Roadha Mihaaru
އެމެރިކާގެ ސީފުޑްއެކްސްޕޯ: އެންސިސްގެ މަސްހުނި މަގުބޫލު

އެމެރިކާގެ ސީފުޑް އެކްސްޕޯގައި އެންސިސްގެ މަސްހުނި ދަޅު މަގުބޫލު

14 މާޗް 2023

އެމެރިކާގެ ބޮސްޓަންގައި މިހާރު ކުރިއަށްދާ، ސީފުޑް އެކްސްޕޯ ނޯތު އެމެރިކާގައި އެންސިސް ފިޝަރީޒްގެ ސްޓޯލަށް ޒިޔާރަތްކުރި މީހުންނަށް އެ ކުންފުނީގެ މަސްހުނި ދަޅު މަގުބޫލު ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އެމެރިކާގެ ބޮސްޓަންގައި މިހާރު ކުރިއަށްދާ، ސީފުޑް އެކްސްޕޯ ނޯތު އެމެރިކާގައި އެންސިސް ފިޝަރީޒްގެ ސްޓޯލަށް ޒިޔާރަތްކުރި މީހުންނަށް އެ ކުންފުނީގެ މަސްހުނި ދަޅު މަގުބޫލު ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެންސިސް އިން ބުނި ގޮތުގައި އެ ސްޓޯލުގައި އެ ކުންފުނީގެ ދިވެހި އުފެއްދުންތަކުގެ ރަހަތައް ބަލައިލުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވެ އެވެ. އޭގެ ތެރޭގައި އެންސިސްގެ ކޭނިން ފެކްޓަރީގައި އުފައްދާ އެންޒީ ބްރޭންޑުގެ މަސްހުނި ދަޅުގެ އިތުރުން ދިވެހި ވަޅޯމަހާއި ތެލުލި ބަނޑައިދޫ ހިމެނެ އެވެ.

އެންސިސްގެ ސްޓޯލަށް ބަޔަކު ޒިޔާރަތް ކުރަނީ. -- ފޮޓޯ: އެންސިސް

އެންސިސްގެ ސްޓޯލަށް ބަޔަކު ޒިޔާރަތް ކުރަނީ. -- ފޮޓޯ: އެންސިސް

މިހާތަނަށް އެ ސްޓޯލަށް ޒިޔާރަތް ކުރި މީހުންގެ އެންމެ ބޮޑު ތަރުހީބެއް ލިބިފައި ވަނީ މަސްހުނި ދަޅަށް ކަމަށާއި ގިނަ ބަޔަކު އެ ޕްރޮޑަކްޓުގެ ތަފާތުކަމާއި މީރުކަން ފާހަގަކުރި ކަމަށް އެންސިސްއިން ބުންޏެވެ.

އެންސިސް ފިޝަރީޒްގެ ޖެނެރަލް މެނޭޖަރު ހުސެއިން އަފީފް ވިދާޅުވި ގޮތުގައި އެ އެކްސްޕޯގެ އަމާޒަކީ އެންސިސްގެ ޕްރޮޑަކްޓުތައް އެމެރިކާގެ އިތުރު މާކެޓުތަކަށް ތައާރަފްކޮށް، އެ ގައުމުގެ މާކެޓުތަކުގައި އެންސިސް ޕްރޮޑަކްޓުތަކުގެ ވިޔަފާރި ފުޅާކުރުމެވެ. އަދި އެންސިސްގެ ދަޅުގެ އުފެއްދުންތަކާއި ގަނޑުކުރި މަހުގެ އުފެއްދުންތައް ވިއްކަމުންދާ އެމެރިކާގެ މާކެޓުތައް އިތުރުކުރުން ކަމަށް ވެސް ވިދާޅުވި އެވެ.

މި އެކްސްޕޯ ފެށީ މި މަހުގެ 12 ވަނަ ދުވަހު އެވެ. މިއަދަކީ މި އެކްސްޕޯގެ ފަހު ދުވަހެވެ.

ސްޓޯލުގައި ޝޯކޭސް ކޮށްފައިވާ އެންޒީގެ މަސްދަޅުތައް. -- ފޮޓޯ: އެންސިސް

ސްޓޯލުގައި ޝޯކޭސް ކޮށްފައިވާ އެންޒީގެ މަސްދަޅުތައް. -- ފޮޓޯ: އެންސިސް

ސީފުޑް އެކްސްޕޯ ނޯތު އެމެރިކާ އަކީ ކޮންމެ އަހަރެއްގެ ވެސް މާޗު މަހު އެމެރިކާގައި ބާއްވާ ސީފުޑް ޓްރޭޑް ފެއާއެކެވެ. އެ ފެއާ އަށް ދުނިޔޭގެ ގިނަ ގައުމުތަކެއްގެ މަސް ކުންފުނިތަކުން އަންނަނީ ބައިވެރިވަމުންނެވެ.

ކޮވިޑުގެ ބަލިމަޑުކަމާ ހެދި މެދުކެނޑުމަށް ފަހު މިއީ މި އެކްސްޕޯ ބާއްވާ ދެ ވަނަ އަހަރެވެ. މި އެކްސްޕޯގައި ރާއްޖޭގެ ފިޝަރީޒް ޕްރޮމޯޝަން ބޯޑް އެމްއެސްޕީއީއޭއާ އެއްކޮށް ކޮންމެ އަހަރަކު ވެސް ދިވެހި ކުންފުނިތަކުން އެ އެކްސްޕޯގައި އަންނަނީ ބައިވެރިވަމުންނެވެ.

މި އެކްސްޕޯގައި މި އަހަރު ރާއްޖެއިން ބޭނުންކުރާ ޝިއާރަކީ "މޯލްޑިވްސް ޓޫނާ - ވޯލްޑްސް މޮޮސްޓް ސަސްޓެއިނަބަލް" މި ޝިއާރެވެ. ރާއްޖޭގެ ދޮށީގެ މަސްވެރިކަމަކީ ދުނިޔެއިިިން ބަލައިގެންފައިވާ އެންމެ ތިމާވެއްޓާ ރައްޓެހި ސަސްޓެއިނަބަލް މަސްވެރިކަމެވެ.