއަށް އެންމެ ބޮޑު އާމްދަނީއެއް ވަތް މަހެވެ.

ޖެނުއަރީ މަހު އާދަޔާ ހިލާފަށް ޓެކްސް އާމްދަނީ އިތުރުވެ، މިދިޔަ ފެބްރުއަރީ މަހު ލަފާކުރި އާމްދަނީ ނުލިބުނީ، "ޓައިމް އޮފް ސަޕްލައި" އުސޫލުން ޓޫރިޒަމް ހިދުމަތްދޭ ތަންތަނުން ޓީޖީއެސްޓީ ކުރިއާލައި ކުޑަ ރޭޓުގައި ދެއްކުމުންނެވެ. ކުރިއާލައި ބުކިން ލިބޭ ވަރަކުން އެޑްވާންސްކޮށް އިންވޮއިސްކޮށްގެން ޓީޖީއެސްޓީ އާއި ޖީއެސްޓީ ދެއްކޭނެ އުސޫލެއް މީރާއިން ފަހިކޮށްދީފައިވެ އެވެ. އެހެންވެ، އުސޫލުގެ ބޭނުންކޮށްގެން ގިނަ ވިޔަފާރިތަކުން ޓެކްސް އެޑްވާންސްކޮށް ދެއްކީ އެވެ.

މިއަހަރުގެ ޖެނުއަރީ މަހު ދައްކާނީ ދައްކާނީ ޑިސެމްބަރު މަހުގެ ޖީއެސްޓީ އާއި ޓީޖީއެސްޓީ އެވެ. އެހެންވެ، އެ އަދަދުތައް ދައްކާނީ ކުރީގެ ޖީއެސްޓީ ރޭޓުގަ އެވެ.

ސަރުކާރުން ވަނީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް، އަދި ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް ބޮޑުކޮށްފަ އެވެ.

މިދިޔަ މަހު ލިބުނު ޓެކްސްގެ 70 ޕަސެންޓަކީ ޓީޖީއެސްޓީ އާއި ޖީއެސްޓީ އެވެ.

ޖެނުއަރީ މަހަށް ވުރެ ފެބްރުއަރީ މަހުގެ ޓެކްސް އާމްދަނީ ދަށްވި ނަމަވެސް، މިދިޔަ އަހަރުގެ ފެބްރުއަރީ މަހަށް ވުރެ މިއަހަރުގެ ފެބްރުއަރީ މަހު ލިބުނު ޓެކްސްގެ އަދަދު އިތުރެވެ. މީރާއިން ބުނީ އެ އަދަދު އިތުރުވީ، ޖީއެސްޓީ އާއި ޓީޖީއެސްޓީ ދައްކަންޖެހޭ އަދަދު ބޮޑުވުމުން ކަމަށެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނީ 1.4 ބިލިއަން ރުފިޔާ އެވެ.